އެމްޑީޕީގެ ސަރުކާރުން ފައްކާކުރި ލާމަރުކަޒީ ނިޒާމު މަރުކަޒުކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރޭ އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ނިޔާޒް ވިދާޅުވީ އެމްޑީޕީން ފައްކާކުރި ލާމަރުކަޒީ ނިޒާމު މަރުކަޒު ކުރުމަށް މި ސަރުކާރުން އައު މިނިސްޓްރީއެއް އުފައްދާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީން ކައުންސިލްތަކަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

“އެއީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ވިސްނުމާއި ހިލާފަށް ރޫހާ ހިލާފަށް ކުރާ ކަމެއް. މިނިސްޓްރީ އުފެއްދެވި. ނަމަވެސް ކުރީގައި ވިދާޅުވި މިނިސްޓްރީއެއް ނުއުފައްދާނަމޭ.” ޢަލީ ނިޔާޒް ވިދާޅުވިއެވެ.

ޢަލީ ނިޔާޒް ވިދާޅުވީ މި ސަރުކާރުން ލޯކަލް ގަވަމެންޓް މިނިސްޓްރީއެއް އުފައްދާފައިވާ ކަމަށާއި އެ މިނިސްޓްރީގެ ސަބަބުން ކައުންސިލްތަކަށް ލިބިފައި ހުރި ބާރުތަކާއި މަސްއޫލިއްޔަތުތަކާއި އަދާކުރާ ޒިންމާތަކަށް ހުރަސްއެޅުމުގެ ބިރު އެބައޮތް ކަމަށެވެ.

އޭގެއިތުރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް ކައުންސިލްތައް ބާރުވެރި ކުރުވުމަށް ކުރާނެ އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށް ޢަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ.

ޢަލީ ނިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދަވައި ވަޒީރު ކަމުގެ މަގާމަށް މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފް އައްޔަން ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު