އަލަށް އުފެދޭ ސަރުކާރުން ކުރީ ސަރުކާރުގެ ހުރިހާ ކަމެއް ރީސެޓްކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު މިއަދު ދެއްކެވި ވާހަކަފުޅުތަކުގެ ތަފްސީލް ހާމަކުރަށްވަމުން ރާއްޖޭގެ މީޑީއާއެއްގައި އިކްރާމް މިރޭ ވިދާޅުވީ ސަރުކާރުތައް އުފެދިގެން އަންނަނީ ޤާނޫނީ ގޮތުން ކަމަށެވެ. އެހެންކަމުން އެއްސަރުކާރުގެ ނިންމުންތަކަށް އަލަށް އިންތިޚާބުވާ ސަރުކާރުންވެސް އިހުތިރާމުކުރަންވާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުން ހިންގެވި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެތަންތަން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރ ހައިދަރު މިއަދު ދެއްވާފައިވާ ކަމަށެވެ.

“އަލަށް އަންނަ ސަރުކާރަކީ ހުރިހާ ކަމެއް ރީސެޓްކޮށްފަ އަލުންބަލުން ފަށަންޖެހޭ ގޮތަށް މަސައްކަތްތައް ކުރަން ޖެހޭ ސަރުކާރެއް ނޫން.” އިކްރާމް މިރޭ ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ އޭސީސީން މައްސަލަތަކެއް ބެލުމަށް ކަމަށް ބުނެ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތައް ހުއްޓުވައި ރައްޔިތުންނަށް އެ ސަރުކާރުން ދޫކުރި ލިޔުންތަކުގެ ބުރަދަން ގެއްލޭގޮތަށް ޢަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

އިކްރާމް މިމޭރުމުން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން 4،000 ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދޫކުރުން ހުއްޓާލުމަށް އޭސީސީން އެންގި ފަހުންވެސް ސަރުކާރުން ފްލެޓް ދޫކުރުން ކުރިއަށް ގެންދިޔައެވެ. އެހެން ނަމަވެސް، އެ މަސައްކަތް ފަހުން ވަނީ ހުއްޓާލާފައެވެ. އެ ފްލެޓްތަކުގެ ދާއިމީ ލިސްޓު އެކުލަވާލީ ރަނގަޅަށް ނޫން ކަމަށްބުނެ ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު