އަހުމަދު ޔާމިން   21 މާރިޗު 2024 - 10:59
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 4 މީހުންނަށް ވާވަރަށެވެ.

ބޭނުންވާ ތަކެތި:

ކުކުޅު މެރިނޭޓް ކުރަން

250 ގްރާމް ބޯންލަސް ކުކުޅާއި، 1/2 ސައިސަމުސާ ތެޅި މިރުހާއި، 1/2 ސައިސަމުސާ މުގުރި ދިރިއާއި، 1/2 ސައިސަމުސާ މުގުރި ކޮތަނބިރިއާއި، 1/2 ސައިސަމުސާ މުގުރި އަސޭމިރުހާއި، 1/4 ސައިސަމުސާ ލޮނު

މަސްގަނޑަށް

1 މެދު ސައިޒުގެ ފިޔާއާއި، 3 ލޮނުމެދާއި، 1/2 ބެލް ޕެޕަރއާއި ( ¼ ފެހި، ¼ ރަތް)، 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަދި 1 ސައިސަމުސާ އޮލިވް އޮއިލްއާއި، 1 މޭޒުމަތީ ސަމުސާ ޗިލީ ސޯސްއާއި، 1/2 ސައިސަމުސާ ތެޅި މިރުހާއި، 1 ސައި ސަމުސާ މިކްސްޑް ޑްރައިޑް ހަރބްސް، 1/2 ސައި ސަމުސާ ލޮނާއި، 1 މޭޒުމަތީ ސަމުސާ ފެން

ރެޕްތައް ހަދަން

1 ޖޯޑު ތުނިކޮށް ކޮށާފައިހުރި ޗެޑާ ޗީޒާއި، 1 ޖޯޑު ތުނިކޮށް ކޮށާފައިހުރި މޮޒަރެލާ ޗީޒާއި، 4 ޑެލި ސަން ފްލާ ޓޯޓިޔާ (7 އިންޗީގެ ޓޯޓިޔާ ހުންނަ ކުޑަ ޕެކެޓު)

ރެޕްތައް ޓޯސްޓް ކުރަން

2 ސައި ސަމުސާ ބަޓަރު

ހަދާނެ ގޮތް:

1. ކުކުޅުކޮޅު ގޮޅިކޮށް ކޮށާލާށެވެ. ގޮޅިތައް ބަހައްޓާނީ ހަފާލައިގެން ކާލެވޭ ވަރަށެވެ.

2. ބޯތަށްޓަކަށް ކުކުޅު، ތެޅި މިރުސް، ދިރި، ކޮތަނބިރި، އަސޭމިރުސް އަދި ލޮނު އަޅައި އެއްކޮށްލާށެވެ. ދެން މެރިނޭޓް ކުރަން އެހަށް ބަހައްޓާލާފައި ރެސިޕީއަށް ބޭނުންވާ އެހެން ކަންކަމައިގެން ކުރިއަށް ދާށެވެ.

3. ފިޔާ ތުނިކޮށް ކޮށާށެވެ. ތުނިކޮށް ދިގަށް ބެލް ޕެޕަރ ކޮޅު ކޮށާލާށެވެ. ލޮނުމެދުކޮޅު ކުދިކޮށް ކޮށާލާށެވެ.

4. ތެއްޔަކަށް 1 މޭޒުމަތީ ސަމުސަލުގެ އޮލިވް އޮއިލްކޮޅު އަޅާ ހޫނު ކުރާށެވެ. ހޫނު ވީމައި އޭގެ ތެރެއަށް ކުކުޅުކޮޅު އަޅައި ކުކުޅު ކޮޅު ރޯފިލަންދެން މެދު ގިނީގައި ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 7 މިނިޓު ވަރެވެ. ކެކުނީމައި ތަށްޓަކަށް ކުކުޅުކޮޅު ނަގާށެވެ.

5. ހަމަ އެ ތެއްޔަށް 1 ސައިސަމުސާ އޮލިވް އޮއިލް އަޅާފައި އޭގެ ތެރެއަށް ފިޔާ، ލޮނުމެދު އަދި ބެލް ޕެޕަރ އަޅާފައި ހުރިހާ އެއްޗެއް އެއްކުރަމުން 4 މިނިޓު ނޫނީ ފިޔާކޮޅު މަޑޫވެލަންދެން ކައްކާލާށެވެ.

6. ދެން ޗިލީ ސޯސް، ތެޅި މިރުސް، މިކްސްޑް ހަރބަސް، ލޮނު އަދި ފެން އަޅާ އެއްކޮށްލާފައި މިނިޓެއްވަރު ކައްކާލާށެވެ.

7. ދެން އޭގެ ތެރެއަށް ކުކުޅު ކޮޅު އަޅާ އެއްކޮށްލާފައި އަދި މިނިޓެއްވަރު ކައްކާލާށެވެ. އެއިރުން މަސްގަނޑު އެއޮތީ ހަދާ ނިމިފައެވެ.

8. ބޮޑު ތަށްޓަކަށް މޮޒަރެލާ ޗީޒްއާއި ޗެޑާ ޗީޒް އަޅާފައި އެއްކޮށްލާށެވެ. ދެން އެއްވަރުގެ ހަތަރު ޕޯޝަންއަށް ބަހާލާށެވެ.

9. ދެން ޑެލި ސަން ފްލާ ޓޯޓިޔާއެއް ތަށްޓެއްގައި ބާއްވާށެވެ. ޗީޒް ޕޯޝަންއެއް ނަގާފައި އޭގެ ދެބައިކުޅަ އެއްބައި ޓޯޓިޔާގެ އެއް ފަރާތަށް އަޅާށެވެ (މެދުން ޗީޒް އެތެރެއަށް ލާފައި ލައްޕާލެވޭ ގޮތަށް). ދެން މަސްގަނޑު ހަތަރު ބަޔަށް ބަހާލާފައި އެއިން އެއްބައި ޗީޒް މަތީގައި ފަތުރާލާށެވެ. ދެން ޗީޒް ޕޯޝަންގެ އަނެއް ބައި ކުކުޅުގެ މައްޗަށް ބުރުއްސާލާށެވެ. ދެން ޓޯޓިޔާ މެދުން ފަތް ޖަހާލާށެވެ. މިގޮތަށް މަސްގަނޑާއި ޗީޒް އަޅައިގެން ޓޯޓިޔާތައް ހުސްކޮށްލާށެވެ. ރެޕްތައް މިހާރު އެހެރީ ފިހަން ތައްޔާރު ވެފައެވެ.

10. ތަވައެއް ހޫނު ކުރާށެވެ. ދެން އޭގައި ½ ސައިސަމުސަލުގެ ބަޓަރުކޮޅެއް ހާކާލާށެވެ. ދެން ތަވާ މަތީގައި ރެޕްއެއް ބާއްވާލާފައި 3 މިނިޓު ނޫނީ ދެފުށަށް ކުލަ އަރާ ޗީޒް ވިރެންދެން ފިހާށެވެ. ދެން ތަށްޓަކަށް ނަގާފައި މެދުން ދެ ފަޅިއަށް ކަފާލާށެވެ. ދެން ހުރި ރެޕްތައްވެސް މިގޮތަށް ފިހެލާފައި މެދުން ކަފާލާށެވެ. އެއިރުން އެނިމުނީއެވެ. ހޫނުކޮށް ހުއްޓާ ކާލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން