---ފޮޓޯ: ޔާހޫ
---ފޮޓޯ: ޔާހޫ
ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ ބަލީގެ ސަބަބުންނެވެ. މަރުވާ މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ހިތުގެ އެކި ބަލިތަކުގައި ދުނިޔެ ދޫކުރާ މީހުންނެވެ.

މިގޮތުން، ލޭ ހޮޅިތަކަށް ޖެހޭ ބައްޔަކީ ހިތުގެ ބަލީގެ ތެރެއިން އެންމެ އާންމުކޮށް ފެންނަ މިބަލީގެބާވަތްކަމުގައިވާއިރު، މިބަލީގައި ލޭހޮޅިތަކުގެ ފާރުތަކުގައި އެއްޗެހި ހަރުލައި، ގަނޑުވުމުގެ ސަބަބުން އެ ހޮޅިތައް ހިމަވެ މަސައްކަތްކުރަން ޖެހޭގޮތަށް މަސައްކަތް ނުކުރެވޭ ހިސާބަށްދެއެވެ.

"ލޭ ހޮޅިތަކުގައި އެންމެ ފަސޭހައިން ހަރުލަނީ ކޮލެސްޓްރޯލް. އަދި ގިނަ ދުވަސްވާވަރަކަށް އެގޮތަށް ހަރުލާ ކޮލެސްޓްރޯލާއި އެހެނިހެން މާއްދާތައް ގަނޑުވަނީ." ދަ ޓެކްސަސް ހާޓް އިންސްޓިޓިއުޓްގެ ހިތުގެ ޑޮކްޓަރެއްކަމަށްވާ ޑރ. އެލެކްޒޭންޑަރ ޕޮސްޓޭލިއަން އާއި ހަވާލާދީ ޕެރޭޑްގައި ލިޔެފައިވެއެވެ. ގިނަފަހަރަށް ލޭހޮޅިތައް ބެދުމުގެ ބިރުބޮޑުވެގެންދާ މައިގަނޑު ސަބަބަކަށް ވެގެންދަނީ ގިނަ މީހުންނަށް ބަލީގެ އެނގުންވަނީ ސްޓްރޯކެއް ނުވަތަ ހާޓް އެޓޭކްފަދަ ބޮޑު ސިއްހީ މައްސަލައަކާ ކުރިމަތިލާން ޖެމުން ކަމުގައި ކަމަށްވާތީއެވެ.

ލޭހޮޅިތައް ބެދެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ކެއުންބުއިން ގެންގުޅެން ޖެހޭ އެންމެ ރަނގަޅުގޮތައް ނުގެންގުޅެވުމެވެ. ދަ ޓެކްސަސް ހާޓް އިންސްޓިޓިއުޓްގެ ހިތުގެ އެހެން ޑޮކްޓަރެއްކަމަށްވާ ޑރ. ބްރިއާނާ ކޮސްޓެލޯ ބުނެފައިވާގޮތުގައި، ޓްރާންސް އަދި ސެޗުރޭޓެޑް ފެޓްސް ގިނައިން އެކުލެވޭ ކާނާއަކީ ހިތުގެ ދުޅަހެޔޮކަމަށް އެންމެ ނުރައްކާތެރި ކާނާއެވެ. އެގޮތުން، ކޭކާއި، ބިސްކޯދާއި، ތެލުލާފައި ހުންނަ ކާނާއާއި، ފޮނި ޕޭސްޓްރީތަކަކީ ޓްރާންސް ފެޓްސް އެކުލެވޭ ކާނާއެވެ. އަދި ސެޗުރޭޓެޑް ފެޓްސް ހިމެނޭ ކާނާގެ މިސާލަކީ ރަތްކުލަ ގަދަ އެއްގަމު މަހާއި، ހޯލްފެޓް ކިރުން ތައްޔާރުކުރާ ކާނާގެ ބާވަތްތަކެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ލޭހޮޅިތައް ބެދުމުގެ މައްސަލައަށް ހައްލެއް ހޯދިދާނެތޯ ބެލުމަށް ކުރެވުނު ދިރާސާތަކުގެ ނަތީޖާ ސާފެއްނޫނެވެ. ހިތުގެ ބަލިތަކާއިބެހޭ މާހިރުން ވިދާޅުވާގޮތުގައި، ބައެއް ބަދަލުތަކުން ލޭހޮޅިތައް ބެދުމާއި ދުރުކޮށްދެއެވެ. ނަމަވެސް އެކެއްގެ ބަލި ކުޑަ ކޮށްދޭ ކޮންމެ ބަދަލަކީ އެހެން މީހަކަށްވެސް ހަމަ އެނަތީޖާ ނެރެދޭނެ ބަދަލެއް ނޫންކަން އެބޭފުޅުން ފާހަގަކުރެއެވެ.

ކެލިފޯނިއާގެ މެމޯރިއަލްކެއަރ ހާޓް އެންޑް ވެސްކިއުލާ އިންސްޓިޓިއުޓް އެޓް އޮރެންޖް ކޯސްޓް މެޑިކަލް ސެންޓަރ ގެ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރ އަދި ލިޕިޑޮލޮޖިސްޓެއްކަމަށްވާ، ޑރ. ޔޫ-މިންގް ނީ ވިދާޅުވެފައިވަނީ، ލޭހޮޅިތައް ބެދެން މެދުވެރިވަނީ ކާބޯތަކެތީގެ ސަބަބުން ކަމަށްވުމާއެކު، ލޭ ހޮޅިތައް ސާފުކޮށް ބެހެއްޓުމަކީވެސް ކާބޯތަކެތިން ކުރެވޭނެ ކަމެއް ކަމުގައެވެ. ޑރ. ނީ ވިދާޅުވީ ލޭހޮޅިތައް ބެދުމުން ދުރުހެލިވުމަށްޓަކައި ޕްލާންޓް-ބޭސްޑް ޑައިޓެއް ގެންގުޅުމަށް ލަފާދެއްވާކަމަށެވެ. އަދި ޑރ. ޕޮސްޓޭލިން ވެސް އެކަމަށް އެއްބަސްވެއެވެ. އޭނާ ވިދާޅުވީ ޕްލާންޓް-ބޭސްޑް ޑައިޓެއްގެ އިތުރުން، ސިމްޕްލް ކާބޯހައިޑްރޭޓުތައް ވީހާވެސް މަދުކުރަން ޖެހޭނެކަމަށެވެ.

"ޑޮކްޓަރީ ބޭހުގެ ބޮޑެތި ދޯޒްތަކާއެކު، ފާމަކޯތެރަޕީއާއި ޕްލާންޓް-ބޭސްޑް ޑައިޓެއް ބޭނުންކޮށްގެން ލޭހޮޅިތަކުގައި ހަރުލާފައި ހުންނަ މާއްދާތައް ކޮންމެވެސް ވަރަކަށް ވިރޭކަން ބައެއް ދިރާސާތަކުން ދައްކާ. އެކަމަކު، އެނގެންޖެހޭ ކަމަކީ މިހެން ހަރުލާ ގަނޑުވެފައި ހުންނަ މާއްދާތައް މުޅިން ވިރުވައި ނުލެވޭނެކަން. އިތުރަށް މައްސަލަ ބޮޑުވެ، ލޭހޮޅިތައް ބެދޭ ބާރުމިން ލަސްކުރެވޭނީ." ޑރ. ޕޮސްޓޭލިން އާއި ހަވާލާދީ ޕެރޭޑުގައި ލިޔެފައިވެއެވެ.

ކެއުމަށް ސަމާލުކަން ދިނުމުގެ އިތުރުން، ދުޅަހެޔޮ ހިތަކަށް ކުރެވިދާނެ އެހެން ބައެއް ކަންކަންވެސް އެބަހުރިކަމަށް މާހިރުން އެއްބަސްވެލައްވައެވެ. އެގޮތުން، ހިތުގެ ސިއްހަތަށްޓަކައި، ހާސްކަމާއި ފިކުރުބޮޑުވުމާއި ދުރުހެލިވުމަށާއި، ގަވާއިދުން ކަސްރަތުކުރުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް އެބޭފުޅުން ލަފާދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން