ޓްރެސް ލެޗެސް ކޭކަށް ބޭނުންވާ ތަކެތި:

1 ޖޯޑު ފުށާއި، 1/2 2 ސައިސަމުސާ ބޭކިންގް ޕައުޑަރާއި، 1/4 ސައިސަމުސާ ލޮނާއި، 2 ބިހާއި، 1/2 ޖޯޑު ހަކުރާއި، 1/2 ޖޯޑު ތެލާއި، 1/3 ޖޯޑު ފުލް ކްރީމް ކިރާއި، 1 ސައިސަމުސާ ވެނީލާ އެސެންސް

ކޭކު ފޯކުރަން ބޭނުންވާ ތަކެތި:

1 ޖޯޑު ފުލް ކްރީމް މިލްކާއި، 1/2 ޖޯޑު ގެރިކިރާއި، 1/2 ޖޯޑު އިވެޕޮރޭޓަޑް ކިރާއި، 1 ސައިސަމުސާ ވެނީލާ އެސެންސް

ޓޮޕިންގްއަށް ބޭނުންވާ ތަކެތި:

1 ޖޯޑު ވިޕިންގް ކްރީމާއި، 1/2 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

7 އިންޗި ޑަޔަމީޓަރުގައި ހުރި ވަށް ކޭކު ފިހާ ތަބަކެއްގެ ފުލުގައާއި އަރިމަތި ތަކުގައި 2 ސައިސަމުސަލެއްހާ ތެޔޮ އުނގުޅާލާށެވެ. ދެން އުނގުޅާފައި ހުރި ތެޔޮތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްހާ ފުށް ބުރުއްސާލާށެވެ.

ފުށާއި، ބޭކިންގް ޕައުޑަރާއި ލޮނު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާފައި ބަހައްޓާށެވެ. 180 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާށެވެ. އެންމެ މަދުވެގެން، ކޭކު ފިހަން އަވަނަށް ލުމުގެ 10 މިނެޓު ކުރިން ހޫނު ކުރަން ޖައްސަން ވާނެއެވެ.

ދެން ބިހާއި ހަކުރާއި ތެޔޮ އެއްކުރާށެވެ. މިކަމަށް މިކްސަރެއް ބޭނުން ކުރެވިދާނެއެވެ. އެއްކުރާނީ ރަނގަޅަށް އެއްވެ، ކުލަ ކޮންމެވެސް ވަރަކަށް އަލިވެ، އޮލަކަމެއް އެއަށް އަންނަން ދެނެވެ. މިކްސަރު ބޭނުން ކުރާ ނަމަ މަޑު ދުވެލީގައި 2 މިނެޓު އެއްކޮށްލީމާ ރަނގަޅުވާނެއެވެ. އުލެއް ބޭނުން ކޮށްގެން އަތުން ވެސް މިކަން ކުރެވިދާނެއެވެ. މިހެން އެއްކުރާނަމަ 10 ވަރަކަށް މިނެޓު އެއްކުރަން ވާނެއެވެ.

އެއަށްފަހު ބޮޑު ބޯތަށްޓަކަށް މިކްސަރުގައި ހުރި ސާމާނު އޮއްސާލާށެވެ. ގިރާފައި ހުރި ބިސްތަކުގެ ތެރެއަށް ފުށް އެތިން 4 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް އަޅާ މަޑުމަޑުން އެއްކޮށްލާށެވެ. ދެން ކޭކަށް އަޅަން ހުރި ފުލްކްރީމް ކިރުން 2 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް ބިސްތަކުގެ ތެރެއަށް އަޅާލާފައި އަނެއްކާވެސް މަޑުމަޑުން އެއްކޮށްލާށެވެ. މިގޮތަށް ފުށާއި ކިރު އަޅައި އެއްކުރަމުން އެތަކެތި ހުސްކޮށްލާށެވެ. އަދި ކުރިން ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ.

ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބަހައްޓައިގެން ފިހާށެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރުނުލާ ހުންނާނެ ވަރަށެވެ. ކޭކު ފިހެވުމުން އަވަނުން ނަގާށެވެ. އަދި ކޭކު ފިހާ ތަބަކުން ނުނަގައި އެއްކޮށް ހިހޫވަންދެން ބަހައްޓާށެވެ.

ކޭކު ފިހެވެމުންދާއިރު ކޭކު ފޯކުރަން ބޭނުން ކުރަން ހުރި ހުރިހާ އެއްޗެއް ބޯތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ. ކޭކު އެއްކޮށް ހިހޫވީމައި އުލެއް ބޭނުން ކޮށްގެން ކޭކުގެ މަތީގައި ލޯވަޅުތަކެއް އަޅާށެވެ. ލޯވަޅުތަކުގެ ފުންމިން ކޭކުގެ ދެބައިކުޅައެއްބައިހާ ވަރަށް ބެހެއްޓުމުން ރަނގަޅުވާނެއެވެ. ކޭކު ފޯކުރަން ތައްޔާރު ކުރި ތަކެތި ކޭކުގެ މައްޗަށް އަޅާށެވެ. މިކަމަށް ބޭނުން ކުރާނީ މޭޒުމަތީ ސަމުސަލެކެވެ. އެތިކޮޅެއް އަޅާފައި ކޭކުގެ ތެރެއަށް ރަނގަޅަށް އެވަނުމުން އަނެއްކާވެސް އެތިކޮޅެއް އަޅާނީއެވެ. މިގޮތަށް ގޮސް ހުސް ކޮށްލާށެވެ.

ދެން ކޮންމެސް އެއްޗެއް ބޭނުން ކޮށްގެން ކޭކުގެ މަތި ޖަހާށެވެ. ދެން ފްރިޖްގައި މަދުވެގެން ދޮޅު ގަޑިއިރެއް ހާއިރު ބަހައްޓާށެވެ. ކޭކު އައިސް އަލަމާރިން ނަގަން ކައިރިވީމައި، ވިޕްޑް ކްރީމް ޓޮޕިންގް ތައްޔާރު ކުރާށެވެ.

ވިޕްޑް ކްރީމް ޓޮޕިންގް ތައްޔާރު ކުރަން އަތުން ހިފާ ކަހަލަ ކަރަންޓު މިކްސަރެއް ބޭނުންވާނެއެވެ. ބޯތަށްޓަކަށް ހަކުރާއި ވިޕިންގް ކްރީމް އަޅާފައި ހައި ސްޕީޑްގައި މެދުމިންވަރެއްގެ ޕީކްތަކެއް ހެދެންދެން ގިރާށެވެ. އެވަރަށް ގިރުނީމައި މިކްސަރުގެ ގިރާއެތީގައި ހަރުލާފައި ހުންނަ ކްރީމްތައް ހުންނާނީ ދޯރި ބައްޓަމަށެވެ. އަދި އެއްކޮށް ހަރު ނުވިނަމަވެސް އޭގެ ބައްޓަން ހުންނާނީ ފުދޭވަރަކަށް ހިފެހެއްޓިފައެވެ.

ކޭކުގެ މަތީގައި ވިޕްޑް ކްރީމް ފަތުރާލާށެވެ. އެއަށްފަހު ކާން ވަންދެން ކޭކު ފްރިޖަށްލާ މަތި ބަންދުކޮށްފައި ބަހައްޓާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން