އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   3 ނޮވެމްބަރު 2023 - 12:1
އިންސާނާގެ ޙިއްސުތަކުގައި ވާ މުޢުޖިޒާ (1)

ކަންފަތް


ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!

ހ. ކަންފަތް: އަޑު އެހުުގެ ޙިއްސު

އިންސާނާގެ ޙިއްސުތަކަކީ ވެސް ﷲ ތަޢާލާ އެ ތަކެތި ހައްދަވާފައިވާ ގޮތާއި، އެ ތަކެތީގެ މަސައްކަތް އެކަށައަޅުއްވާފައި ހުރި ގޮތަށް ނަޒަރު ހިންގައިލާ އިރު، ޢަޖާއިބުން ފުރިގެންވާ ތަކެއްޗެވެ. އެއީ ޙަޤީޤަތުގައި ވެސް، އިންސާނާގެ ބުއްދި ޙައިރާން ކުރުވާ ފަދަ ކަންކަމެވެ. އަލްއިސްރާ ސޫރަތުގެ 36 ވަނަ އާޔަތު ގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. (إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا) (الإسراء:36). މާނައީ: "ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައިވި އެވެ." ކީރިތި ޤުރްއާނުގައި އިންސާނާގެ ޙިއްސުތަކުގެ ވާހަކަ ނަންގަނެފައި ހުރި ގިނަ އާޔަތްތަކުގައި، ތަރުތީބުން ފުރަތަމަ އައިސްފައި ވަނީ، އަޑު އެހުމުގެ ޙިއްސު السمع (އައްސަމްޢު) އެވެ. ކީރިތ ޤުރްއާނުގައި، السمع (އައްސަމްޢު) އަދި އެ ބަހުން އުފެދޭ އެހެން ބަސްތައް، މުޅި ޖުމުލަ 185 ފަހަރު އައިސްފައި ވެއެވެ. އަދި ކީރިތި ޤުރްއާނުގައި އިންސާނާގެ ޙިއްސުތަކުގެ ވާހަކަ ނަންގަނެފައި ހުރި ގިނަ އާޔަތްތަކުގައި ތަރުތީބުން ދެވަނަ އަށް އެންމެ ގިނަ ފަހަރު އައިސްފައި ވަނީ، البصر (އަލް ބަޞަރު) އެވެ. މި ކަލިމަ މުޅި ޖުމުލަ ކީރިތި ޤުރްއާނުގައި 148 ފަހަރު އައިސްފައި ވެއެވެ.

ފާހަގަ ކޮށްލެވޭ އެއް ކަމަކީ، السمع (އައްސަމްޢު) އަޑު އެހުން އަބަދު ވެސް ކީރިތި ޤުރްއާނުގައި އައިސްފައި ވަނީ، ދައްކާ ވާހަކަ އަޑުއެހުމާއި އެ ތަކެތި ދޭހަވުމުގެ މާނައިގައި އެކަނިކަންޏެވެ. ނަމަވެސް އެއާ ޚިލާފަށް البصر (އަލް ބަޞަރު) ބެލުން، ދުށުން މި ކަލިމަ ދުށުމާއި ބެލުމުގެ މާނައިގައި އައިސްފައި ވަނީ އެންމެ 88 ފަހަރުއެވެ. އެހެންވީމައި ބާކީ 60 ފަހަރު އެ ކަލިމަ އައިސްފައި އެ ވަނީ، ބުއްދި އާއި ފިކުރު ކުރުމުގެ މާނައިގައި، ވިސްނުމުގެ މާނައިގައެވެ. މި ކައުނާއި، ކައުނުގައި ވާ ޤުދުރަތީ ކަންކަމާ މެދު ފުންކޮށް ވިސްނައި، ފިކުރު ކުރުމުގެ މާނައިގައެވެ. السمع (އައްސަމްޢު) އާއި البصر (އަލް ބަޞަރު) 38 އާޔަތެއްގައި، އެއް ފަހަރާ އައިސްފައި ވެއެވެ. މިސާލަކަށް އައްސަޖިދަ ސޫރަތު ގައި، ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ. (ثُمَّ سَوَّاهُ وَنَفَخَ فِيهِ مِنْ رُوحِهِ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ قَلِيلًا مَا تَشْكُرُون) މާނައީ: "ދެން އޭނާޔަށް ފުރިހަމަ ސިފަ ދެއްވައި، އެކަލާނގެ روح ފުޅުން އޭނާޔަށް ފުމެލެއްވި އެވެ. (އެބަހީ: ފުރާނަ އެޅުއްވި އެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވި އެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށް ވެސް މަދުން." މި ފަދައިން އައިސްފައި ވެއެވެ. އަދި އަލް މުއުމިނޫން ސޫރަތުގައި، ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ. (وَهُوَ الَّذِي أَنْشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ قَلِيلًا مَا تَشْكُرُونَ) މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށް ޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެ އެވެ. ތިޔަބައިމީހުން شكر ކުރަނީ، ވަރަށް ވެސް މަދުންނެވެ." މި ފަދައިން އައިސްފައި ވެއެވެ. އަދި އަލް އަޙްޤާފު ސޫރަތު ގައި، ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ. (وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَى عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُمْ مِنْ شَيْء) މާނައީ: "އަދި އެއުރެންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ތިމަން ރަސްކަލާނގެ ލެއްވީމެވެ. ފަހެ، އެއުރެން اللَّه ގެ آية ތަކަށް ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން، އެއުރެންގެ އިވުމެއް ވެސް، އަދި އެއުރެންގެ ފެނުމެއް ވެސް، އަދި އެއުރެންގެ ހިތްތަކެއް ވެސް އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ." މިފަދައިން އައިސްފައި ވެއެވެ. އައް ނަޙްލު ސޫރަތު ގައި، ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ. (وَاللَّهُ أَخْرَجَكُمْ مِنْ بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ لَعَلَّكُمْ تَشْكُرُونَ) މާނައީ: "ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ގޮތުގައިވާ ޙާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّه އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވި އެވެ. އެއީ ތިޔަބައިމީހުން، ޝުކުރު ކުރުމަށްޓަކައެވެ." މިފަދައިން އައިސްފައި ވެއެވެ. އަލް މުލްކު ސޫރަތު ގައ،ި ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ. (قُلْ هُوَ الَّذِي أَنشَأَكُم وَجَعَلَ لَكُمُ السَّمعَ وَالأَبصَارَ وَالأَفئِدَةَ قَلِيلاً مَا تَشكُرُون) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެ އެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށް ވެސް މަދުންނެވެ." މިފަދައިން އައިސްފައި ވެއެވެ. އަދި ޔޫނުސު ސޫރަތު ގައި، ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ. (قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالأَرْضِ أَمَّن يَمْلِكُ السَّمْعَ والأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيَّتَ مِنَ الْحَيِّ وَمَن يُدَبِّرُ الأَمْرَ فَسَيَقُولُونَ اللّهُ فَقُلْ أَفَلاَ تَتَّقُونَ) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒުޤު ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކުވެގެންވަނީ ކާކަށް ހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދުބީރު ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. (އެއީ) اللَّه އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟" މި ފަދައިން އައިސްފައި ވެއެވެ.

މި ހުރިހައި އާޔަތްތަކަކަށް ނަޒަރު ހިންގައިލާ އިރު ވެސް، އެންމެ ޢާންމުކޮށް ފާހަގަ ކުރެވޭ އެއް ކަމަކީ، ﷲ ތަޢާލާ ދެއްވި މި ނިޢުމަތްތަކުގެ މުހިންމުކަމާއި އިންސާނުން އެ ނިޢުމަތްތަކަށް ޙައްޤު ގޮތުގައި ޝުކުރު ނުކުރާ ވާހަކަ އެވެ، އެނގި ވަޑައިގަންނަވާނޭ ފަދައިން، އުފަން ވާއިރު ކަންފަތަށް އަޑު ނީވޭ މީހަކަށް ވާހަކަ އެއް ނުދެއްކޭނެއެވެ. އެ މީހުން ވަނީ މަންމަނުންނަށެވެ. ސަބަބަކީ ބަސްމޮށުމަކީ ކަންފަތަށް އިވޭ އަޑުގެ އެހީގައި އިންސާނާގެ ކިބައިގައި އަށަގަންނަ ސިފަ އެއް ކަމުގައި ވުމެވެ. އެހެން ކަމުން މި ކަމުން ވެސް ދޭހަ ވަނީ، ﷲ ތަޢާލާގެ މި ނިޢުމަތުގެ ބޭނުންތެރިކަމާއި މުހިންމު ކަމެވެ.

*******

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން