ރާއްޖެއިން މިއަހަރު އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ކެންސަރު ބަލީގައި ނިޔާވެއްޖެއެވެ.

ޒަމް ޒަމް ހަޖް އެންޑް އުމްރާ ޓްރެވަލް ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް ހުއްޓާއި ރޭ ފަތިހު ނިޔާވީ ހއ.ދިއްދޫ/ އޮސާކާ، އިބްރާހީމް ރަޝީދެވެ.

ޒަމް ޒަމް ހަޖް އެންޑް އުމްރާ ގުރޫޕުން ބުނީ، އުމުރުން 58 އަހަރުގެ އިބްރާހިމް ރަޝީދަކީ އުމްރާއަށް ދިޔައިރުވެސް ފުއްޕާމޭގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށެވެ. އޭނާ އުމްރާގެ އަޅުކަމަށް ފުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އޭނާ ނިޔާވީ މައްކާގައި ހުންނަ ނޫރް ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އެ ގުރޫޕުން މަޢުލޫމާތު ދީފައިވެއެވެ.

“އިންޑިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަން އުޅެފައި އުމްރާއަށް ދާން ވެގެން ރާއްޖެ އައީ. އުމްރާއަށް ދިޔައިރުއްސުރެ ޑޮކްޓަރަށް ދިޔައީ ދައްކަމުން. ރޭގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކުރީ،” ޒަމް ޒަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ހާމަކޮށްފައިވެއެވެ.

އިބްރާހިމް ރަޝީދު ނިޔާވި އިރު، އޭނާވަނީ އުމްރާގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ކަމަށްވެސް ޒަމްޒަމް ގްރޫޕުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން