އަހުމަދު ޔާމިން   13 މާރިޗު 2024 - 10:22
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ 8 އެގް ޕަފްއެވެ.

މަސްގަނޑު ހަދަން ބޭނުންވާ ތަކެތި:

1 ކުޑަ ފިޔާ. 1/2 ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް). 1 މޭޒުމަތީ ސަމުސާ ތެޔޮ. 7 ހިކަނދިފަތް. 1/2 ސައިސަމުސާ ގާނާފައިހުރި އިނގުރު. 1/2 ސައިސަމުސާ ގާނާފައިހުރި ލޮނުމެދު. 1 ކުޑަ ދަޅު ޓޮމާޓޯ ޕޭސްޓް. 1 މަސް ދަޅު. 1 ސައިސަމުސާ ތެޅި މިރުސް. 1/4 ސައިސަމުސާ ލޮނު. 3 މޭޒުމަތީ ސަމުސާ ފެން. 2 ފެނުކެއްކި ބިސް.

ފުށްގަނޑު މޮޑެން ބޭނުން ވާތަކެތި:

1 ޖޯޑު ފުށް. 1/2 ސައިސަމުސާ ބޭކިންގް ޕައުޑަރ. 1/3 ސައިސަމުސާ ލޮނު. 1 މޭޒުމަތީ ސަމުސާ ތެޔޮ. 1 ބިސް. 5 މޭޒުމަތީ ސަމުސާ ފެން (ހޫނު އަދި ފިނި ނޫން)

އެގް ވޮޝް ހަދަން ބޭނުންވާ ތަކެތި:

1 ބިސް. 1 މޭޒުމަތީ ސަމުސާ ފެން

ހަދާނެ ގޮތް:

ފިޔާ އަދި ގިތެޔޮ މިރުސް ތުނިކޮށް ކޮށާށެވެ. ތެއްޔެއްގައި ތެޔޮކޮޅު ހޫނު ކުރުމަށްފަހު ފިޔާ، ގިތެޔޮ މިރުސް، ހިކަނދިފަތް އަދި އިނގުރު އޭގެ ތެރެއަށް އަޅާށެވެ. ފިޔާކޮޅު މަޑުވެ ވަރަށް ކުޑަކޮށް ރަތްވަންދެކަށް ކައްކާށެވެ. ދެން ލޮނުމެދުކޮޅު އަޅާ އެއްކޮށްލާފައި ބައި މިނެޓެއް ހާއިރު ކައްކާލާށެވެ. ޓޮމާޓޯ ޕޭސްޓް ވެސް ތެއްޔަށް އަޅާ އެއްކޮށްލުމަށް ފަހު މިނެޓެއް ހާއިރު ކައްކާލާށެވެ. ދެން މަސް ދަޅާއި، ތެޅި މިރުހާއި، ލޮނާއި، ފެން އަޅާ އެއްކޮށްލާށެވެ. މަޑު ގިނީގައި މިނެޓެއް ހާއިރު ކައްކާލާފައި އުނދުން މަތިން ބާލާށެވެ. އަދި އެއްޗަކަށް ނަގާފައި ހިހޫ ކުރަން ބަހައްޓާށެވެ.

ފެނު ކެއްކި ކުކުޅު ބިސްތައް، ކޮންމެ ބިހެއް ހަތަރު ފަޅިއަށް ވާގޮތަށް ފަޅާލާށެވެ. އެގް ޕަފްތައް ފިހަން ބޭނުން ކުރާނެ ތަބައް ތައްޔާރު ކުރާށެވެ. ފޮއިލް އަޅައިގެން ތައްޔާރު ކުރެވިދާނެއެވެ. ނޫނީ ތަބަކުގައި ރަނގަޅަށް ތެޔޮ އުނގުޅާލިއަސް ވެސް ރަނގަޅު ވާނެއެވެ.

ދެން މިއޮތީ ފުށްގަނޑު މޮޑުމެވެ. ފުރަތަމަ ބޯތަށްޓެއްގެ ތެރެއަށް ފުށާއި، ބޭކިންގް ޕައުޑަރާއި ލޮނު ފުރާނާލާށެވެ. ތެޔޮ ކޮޅު އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. ދެން ބިސްވެސް އޭގެ ތެރެއަށް އެޅުމަށް ފަހު އަތުން މޮޑެން ފައްޓާށެވެ. މޮޑެމުން ދާވަރަކަށް މަޑު މަޑުން ފެން ވެސް އަޅަމުން ގެންދާށެވެ. އެއްފަހަރާ މާގިނައިން އެޅުނަ ނުދިނުމަށްޓަކައި ފަހަރަކު މޭޒުމަތީ ސަމުސަލެއްގެ ފެން ފޮދެއް އަޅަމުން ގެންދިޔައީމާ ރަނގަޅު ވާނެއެވެ. ބޯތަށީގެ އަރިމަތި ތަކުން ނެއްޓި ބޯތަށީގެ މެދަށް ބޯޅައެއްހެން ފުށްގަނޑު އެއްވަންދެން މޮޑޭށެވެ.

ދެން އޮތީ ފުށްގަނޑު ދަމާފައި އެއިން 4 އިންޗީގެ ގޮޅިތަކެއް ކެފުމެވެ. އާދައިގެ ރޮށިދަމާ އެއްޗެއް ބޭނުން ކުރާނަމަ ފުށްގަނޑު ދެބަޔަށް ބަހާލައިގެން މިކަމާ އުޅުމުން ފަސޭހަވާނެއެވެ. ދަމަން ފެށުމުގެ ކުރިން ރޮށިދަމާ އެތީގެ މައްޗަށް ފުށްކޮޅެއް ބުރުއްސާލަން ވާނެއެވެ. ދަމާ ނިމުމުން ވަޅިއެއް ބޭނުން ކޮށްގެން 4 އިންޗީގެ ގޮޅިތައް ކަފާށެވެ. ގޮޅި ކަފާ ނިމުމުން ބާކީވާ ފުށްކޮޅު އަނެއްކާވެސް އެއްކޮށްލާފައި އަލުން ދަމާށެވެ.

އެތަނުން ގޮޅިއެއް ތަށްޓެއްގައި ބާއްވާށެވެ. ބާއްވާނީ އެއް ކަން ގަޔާ ދިމާލަށް ވާނެ ގޮތަށެވެ. ކުރިން ތައްޔާރު ކުރި މަސްގަނޑުން 3 ސައިސަމުސާ ގޮޅީގެ މެދަށް އަޅާށެވެ. ދެން ކުކުޅު ބިސް ފަޅިއެއް މަސްގަނޑުގެ މަތީގައި ބާއްވާލާށެވެ. ދެން ދެފަރާތުގައި ވީ ދެކަން އެއްކަން އަނެއް ކަނުގެ މައްޗަށް ވާނެގޮތަށް މަސް ގަނޑުގެ މަތިން ފަތް ޖަހާލާށެވެ. ދެން ފަތްޖެހިތަން ނިޔުޅުނަ ނުދިނުމަށްޓަކައި ކުޑަކޮށް އޮބާލާށެވެ. ދެން ކުރިން ތައްޔާރު ކުރި ތަބަކުގައި ބައިންދާށެވެ. މިގޮތަށް ފުށްގަނޑާއި، މަސްގަނޑާއި، ބިސް ހުސްވަން ހަދަމުން ގެންދާށެވެ. އަދި ހެދޭ ވަރަކުން ތަބަކުގައި އަތުރަމުން ގެންދާށެވެ.

އަވަން 200 ޑިގްރީސް ސެލްސިއަސްއަށް ހޫނު ކުރަން ޖައްސާށެވެ. މިކަން ކުރާނީ އެގް ޕަފް ތައް ފިހަން ލުމުގެ 10 މިނެޓު ކުރިންނެވެ. އަވަން ހޫނު ވަމުން ދާއިރު އެގް ވޮޝް ތައްޔާރު ކުރާށެވެ. އެގް ވޮޝް ތައްޔާރު ކުރުމަށް ބިހާއި ފެން ކުޑަ ބޯތަށްޓެއްގައި އެއްކޮށްލާށެވެ. ދެން އަތުރާފައި ހުރި އެގް ޕަފްތަކުގެ މަތީގައި އެގް ވޮޝް އުނގުޅާށެވެ. ފެންނަން ހުންނަ ކަންތަކުގައިވެސް އުނގުޅާލަންވާނެއެވެ. ދެން އަވަނަށް ތަބަށްލުމަށްފަހު ރަންމުށި ކުލަ އަރަންދެން ފިހާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން