އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   16 ޑިސެމްބަރު 2023 - 1:58
މާމުއިގެ ފަރުވާ (2)

ﷲ سُبْحَانَهُ وَتَعَالَى އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!

މާމުއި އިން ފާރުގަނޑުގަނޑު ފަސޭހަވާނެ އެވެ.

ބައެއް އެހެން ބޭސްބޭހުން ފަސޭހަ ނުވި ފާރުގަނޑުގަނޑު މާމުއި ބޭނުންކޮށްގެން ފަސޭހެވެފައި އެބަހުއްޓެވެ. އަދި އެހެން ބައެއް ބޭހުގެ ސަބަބުން އުފެދޭ އިތުރު މަސްއަލަތައް މާމުއި ބޭނުންކޮށްގެން ނުއުފެދޭ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. މި ދާއިރާގެ ޚަބީރުން ހާމަ ކުރައްވާ ގޮތުގައި ފާރާއި ފޮޅުލުން ފަދަ ބައްޔަށް ފަރުވާ ހޯދުމަށް އަހަރަކު 6 ބިލިއަން ޑޮލަރު ހޭދަވެ އެވެ. ނަމަވެސް މީގެ ބަދަލުގައި މާމުއި ގެ މައްޗަށް ބަރޯސާ ވާ ނަމަ މި ޚަރަދު އެތައް ގުނައެއް ކުޑަ ވެފައި ޑޮކްޓަރީ ބޭހުން ދިމާވާ އިތުރު މަސްއަލަތައް ވެސް ދިމާ ނުވާނެ އެވެ. ނަތީޖާއެއްގެ ގޮތުން މުހިންމު އެހެން ކަންތައް ކުރުމަށް ގިނަ ޢަދަދެއްގެ ފައިސާ ރައްކާ ކުރެވޭނެ އެވެ.

މާމުއި ގައި ހުރި ޙައިރާން ކުރުވަނިވި އަނެއް ކަމަކީ މާޟުއި އުފެއްދުމުގައި އެތައް ހާސް ކުޅަނދުރެއް އުޅޭ އިރު އެ ތަކޭތީގެ މެދުގައި އެއްވެސް ޚަލަލެއް ދެބަސްވުމެއް ނުއުފެދޭ ކަމެވެ. އިންސާނުން ޙައިރާން ކުރުވަނިވި ނިޒާމެއްގެ ދަށުން އެހައިމެ ހުނަރުވެރިކަމާ އެކު އެ ތަކެތި މާމުއި އުފެއްދުމުގެ މަސައްކަތް ކުރާ ކަމެވެ. ކުޅަނދުރު އުފެދޭ އިރު ވެސް އެ ތަކެތި ތިބެނީ މި މަސައްކަތަށް ތަމްރީނު ލިބިފައި ކަހަަލަ އެވެ. މިއީ ޤުދްރަތްތެރި އިލާހުގެ ކުޅަދުން ވަންތަވެރިކަން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

މާމުއި އިން ގޮހޮރުގެ ފާރަށް ފަރުވާ ހޯދެ އެވެ.

މާމުޔަކީ، ގޮހޮރުގެ ފާރާއި، ކަރުތެރޭގެ ފާރަށް ފަރުވާ ހޯދޭ ބޭހެކެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި، ހަށިގަނޑުގައި ޖަރާސީމު އަށަގެންފައި ހުންނަނީ އެ ތަކެތީގެ އަމިއްލަ ދިފާޢީ ބާރު ދެމެހެއްޓޭ ގޮތަކަށެވެ. ނަމަވެސް މާމުއި ބޭނުންކޮށްގެން ފަރުވާ ދިނުމުން، ޖަރާސީމުގެ ބާރު ކަނޑުވާލައި، ބަލި ފަސޭހެކޮށްދެ އެވެ. ދެން އޭގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ގަދަވެ، ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް ބަލިކޮށްލައި، އެންމެ ފަހުން އެ ތަކެތި ނައްތައިލަ އެވެ. އަދި ފަހުގެ ތާރީޚެއްގައި ހާމަވެފައިވާ ގޮތުގައި، ހަށިގަނޑުގެ ތެރޭގައި ދަގުއިގެ ސިފައިގައި ހަރުލާ ނުރަނގަޅު މާއްދާތައް ނައްތައިލުމުގެ ބާރު، މާމުޔަށް ލިބިގެން ވެ އެވެ. އޭގެ ސަބަބުން ކޮލެސްޓުރޯލް ކޮންޓުރޯލު ކުރުމަށް މާމުއިގެ ބޭނުން ހިފޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ފަރުވާއެއް ނުހޯދިފައި ހުރި ބަލިބައްޔަށް މާމުއިން ޝިފާ ލިބެ އެވެ.



ބައެއް މީހުން މި ކަމާ ބެހޭ ގޮތުން ސުވާލު ކުރެ އެވެ. މާމުޔަކީ ދިޔާ ހަކުރު ފޮދެއް ފަދަ އެއްޗެކެވެ. އެއިން ތިޔަ ބުނާހައި ގިނަ ބަލިތަކަށް ޝިފާ ލިބެނީ ކިހިނަކުން ހެއްޔެވެ؟ މާމުއި ބޭނުން ކުރުމުން، ކެންސަރު ގެ ޖަރާސީމު ވެސް އާލާވުން މަޑުޖެހޭ ކަމަށް ބުނެ އެވެ. އަދި އެތައް ބާވަތެއްގެ ނުރައްކާތެރި ޖަރާސީމު މަރުވެ، އެ ފަދަ ޖަރާސީމުން ޖެހޭ ބަލިން އިންސާނާ އަށް ޝިފާ ލިބޭ ކަމަށް ބުނެ އެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވާކަމަށް ބުނެ އެވެ. މި ހުރިހައި ކަމެއް މި ހިނގަނީ މާމުއި ގައި ހުރި ކޮންކޮން ބައިތަކެއްގެ ސަބަބުން ހެއްޔެވެ؟ މިއީ ހަމަ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. މި ހުރިހައި ސުވާލެއްގެ ޖަވާބު ކީރިތި ޤުރްއާނުގެ އައްނަޙްލު ސޫރަތުގެ 68 އަދި 69 ވަނަ އާޔަތުން ލިބެ އެވެ. އެ ދެ އާޔަތު ގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ، فِيهِ شِفَاءٌ لِلنَّاسِ މާނައީ: އޭގައި، (އެބަހީ: މާމުއި ގައި) މީސްތަކުންނަށް ޝިފާ ލައްވާފައި ވެއެވެ. މިފަދައިންނެވެ. ދެން އިތުރަށް ސުވާލެއް ވެސް ނުއުފެދެ އެވެ. ސަބަބަކީ ﷲ ތަޢާލާއި އެންމެހައި މަޚްލޫޤުން އުފައްދަވައި އެއިން ކޮންމެ މަޚްލޫޤެއް ގައި ހުރި ތާސީރެއް މިންވަރު ކުރެއްވި ފަރާތެވެ. އެ ފަރާތުން މާމުއި ގައި އިންސާނުންނަށް ޝިފާ ލައްވާފައި ވެޔޭ އެންގެވީމައި، ދެން އިތުރަށް އެކަމުގައި އެއްވެސް ސުވާލެއް ނުއުފެދެ އެވެ. ﷲ ރުއްސުން ލެއްވި އަބޫ ސަޢީދުލް ޚުދުރީ ގެ އަރިހުން އަލް އިމާމުލްބުޚާރީ އާއި އަލް އިމާމު މުސްލިމު ރިވާ ކުރެއްވި ޙަދީސެއް ގައި ވެ އެވެ. އެއްފަހަރަކު ކީރިތި ރަސޫލާ صلي الله عليه وسلم ގެ ޞަޙާބީއަކު އެ ކަލޭގެފާނު އަރިހަށް ވަޑައިގެން ދެންނެވި އެވެ. "މިއުޅެނީ އަހަރެންގެ އަޚާ އަށް ބޭރަށް ހިންގުމެއް ޖެހިގެންނެވެ." އެ ހިނދު ކީރިތި ރަސޫލާ صلي الله عليه وسلم އޭނާ އަށް އެންގެވި އެވެ. "އޭނާ އަށް މާމުއި ބޯން ދޭށެވެ." ދެން އަނެއްކައި ވެސް އެ ބޭކަލަކު ކީރިތި ރަސޫލާ صلي الله عليه وسلم އަރިހަށް އައިސް ދެންނެވި އެވެ. "އޭނާ އަށް މާމުއި ދީފީމެވެ. އެކަމަކު ރަނގަޅެއް ނުވި އެވެ. ހައްތަހާ ވީ ގޯހެވެ." އެހިނދު رسول الله صلي الله عليه وسلم ޙަދީސް ކުރެއްވި އެވެ. "ﷲ ގެ ބަސްފުޅު ތެދެވެ. ތިބާގެ އަޚާގެ ބަނޑު އެ ހަދަނީ ދޮގެވެ. ގޮސް އޭނާ އަށް މާމުއި ބޯންދޭށެވެ." ދެން އެ ބޭކަލަކު ވަޑައިގެން އޭނާގެ އަޚާ އަށް މާމުއި ބޯން ދެއްވުމުން އޭނާގެ ބަލި ފަސޭހަވެއްޖެ އެވެ.

ހޯދުންތަކުން އަންނަނީ، މާމުޔަކީ ގިނަގުނަ ބަލިތަކަށް ޝިފާ ލިބޭ ބުއިމެއް ކަމުގައި ފެންނަމުންނެވެ. އޭގެ ތެރޭގައި އައްސިވުން ހިމެނެ އެވެ. ސަބަބަކީ، މާމުއި ގައި އައްސިވުމާއި، އެކި ބާވަތުގެ ދުޅަ އާއި، އަނގަފާރާއި ތުންފަތް ފަޅައިގެން ދިއުމާއި، ލޮލުގެ ބަލިތަކަށް ޝިފާ ލިބޭ މާއްދާތައް ހިމެނެ އެވެ. މާމުއި ގައި ހިމެނޭ މި ފަދަ މާއްދާތަކުގެ ތެރޭގައި، އެކި ބާވަތުގެ މަޢުދަނު ހިމެނެ އެވެ. މިސާލަކަށް ޕޮޓާސިއަމް، ސޯޑިއަމް، ކެލްޝިއަމް، މެގްނޭޒިއަމް، ދަނގަނޑު، ލޮއި، ފޯސްފަރަސް، އަދި ސަލްފާ ހިމެނެ އެވެ.

ތުއްތުކުދިންގެ ޞިއްޙަތަށް މާމުއިގެ މުހިންމުކަން

މާމުޔަކީ، ކުޑަކުދިންގެ ޞިއްޙަތަށް ނުހަނު ފައިދާ ހުރި ބުއިމެކެވެ. ޚާއްޞަ ގޮތެއްގައި، ގާތުން ކިރުބޯ ޅަ ދަރިންނަށް މާމުއިގެ މުހިންމުކަން ބޮޑެވެ. ކުޑަކުދިންނަށް ޖެހޭ ލޭ މަދުވުމުގެ ބައްޔާއި، ބޭއިޚްތިޔާރު ގައި ކުޑަކަމުދެވުމާއި، ކަށީގެ މަސްއަލަ ޖެހިގެން ފައި ބަޅުވުން ފަދަ، ކަށީގެ ބަލިތަކާއި، ރޯގާ އަދި ކަރުތެރެ ދުޅަވެ ކެއްސުން، ސައިނަސް އަދި ޙައްސާސިއްޔަތު (އެލާޖީ) ފަދަ ކަންކަމަށް މާމުޔަކީ ފަރުވާއެކެވެ. ހަމަ އެފަދައިން ފުރަމެއާއި، ވިހަވުމަށް ވެސް މާމުޔަކީ ވަރަށް ކާމިޔާބު ފަރުވާއެކެވެ.

މާމުޔަކީ، ނިދި ނައުމާއި، ނިދި ހަމަޔަށް ނުލިބުމަށް ވެސް ރަނގަޅު ފަރުވާއެކެވެ. މާމުއިގެ ފައިދާތަކާ ބެހޭ ދިރާސާތައް ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ނިދުމުގެ ކުރިން ތާފަނާ ފެންތައްޓަކަށް މާމުއި ސަމުސަލެއް އަޅައިގެން ބުއިމުން، ނިދި އައުމާއެކު، އިންސާނާގެ ޠަބީޢަތަށް ހަމަޖެހުން ލިއްބައިދެ އެވެ. އަދި މާމުޔަކީ، ހަމުގެ ބަލިތަކަށް މި ގެންގުޅޭ ގިނަ ލޯޝަންތަކަށް ވުރެ މާ ރަނގަޅު ބޭހެކެވެ. ހަމުގައި މާމުއި އުނގުޅުމުން، ހަމުގައި ޖެހިފައި ހުންނަ ރޫތައް މަދުވެ، ފަޅަފައިގެން ގޮސްފައި ހުންނަ ތަންތަން ރަނގަޅުވެ، ހަމަށް އާރޯކަން ލިބެ އެވެ. އެހެންކަމުން މި ޒަމާނުގެ ވަރަށް ގިނަ ލޯޝަންތަކުގައި މިހާރު މާމުއި ހިމަނާފައި ހުރެ އެވެ.

ހިތުގެ ބައްޔަށް ވެސް މާމުޔަކީ ފައިދާ ހުރި ބޭހެކެވެ.

ފަހުގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ޢިލްމުވެރިން ހާމަ ކުރައްވާ ގޮތުގައި، ދުވާލަކު މާމުއި ސަމުސަލެއް ބޯ މީހަކަށް ނުރައްކާތެރި ސޮކެއް ޖެހުމުން ދުރުކޮށްދެއެވެ. ސަބަބަކީ، މާމުޔަކީ ހިތުގެ ހިނގުން ވަކި ނިޒާމަކަށް އެޅުވުމުގައި، އަސާސީ ރޯލެއް އަދާކުރާ ޣިޛާއެކެވެ. ހަމަ އެފަދައިން، ދާއިމީ ގޮތެއްގައި ކެއްސާ މީހުން ވެސް، ދުވާލަކު އެއް ސަމުސާ މާމުއި ބުއިން އާދަ ކުރުމުން، އެ ބައްޔަށް ޝިފާ ލިބެ އެވެ. މީގެ އިތުރުން ނޭވާލާ ހޮޅި އާއި، ފުއްޕާމޭގެ ތަފާތު ބަލިތަކަށް، މާމުޔަކީ އާދަޔާ ޚިލާފު ހެޔޮ އަސަރުތަކެއް ކުރާ ބޭހެކެވެ. މާމުޔަކީ، މި ބާވަތުގެ ބަލިތަކަށް ޝިފާ ލިބުމުގައި، ކީމިޔާވީ ބޭސްތަކަށް ވުރެ، ރައްކާތެރިކަން ބޮޑު އިތުރު މަސްއަލަތައް ނުޖެހޭ ފަރުވާއެކެވެ. ނަފްސާނީ ގޮތުން ދިމާވާ ހާސްކަމާއި، ކަންބޮޑުވުމާއި، ސައުދާވީ ނުވަތަ އެކި ބާވަތުގެ ވަސްވާސް އުފެދޭ ބަލިތަކަށް ވެސް، މާމުއި އިން ފަރުވާ ހޯދޭނެ އެވެ. ދަތް ފަނިކެއުމާއި، ހިރުގަނޑުގެ ބަލިތަކަށް ވެސް މާމުއި ބޭނުންކޮށްގެން ޝިފާ ހޯދޭނެ އެވެ.

އޮސްޓުރޭލިޔާގެ ސިޑްނީގެ ތަޖުރިބާ

އޮސްޓުރޭލިޔާގެ ޔުނިވަސިޓީ އޮފް ސިޑްނީ ގެ ބައޮލޮޖިކަލް ސައިންސަސް އެންޑު މައިކުރޯބިއަލް ޖާމް ގެ އެސޯސިއޭޓު ޕުރޮފެސަރު ދިކާޓާ ބަޔާން ކުރައްވާ ގޮތުގައި، އެ މީހުން ކުރި ތަޖުރިބާއިން އެނގުނު ގޮތުގައި، ވަރަށް ގިނަ އެންޓިބައޮޓިކުގެ ބަދަލުގައި، މާމުއި ބޭނުން ކުރެވިދާނެ އެވެ. އަދި މިހާރު ބޭނުން ކުރާ އެންޓިބައޮޓިކުގެ ގިނަ ބާވަތްތަކަކީ، ބައެއް ޖަރާސީމު އެއަށް ހޭނުމުގެ ސަބަބުން، އޭގެ ބަދަލުގައި، އެހެން ބާވަތްބާވަތުގެ އެންޓި ބައޮޓިކު އުފައްދަން ވެފައިވާ ބޭސް ކަމުގައި، ޢިލްމުވެރިން ވިދާޅުވެ އެވެ.

އަޖައިބުވާން ޖެހޭ އަނެއް ކަމަކީ، މާމުއި އުފެދިފައި ވަނީ، 800 ބާވަތް އޭގައި އެކުލެވިގެން ކަމުގައި ވުމެވެ. އެހެން ވުމުގެ ސަބަބުން، މިހައި ތަނަށް ކުރި ދިރާސާތަކުން، މާމުއި އިން ބެކްޓީރިއާ މަރައިލަނީ، ކިހިނެއް ކަމެއް މުޅިން ސާފެއް ނުވެ އެވެ. ބޮޑަށް ބުރަވެވެނީ، އެކަން ހިނގަނީ މާމުއި ގައި ހިމެނޭ "methylglyoxal" ނަމަކަށް ކިޔާ ބާވަތަކުން ކަމަށެވެ.

ޔުނިވަސިޓީ އޮފް ވޭލްސް ގެ ފެކަލްޓީ އޮފެ ހެލްތު ސައިންސަސް ގެ ބޭފުޅެއް ކަމުގައިވާ ޑރ. ރޯޒް ކޮޕާ، މާމުއި އިން ބެކްޓީރިއާ މަރުވާ ގޮތުގެ މައްޗަށް ދިރާސާ ކުރައްވައި، "ފާރު ހިކުމުގައި، މާމުއި ގެ ދައުރު" މި ނަމުގައި ފޮތެއް ލިޔުއްވި އެވެ. މެޑިކަލް ސައިންސު ކުރިއެރި ވަރަކަށް، ﷲ ތަޢާލާ، ޤުދުރަތީ ގޮތުން ހައްދަވާފައިވާ އެކި އެކި މަޚްލޫޤުންގެ ފުރިހަމަކަން މި ދަނީ ހާމަވަމުންނެވެ. މާމުއި ކުޅަނދުރާ މެދު، އެކަނި ފުންކޮށް ވިސްނައިލިޔަސް، ﷲ سُبْحَانَهُ وَتَعَالَى ތަޢާލާގެ ކުޅަދުންވަންތަވެރިކަން ދެނެގަންނަން އަހަރެމެންނަށް ފުދެ އެވެ.

*******

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން