ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ބިންމަތީގައި ހުރެގެން ހަނދުގައި އަތްލެވޭނެކަމަށް އެއްވެސް ބަޔަކު އުއްމީދު ކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު މިއަދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ސުޢޫދު މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 7 ޑިސެމްބަރު 2020 ގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހުކުމުގައެވެ.

މައްސަލައިގެ ޙުކުމް އިއްވަމުން ފަނޑިޔާރު ސުޢޫދު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު މިހާރު އޮތް ގޮތުން، ރިމާންޑް ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބުމުގެ މައްސަލައަށް ހައްލުލިބޭނީ ޝަރީއަތުގެ މަރުހަލާ އަވަސް ކޮށްގެން ކަމަށެވެ.

އެގޮތުން ޝަރީއަތުގެ މަރުހަލާ އަވަސްކުރެވޭނީ ކަމާބެހޭ ފަރާތްތަކުން ޝަރުޢީ ދާއިރާއަށް އެކަށީގެންވާ އިމާރާތްތަކާއި މުވައްޒަފުން ވީހާ އަވަހަކަށް ހޯދައިދީގެން ކަމަށް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

"އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން ނުވަތަ ބިންމަތީ ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް،" ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

ފަނޑިޔާރު މިއަދު ވިދާޅުވީ ބަންދުގައި ދިގު މުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގު ނޫން ކަމަށާއި އަދި ބަލި ހާލަތު ހުރި ގޮތުން ނުވަތަ އެ ނޫންވެސް އެފަދަ ސަބަބަކާހުރެ މުޖުތަމައަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ވެސް ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގު ނޫން ކަމަށެވެ.

އަދި ރިމާންޑް ބަންދުގެ މުއްދަތު 30 ދުވަހުން 30 ދުވަހުން މުރާޖައާ ކުރުމުގެ ބޭނުމަކީ ދައުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ވަންދެން ބަންދުގައި ނުތިބޭނެ އުސޫލެއް ގާއިމުކުރުން ކަމަށެވެ.

އެހެންކަމުން ރިމާންޑް ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީސްމީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އަވަހަށް ހުކުމްކުރުމަކީ އޭގެ އެއް ހައްލު ކަމަށާއި އެކަން ކުރެވޭނީ ކޯޓުތަކަށް އެކަށޭނަ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހާވެސް އަވަހަކަށް ހޯދައިދީގެން ކަމަށް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން