އަހުމަދު ޔާމިން   17 މާރިޗު 2024 - 9:45
ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ނަބީ ބޭކަލުންގެ ދުޢާތަކާމެދު ވިސްނާ ފިކުރު ކޮށްލުމުން އެނގެނީ އެ ހުރިހާ ދުޢާތަކެއްގައި ޚާއްސަ ސިފައެއް އެކުލެވިގެން ވާކަމެވެ.

އެއީ "އާދަޔާޚިލާފު ކަންކަމަށް އެދި ދުޢާ ކުރުމެވެ."

ސުލައިމާނު عليه السلام ގެ މި ދުޢާ ނިކަން ބައްލަވާށެވެ!

وَهَبْ لِى مُلْكًا لَّا يَنۢبَغِى لِأَحَدٍ مِّنۢ بَعْدِى}

"އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ!"

އެކަލޭގެފާނު ދުޢާ ކުރެއްވީ ހަމައެކަނި ރަސްކަމެއް ދެއްވާކަށް ނޫނެވެ. ނުވަތަ ބޮޑު ރަސްކަމަކަށް ވެސް ނޫނެވެ. އެކަލޭގެފާނު ދެންނެވީ، އެކަލޭގެފާނު ފަހުން އެކަކަށް ވެސް ނުދެއްވާ ވަރުގެ ރަސްކަމެއް ދެއްވުމަށެވެ. މާތް ﷲ އެކަލޭގެފާނު ދުޢާ އިޖާބަކުރެއްވިއެވެ.

ޒަކަރިއްޔާ عليه السلام ގެ މި ދުޢާ ނިކަން ބައްލަވާށެވެ!

އެކަލޭގެފާނު މުސްކުޅިވެ ނިކަމެތިވެފަައި ވަނިކޮށް، އަދި އެކަލޭގެފާނުގެ އަނބިކަނބަލުން ދަރިމައި ނުވާ ކަން އެނގިވަޑައިގަންނަވާ ޙާލުގައި ވެސް ދުޢާ ކުރެއްވީ މި ފަދައިންނެވެ.

{رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ}

"އަޅުގެ ވެރި ރައްބެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ!"

އެކަލޭގެފާނުގެ ދުޢާ މިހިސާބުން އަދި ނިމުނީއެއް ނޫނެވެ. އެކަލޭގެފާނު ދުޢާ ކުރެއްވީ ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ފިރިހެން ދަރިއެއް ދެއްވުމަށެވެ.

{فَهَبْ لِى مِن لَّدُنكَ وَلِيًّا}

"ފަހެ، އިބަ އިލާހުގެ ރަހުމަތްފުޅުން މިއަޅާއަށް ވާރިސަކު ދެއްވައިފާނދޭވެ!"

{يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ وَٱجْعَلْهُ رَبِّ رَضِيًّا}

"މި އަޅާއާއި، ޔައުޤޫބުގެފާނުގެ އާލުވެރިންގެ ކިބައިން ވާރުތަވާނޭ ވާރިސެކެވެ. އަދި އަޅުގެ ވެރި ރައްބެވެ! އިބަ އިލާހު ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ!"

މާތް ﷲ އެކަލޭގެފާނު ދުޢާ އިޖާބަކުރެއްވިއެވެ. ﷲ سبحانه وتعالى އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.

ތިބާއަށް ހީވާ ގޮތުގައި އެކަމެއްވުން ވަރަށް ނާދިރު ކަންތައްތަކަށް ވެސް ދުޢާ ކުރާށެވެ! ބޭނުން ކަމަކަށް ދުޢާ ކުރާށެވެ! އެކަމަކު އިޖާބަ ކުރައްވާނެ ކަމުގެ ޔަޤީން ކަމާ އެކުގައެވެ.

[لأنك الله/ج2 އިން ޚުލާސާ ކުރެވިފައި]


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން