ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަަކަށް އިތުރަށް ޕޮއިންޓް ދީފައިވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ކުރާ ތުހުމަތުތަކަކީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތުތަކެއްކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެނެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ޕޯޓަލް ބިނާކުރެވިފައިވަނީ އެއަށް އަޅާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޮޓަމެޓިކުން ޕޮއިންޓް ދޭ ގޮތަށް ކަމަށެވެ. ނަމަވެސް ޕޮއިންޓުތައް އެޕްރޫވު ކުރުމުގެ މަރުހަލާގައި ސުޕަވައިޒަރ ޕޮއިންޓު އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮންމެވެސް ދިމާލަކުން ޕޯޓަލް ތެރެއިން މާކްސްތައް އެބަ ބަދަލު ކުރާކަން. މިކަހަލަ ކަންކަން ފާހަގަވޭ." އޭނާ ވިދާޅުވިއެވެ.

މިފަދަ އިތުރު އެހެން މިސާލެއް ފާހަގަކުރަށްވަމުން ސަލާމް ވިދާޅުވީ މާލޭގައި ދިރިނޫޅޭ ފަރާތްތައްވެސް މާލޭގައި ދިރިއުޅޭ ކަމަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާކަން ފާހަގަވެފައި ވާކަނަށެވެ.

މިކަމާއި ގުޅިގެން އަކްރަމް ވިދާޅުވީ ޝަރުތު ހަމަނުވާ ފަރާތަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތު ހަމައެއް ނުކުރެވޭނެކަމަށެވެ. އަދި އޭސީސީން ކުރާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެނީ އެކަން ރަގަޅަށް ތަހުޤީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ މިދެންނެވި ސިޔާސީ ކުލަޖެހުން." އަކްރަމް ވިދާޅުވިއެވެ.



ނިމިދިޔަ ސަރުކާރުން ވަނީ އެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް އެކުލަވާލާފައެވެ. ނަމަވެސް، ޢާންމުންގެ ޝަކުވާތަކާއި ގުޅިގެން އޭސީސީން ވަނީ އެލިސްޓަށް ފްލެޓް ދޫކުރުން ހުއްޓާލުމަށް އަންގާފައެވެ.

އެންމެ ފުރަތަމަ އާންމުކުރި ލިސްޓާ ގުޅިގެން 325 ޝަކުވާ ލިބުނުކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައިނަމަވެސް، އޭސީސީން ގެންނަން ބުނި ބަދަލުތަކަށް އަމަލުކޮށްފައިނުވާ ކަމަށް އޭސީސީން ފާހަގަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް