ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ނިންމުމަށްފަހު ވެސް ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދައިފިއެވެ.

ނަތަންޔާހޫއަށް މި ހުށަހެޅުން ހުށަހަޅާފައިވަނީ އެމެރިކާއިންނެވެ. އެހެން ނަމަވެސް، ނަތަންޔާހޫ ވަނީ އެކަމަށް ސާފުކޮށް ގަބޫލު ނުކުރާނެކަން ހާމަކޮށްފައެވެ. އިޒްރޭލަށް އެކި ގޮތްގޮތަށް އެހީތެރިވާ އެމެރިކާއިން ވަނީ ޣައްޒާއަށް އެއްގަމު މަގުން ހަމަލާދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ވައިގެ މަގުން ހަމަލާދޭއިރު އާންމުންނަށް އަމާޒުނުވާނެހެން ހަމަލާ ދިނުމަށް ވެސް އެދިފައިއެވެ.

އެހެން ނަމަވެސް، އެންމެ ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިޒްރޭލަށް ކުރެެއްވި ދަތުރުގައިވެސް ނަތަންޔާހޫ ވަނީ އެމެރިކާއިން އެދުނު މި ކަންތައްތަކަށް އިންކާރުކޮށްފައެވެ.

ނަތަންޔާހޫ ވަނީ އިޒްރޭލު ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށްވެސް ބީރު ކަންފަތެއް ދީފައެވެ. އެގައުމުގެ ގިނަ ބަޔަކު ވަނީ ހަމާސްއިން ރަހީނުކުރި މީހުން އަނބުރާ ޤައުމަށް ގެނަސްދިނުމަށް ގޮވާލައިފައެވެ. އިޒްރޭލުގައި ކުރިއަށްގެންދިޔަ ޕޮލްތަކުން ދައްކާ ގޮތުގައި ގިނަ މީހުން ބޭނުންވަނީ ހަމާސްއާއި ހަނގުރާމަކުރުމުގެ ބަދަލުގައި ސަރުކާރުން އެޤައުމުން ރަހީނުކުރި މީހުން އަނބުރާ ގައުމަށް ގެނަސްދިނުމަށް އެދޭކަން ހާމަކޮށްފައެވެ.

އެހެން ނަމަވެސް، ނަތަންޔާހޫ ވަނީ ހަމާސްއާއި މަޝްވަރާކުރުމަށްވެސް ދެކޮޅު ހަދާފައެވެ. އެކަމުގެ ސަބަބުން ނަތަންޔާހޫގެ މަގްބޫލުކަން ދަށްވެ، ކުރިއަށް އޮތް އިންތިޚާބުގައި އޭނާ ބަލިވުން އެކަށީގެންވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން