އެމްޑީޕީއަށް ބިރު ނުދެއްކޭނެ ކަމަށާއި އެއީ ބޭކާރުކަމެއް ކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރޭ އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީ މަސައްކަތަށް ފަރިތަ ޕާޓީއެއް ކަމަށާއި އެހެންކަމުން އެޕާޓީގެ މެންބަރުންނަށް ބިރު ނުދެއްކޭނެ ކަމަށެވެ. ހަމަ އެއާއެކު އެމްޑީޕީގެ ޕީޖީ ގްރޫޕުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ފައްޔާޒް ވަނީ ހިތްވަރުދެއްވާފައެވެ.

ފައްޔާޒް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީފިނަމަ ޕާޓީގެ ވަކިވަކި މެންބަރުންގެ ފަހަތުން ދާނެ ކަމަށް ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ބިރު ދައްކައިގެން ބަލިކުރެވޭވަރަށްވުރެ އެމްޑީޕީގެ މެންބަރުންގެ ހިތްވަރު ގަދަވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ބިރު ދައްކަވަން އެއްވެސް ބޭފުޅަކު އުޅުއްވާނެ ކަމެއް ނެތް. އެއީ ބޭކާރު ކަމެއް،” ފައްޔާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން އެމްޑީޕީން ގަބޫލުކުރާ އުސޫލުތައް ދަމަހައްޓައި އެޕާޓީން ހޯދާފައިވާ ކާމިޔާބީތައް ފުރޮޅާލިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރައީސް ކަމާއި ގައުމީ މަޖިލީހުގެ ގިނަ މަގާމުތަކެއް ހުސްވެފައިވާއިރު އެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް އެމްޑީޕީން މިހާރު އަންނަނީ ތައްޔާރުވަމުންނެެވެ.

ރޭގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައްޔަންކޮށްފައިވާއިރު އެމަނިކުފާނާއި އަނބިކަބަލުން ފަޒްނާ އަޙްމަދު މިވަގުތު ވަޑައިގެންވީ ރާއްޖެއިން ބޭރުގައެވެ.



ކިޔުންތެރިންގެ ހިޔާލު