ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެމްބަރުންގެ މުސާރަ ކަނޑައަޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ރައީސް އެދިވަޑައިގެންފައި ވަނީ ޕީބީސީގެ ރައީސަށް މުސާރައާއި ލިވިން އެލަވަންސާއެކު 55000 ރުފިޔާ ހަމަޖައްސަވައި ދެއްވުމަށެވެ. އަދި ނައިބު ރައީސަށް މުސާރައާއި ލިވިން އެލަވަންސާއެކު 45000 ރުފިޔާ ދިނުމަށް ރައީސް ހުށައަޅުއްވާފައިވެއެވެ.

އޭގެ އިތުރުން ޕީސީބީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަށް ދިނުމަށް ހުށައަޅާފައިވަނީ 20000 ރުފިޔާގެ ލިވިން އެލަވަންސެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.

ޕީސީބީގެ މެންބަރުންނަށް ނިސްބަތުން ބޮޑު މުސާރައެއް ކަނޑައެޅުމަށް މަޖިލީހަށް ހުށައަޅުއްވާފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ހެންވޭރު ރަންގަލި 4، ޙަމްދީ ޢަޤީލް ޢައްޔަނުކުރައްވައިފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ޕީސީބީގެ ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.



ކިޔުންތެރިންގެ ހިޔާލު