އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   6 އޮކްޓޯބަރު 2023 - 17:52
ޖަމަލު (2)

.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!

10- އައްސާއިބާ:

ޖަމަލުގެ 10ވަނަ ނަމަކަށް އަންނަނީ އައްސާއިބާ އެވެ. އެއީ ޖާހިލީ ޒަމާނުގައި، ކާފިރުން އެމީހުންގެ ބުދުތަކަށް ޓަކައި މިނިވަންކުރާ ޖަމަލެވެ. ފިރިހެނަކު ދަތުރަކުން އެނބުރި އައިސް، ނަދުރެއް ބުނުން ނުވަތަ ބައްޔެއް ފަސޭހަ ވެއްޖެ ނަމަ، މިވެނި ކަމެއް ކުރުމަށް ބުނާ ނަދުރު ފަދަ ނަދުރެއް ބުނާ އިރު، ބައެއް ފަހަރު "ތިމަންނާގެ ބަލި ފަސޭހަ ވެއްޖެނަމަ ތިމަންގެ ޖަމަލަކީ ސާއިބާއެކޭ." އެ މީހުން ބުނާނެއެވެ. އެ މީހުންގެ ގާތުގައި މި ޖަނަވާރުގެ ވެސް ޙުކުމަކީ ބަޙީރާގެ ޙުކުމެވެ.



11- އަލްޙާމު:

11 ވަނަ އަށް އަންނަނީ އަލްޙާމު އެވެ. އެއީ އޭގެ ބުރަކަށިން 10 ބަނޑަށް ދަރިން ލިބިފައިވާ ޖަމަލެވެ. އެ ހިސާބުން އެ ޖަމަލު ޙިމާޔަތް ކުރެވުނީއެވެ. ދެން އޭގެ ބުރަކައްޓަށް އެއްވެސް އެއްޗެއް ނާރުވާނެއެވެ. އެއަށް ސަވާރެއް ނުވާނެއެވެ. ކޮންމެ ތަނަކުން ވެސް ކައި ފެން ބޮއެ އުޅެވޭނެއެވެ. މީތި މަރުވުމުން ދެ ޖިންސުގެ މީހުން އޭގެ މަސް ކެއުން އެމީހުން ހުއްދަ ކުރެއެވެ.

12- އަލްޢިޝާރު:

12 ވަނަ އަށް އަންނަނީ އަލްޢިޝާރު އެވެ. ޢަރަބި ބަހުގެ އަހުލުވެރިން ވިދާޅުވާ ގޮތުގައި، ޢިޝާރަކީ ބަނޑަށް 10 މަސް ވެފައިވާ އަންހެން ޖަމަލެވެ. ސޫރަތުއްތަކްވީރުގައި، އަލްޢިޝާރުގެ ނަން އައިސްފައި ވެއެވެ.

ސޫރަތުލް ޣާޝިޔާގެ 17 ވަނަ އާޔަތުގައި، ﷲގެ ޤުދުރަތް ތެރިކަމާއި، ކުޅަދުންވަންތަވެރިކަން ދައްކައިދޭ އެތައް އެއްޗެއްގެ ވާހަކަ އައިސްފައި ވީ އިރު، އޭގެ ތެރެއިން އެންމެ އިސްކަން ދެއްވާފައި ވަނީ ޖަމަލަށެވެ. އެ އާޔަތުގައި އުޑު އުފުއްލެވި ވާހަކަ އައިސްފައި ވެއެވެ. ފަރުބަދަތަކުގެ ވާހަކަ އައިސްފައި ވެއެވެ. ބިން ފެތުރުއްވެވި ވާހަކަ އައިސްފައި ވެއެވެ. މިއިން ކޮންމެ ކަމަކީ ވިސްނައިލާ އިރު އެއްގަމުގައި މި އުޅޭ ޖަމަލާ އަޅައި ބަލާ އިރު، މާ ބޮޑެތި ކަންތައްތަކެވެ. ނަމަވެސް އެކި ސިފާގައި 12 ފަހަރު ފަހަރު ޖަމަލުގެ ވާހަކަ ކީރިތި ޤުރްއާނުގައި އައިސްފައި ވެއެވެ.

ޖަމަލުގެ ދުވެލީގެ ބާރުމިނާއި ބައެއް އެހެނިހެން މަޢުލޫމާތު:

އެނގިވަޑައގަންނަވާނޭ ފަދައިން، ޖަމަލަކީ، 10 ގަޑިއިރު ތެރޭގައި، 114 ކިލޯމީޓަރުގެ ދުރުމިން ކަޑައްތު ކުރާ ޖަނަވާރެކެވެ. އަދި 3 ދުވަހުން ޖަމަލު 448 ކިލޯމީޓަރުގެ މަސާފަތް ކަޑައްތު ކުރެއެވެ. ޖަމަލަކީ ދުރުދަތުރު ކުރުމަށްޓަކައި ބޭނުންކުރުމަށް ﷲ ތަޢާލާ ޚަލްޤުކުރައްވާފައިވާ ޖަނަވާރަކަށް ވާތީ، އެ ޖަނަވާރުގައި ދުރުދަތުރު ކުރުމުގެ ޤާބިލުކަން ހުރުމުގެ އިތުރުން، ބަރު އުފުލުމުގައި ވެސް އެއީ އާދަޔާ ޚިލާފު ޖަނަވާރެކެވެ. ދަތުރު ކުރާއިރު، ޖަމަލެއްގެ ބުރަކަށިމަތީގައި 200 ކިލޯ އާއި 300 ކިލޯއާ ދެމެދުގު މިންވަރަކަށް ބަރު އުފުލައެވެ. މި ސަބަބުތަކަށް ޓަކައި، ޢަރަބީން ޖަމަލަށް ދީފައިވާ ވަނަމަކީ، سفينة الصحراء (ސަފީނަތުއް ޞަޙްރާ) އެވެ. ސަހަރާގެ އާގުބޯޓެވެ.

ޖަމަލުގެ ޙަޔާތުން ފެންނަ ބައެއް އިލާހީ މުޢުޖިޒާ:

އާދެ! ޖަމަލުގައި ﷲ ތަޢާލާ ލައްވާފައި ވަނީ، އިލާހީ ކޮން ކޮން އަޖާއިބެއްތޯ ބަލައިލަމާ ހިނގާށެވެ؟ މިހައިތަނަށް ކީރިތި ޤުރްއާނުގެ މުފައްސިރުން ސަމާލުކަން ދެއްވާފައި ވަނީ، މި އަޖައިބެއް ފަދަ ޖަނަވާރުގެ ބޭރުފުށަށް އެކަންޏެވެ. މިސާލަކަށް އޭގެ ކަންފަތް. ނޭފަތް، ލޯ، ނަގޫ، މޮށްގަނޑުތައް ފަދަ ގުނަވަންތަކަށެވެ. އެކަމަކު މި ޖަނަވާރުގެ ކޮންމެ ސެލް އަކުން ވެސް ﷲ ވޮޑިގެންވާކަމާއި، އެ ކަލާނގެ ކުޅަދުންވަންތަވެރިކަމާއި، އެ ކަލާނގެ އެއްކައުވަންތަކަމުގެ ހެކިތައް ހާމަވެއެވެ. އަހަރެމެން އެންމެން ވެސް ކައިފި އަދި ބޮއިފި އެއްޗެއް ދެން އަނބުރާ ދެވަނަ ފަހަރަށް ބޭނުން ކުރާކަށެއް ނުލިބެއެވެ. އެކަމަކު ޖަމަލަށް ﷲ ތަޢާލާ ދެއްވާފައިވާ އަޖައިބެއް ފަދަ ބާރެއްގެ ސަބަބުން، ކުރިން ބޮއި ހަށިގަނޑުގެ ތެރެއަށް އޮބިފައި ހުންނަ ފެން އަލުން އެ ގުނަވަންތަކުން ނެރެ ބޭނުން ކުރުމުގެ ބާރު އެއަށް ދެއްވާފައިވެއެވެ.

މިހައި ތަނަށް އެނގިފައިވާ ގޮތުގައި ޖަމަލަކީ، އެންމެ ފެންފޮދެއް ވެސް ނުބޮއި، އެއްވެސް އެއްޗެއް ނުކައި، 50 ޑިގުރީ ސެލްސިއަސް ގެ ގަދަ ހޫނު ގައި، ދެ ހަފުތާ ވަންދެއް އާދައިގެ ދިރިއުޅުމެއް އުޅޭ ހަމަ އެކަނި ޖަނަވާރެވެ. މި ހޫނުގައި މިހައި ދުވަސް ވާ އިރު، އޭގެ ބަރުދަނުގެ %25 ލުއިވާ ވަރަށް ފެން މަދުވެއެވެ. އެކަމަކު ޖަމަލުގެ ހަށިގަނޑުން މި ވަރަށް ފެން މަދުވާ އިރު ވެސް، އޭތި މަރެއް ނުވެއެވެ. މިއާ ޚިލާފަށް އެހެން ޖަނަވާރެއްގެ ހަށިގަނޑުން %12 ފެން މަދުވާ އިރަށް އެސޮރުގެ ފުރާނަ ހިނގައިދާނެއެވެ.

ކީއްވެތޯ ޖަމަލަށް މިހެން މި ވަނީ، އާދެ ކީރިތި ރަސޫލާ ‘ ގެ ޙަދީޘަކަށް ބަލައިލަމާ ހިނގަވާ! ޒައިދު ބުނު ޚާލިދުލް ޖުހަނީ ގެ އަރިހުން ރިވާ ވެފައިވާ ޙަދީޘެއް ގައި އައިސްފައި ވަނީ، ކީރިތި ރަސޫލާ ‘ އަރިހަށް މީހަކު އައިސް މަގުމައްޗަށް ދޫވެފައި، ވެރިޔަކު ނެތިފައި ހުންނަ ޖަނަވާރާ ބެހޭ ގޮތުން ސުވާލު ތަކެއް ކުރިއެވެ. ދެން އޭނާގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ގޮސް އެ ގޮތަށް ގެއްލި، ވެރިޔަކު ނެތް ޖަމަލެއް ފެނިއްޖެ ނަމަ ހަދާނެ ގޮތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ޙަދީޘް ކުރެއްވިއެވެ. "مَا لَكَ وَلـَهَا؟ مَعَهَا سِقَاؤُهَا وَحِذَاؤُهَا، تَرِدُ الْمَاءَ وَتَأْكُلُ الشَّجَرَ، حَتَّى يَلْقَاهَا رَبـَّهَا". މި ފަދައިން. މާނަ އަކީ: "ކަލެއާ އެއަކާވާ ކީކީހެއްޔެވެ. ދެން ޙަދީޘް ކުރެއްވީ. އެއާ އެކީ އޭގެ ފެނާއި ފައިވާނާ ހުންނާނެއެވެ. އަދި އެތައް ދުވަހަކަށް ފުދޭ ވަރަށް އޭތީގެ ކޭކުއްޔަށް ފެން ބަރުކުރާނެއެވެ. އަދި އޭގެ ވެރިފަރާތާ ބައްދަލު ވަންދެއް ގަސްގަހުގެ ފަތް ކައި އުޅޭނެއެވެ"

ޖަމަލަކީ އަޖައިބުން ފުރިގެންވާ ޖަނަވާރެކެވެ.

ޖަމަލުގެ ބުރަކަށީގައި ހުންނަ ސަރުބީގެ ގޮންގަނޑު ދެކެމުނޫންތޯއެވެ؟ އެއީ ކޮން ބޭނުމެއްގައި އެ ޖަނަވާރުގެ ބުރަކަށީގައި ހުންނަ އެއްޗެއް ކަމާ މެދު ވިސްނައިލެއްވީމުތޯއެވެ؟ ބަލައިލަމާ ހިންގަވާށެވެ. މިކަންކަން ދިރާސާ ކުރެއްވި ޢިލްމުވެރިން ހާމަކުރައްވާ ގޮތުގައި ޖަމަލުގެ ގޮންގަނޑު ގައި، 100 އާއި 120 ގުރާމާ ދެމެދުގެ މިންވަރަކަށް ބައެއް ފަހަރު ސަރުބީ އުފެދިފައި ހުރެއެވެ. މި ސަރުބީ އަކީ، ބޭނުން ޖެހިއްޖެ ނަމަ ފެނަށާއި، ހަކަތަ އަށް ބަދަލު ކުރެވޭ އެއްޗެކެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ އެ ސަރުބީ، ފެނާއި ހަކަތަ އަށް ކޮންވާޓު ކުރެވޭނެއެވެ. ވަރުބަލި ވުމުން އެ ސަރުބީ ބަދަލުވަނީ ހަކަތަ އަށެވެ. އަދި ކަރު ހިއްކުމުން އެ ސަރުބީ ބަދަލުވަނީ ފެނަށެވެ. ބޭސްވެރިކަމުގެ މިންގަނޑުތަކުން ބަލާ އިރު، މި ޢަމަލަކީ އެހެން ޖަނަވާރުގައި ވެސް ކޮންމެވެސް ވަރަކަށް ހިނގާ ޢަމަލެކެވެ. އެކަމަކު މި ގޮތަށް އިންސާނަކު ޢާންމު ގޮތެއްގައި 2 ދުވަހަށް ވުރެ ގިނައިން ނުކައި ހުރެއްޖެ ނަމަ، އޭނާގެ ހަށިގަނޑު ގައި ހުންނަ ސަރުބީ ވިރެން ފަށާނެއެވެ. އަދި މި ކަމުގެ ސަބަބުން، ލޭގެ ތެރެއަށް އެސިޑުގެ އަސަރު ފޯރަން ފަށާނެއެވެ. ދެން އިންސާނާ ވާނުވާ ނޭނގޭ ޙާލަތަކަށް ނުވަތަ ކޯމާ އަކަށް ހިނގައިދާނެއެވެ. އެކަމަކު މި ޖަނަވާރު، އާދެ ޖަމަލަށް ދުވަހަކު ވެސް މި ދެންނެވި ޙާލަތު މެދުވެރިއެއް ނުވެއެވެ. އެކަމަކު އެހެން ޖަނަވާރެއް ވިއްޔާ، މި ގޮތަށް ކަންތައް ދިމާ ވުމުން ބަލިވާނެއެވެ. އެއީ Alkalosis (އަލްކަލޯސިސް) ކިޔާ ބައްޔެއް ނުވަތަ މެޑިކަލް ކޮންޑިޝަނެކެވެ.

ޖަމަލުގައި ވައި ފިނިކޮށްދޭ ނިޒާމެއް ހުރެއެވެ.

އާދެ އެހެން ޖަނަވާރުތަކާ ޚިލާފަށް، ޖަމަލުގެ މޫނުގެ ކަށިތަކުގެ ތެރޭގައި، ހުސް ޖާގަތަކެއް ނުވަތަ ސައިނަސްތަކެއް ހުރެއެވެ. ޢިލްމުވެރިން އޭގެ ބޭނުން ދިރާސާ ކުރި އިރު، އެއީ ޖަމަލުގެ ނޯށުން ވަންނަ ހޫނު ވައި ފިނިކޮށްދޭ، އެއާ ކޮންޑިޝަން ތަކެއް ކަމަށް ފާހަގަ ކުރެވުނެވެ. އަދި އޭގެ ސަބަބުން ޖަމަލުގެ ސިކުންޑިއަށް ލޭ ފޯރުކޮށްދޭ ލޭހޮޅިތައް، ފިނިކޮށްދޭ ކަމަށް ވެއެވެ. އެހެން ވީމައި ސަހަރާ ތެރޭގެ ހޫނު ވައިން އެއަށް މާބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ޖަމަލުގެ ދިގު ކަނދުރާ:

ޖަމަލުގެ ކަނދުރާ ދިގު ވުމުގެ ސަބަބުން، އޭތި އުޅޭ ހިސާބުގެ ބިންމަތީގައި ހުންނަ ތަކެތި ހުސްވިޔަސް އުސް ގަސްގަހުން ފަތް ކެވޭނެއެވެ. ޖަމަލުގެ ކަނދުރާ މަސައްކަތް ކުރަނީ ބޮޑެތި ކުރޭން މަސައްކަތް ކުރާ ގޮތަށެވެ. އެހެނީ އޭގެ ކަނދުރާއާ ގުޅިފައި ވަނީ، ކުރިމަތީގެ ދެ މޮށްގަނޑާއެވެ. ދެން ޖަމަލު، އޭގެ ބުރަކަށިމައްޗަށް އެއްޗެއް އަރުވައިގެން އޮންނަ އިރު، އޭތި ތެދުވަން ވެއްޖެ ނަމަ ފަހަތު ދެ މޮށްގަނޑު އެކަނި ހިއްލައިލުމުން، އެއަށް ފަސޭހައިން ދެދުވެވޭ ކަމަށް ވެއެވެ. ޙަޤީޤަތުގައި މި ފަދަ ޖަނަވާރުގެ ފަޔަކީ، ކުރީގެ ދެމޮށްގަނޑެވެ. އެ ދެ މޮށްގަނޑު ލެނބިފައި އޮންނާނީ އަހަރެމެން އިންސާނުންގެ ކަކޫ ލެނބޭ ގޮތަށެވެ. އަދި އަތުގެ މަޤާމުގައި މި އޮންނަނީ ފަހަތު ދެ މޮށް ގަނޑެވެ. އެ ދެ މޮށްގަނޑު ލެނބިފައި އޮންނާނީ އަހަރެމެންގެ އަތް އުޅަނބޮށިން މި ލެނބޭ ގޮތަށެވެ. ޖަމަލަކީ، އޭތި އޮށޯވެ އޮންނަ އިރު ވެސް، ބުރަކަށިމަތީގައި ހުންނަ ހުރިހައި މުދާ ހިފައިގެން އޮންނަ ހަމަ އެކަނި ޖަނަވާރެވެ. އަދި އެއްވެސް ބުރަކަމަކާ ނުލައި، އެ ބަރު މުދައުތައް ހިފައިގެން އޭތި ތެދުވާނެއެވެ.

ޖަމަލުގައި ހުރި ބައެއް އެހެން މުޢުޖިޒާތް:

ދިވެހިރާއްޖެ ފަދަ ޤައުމުތަކުގައި ޖަމަލެއް ނޫޅެއެވެ. ޖަމަލު އުފައްދަވާފައި ވަނީ އެއަށް އިންސާނުން އެންމެ ބޭނުންވާ ބިންބިމުގައެވެ. ޢަރަބި ހަނަފަސް ރަހަރާއާއި، ރާޖަސްތާން ފަދަ މެދުތެރޭ އޭޝިޔާ ގެ ބިޔަ ބިންބިމުގައެވެ. އަދި ޖަމަލު އުފައްދަވާފައި ވަނީ، އެ ބިންބިމުގައި އުޅުމަށް އެކަށީގެންވާ ގޮތަށެވެ. އެއީ ގަސްރުއް މަދު، ބޮޑެތި ހަނަފަސް ސަހަރާތައް ހުރި ބިންބިމެވެ. އޭތީގެ ފައިގެ ދަށްފުށް ހުންނަނީ ބާލީހެއް ހެން މަޑުކޮށް، މަޑު ފަސްގަނޑުގައި ފައި އެޅުމުމުން ފަސޭހައިން ގަނބައިގެން ނުދާ ގޮތަށެވެ. ހަމަ އެކަނި ޖަމަލު އުފެދިފައިވާ ގޮތާއި، މީތި ދިރިއުޅޭ މާޙައުލާ ހުރި ގުޅުމުން އެކަނި ވެސް، ﷲ ވޮޑިގެންވާ ކަމާއި، އެ ކަލާނގެ ކުޅަދުންވަންތަކަން ވިސްނި ފުދި އިތުރުވެދާނެއެވެ.

ޖަމަލުގެ ކަންފަތް:

ޖަމަލުގެ ކަންފަތާ މެދު ވިސްނާލަމާތޯއެވެ؟ ސައިޒުގެ ގޮތުން ބަލާއިރު، މި މަޚްލޫޤާ އެންމެ ގާތްކުރާ އަނެއް މަޚްލޫޤަކީ އޮޅުދޫވަލު އެތެވެ. އެތުގެ ކަންފަތް އެ ޖަނަވާރުގެ ނިސްބަތުން ވަރަށް ބޮޑެވެ. ނަމަވެސް ހަށިގަނޑުގެ ސައިޒާ އަޅައި ބަލާ އިރު ޖަމަލުގެ ކަންފަތް ނިސްބަތުން ވަރަށް ކުޑައެވެ. ޖަމަލުގެ ކަންފަތުގެ ވަށައިގެން ކެހެރި ފަޅާފައި ހުރެއެވެ. އެއީ ސަހަރާ ގައި އެ ސޮރު އުޅޭ އިރު، ވަޔާއެކު ބުރާ ހިމުން ވެލިން، ރައްކާތެރިވުމަށް ކަން ވިސްނައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އަދި ޖަމަލަށް އޭތީގެ ކަންފަތް ފަހަތަށް އަނބުރާލައި ބޮލާލައި ފިއްތައިލެވޭނެއެވެ. ނުވަތަ މަޅައިލެވޭނެއެވެ. އެހެންކަމުން ގަދަ ވަޔާ އެކު ބުރާ ހިމުން ވެލިންނާއި، އެ ނޫން ވެސް އެ ފަދަ ކުދިކުދި އެތިކޮޅުކޮޅުން އެއަށް ސަލާމަތްވެވޭނެއެވެ. މިއީ އިއްތިފާޤެއް ކަމަކަށް، ނުވަތަ ޒަމާން ގަނޑަކުން މި ގޮތަށް ބަދަލުވީ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެކަމަކު މިއީ ކުޅަދުންވަންތަ ﷲ ގެ ޤުދްތަތްތެރިކަމާއި، ރޭވުންތެރިކަމާއި، އިންސާނުންގެ ބުއްދި ޙައިރާންކުރާ ފަދަ ޙިކުމަތްތެރިކަން ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ހަމަ އެފަދައިން ޖަމަލުގެ ނޭފަތުގެ ހިނދުރި ހުންނަނީ ވެސް، ވަރަށް ހަނިކޮށް އެތެރޭގައި ކެހެރި ފަޅައިފައެވެ. އެހެން ހުރުމުގެ ސަބަބުންން ނޯށުން ލާފައި ފުއްޕާމެއަށް ހިމުން ވެލި ދިއުން މަނާކުރެއެވެ. ހަމަ އެ ފަދައިން ޖަމަލުގެ ލޮލުގެ އެސްފިޔަތައް ހުންނަނީ ދެ ފަށަލައަކަށެވެ. އެއް ފަށަލައިގެ ބޭރުން އަނެއް ފަށަލަ އައިސް ލާމެހޭ ގޮތަކަށެވެ. އެހެން ހުރުމުގެ ސަބަބުން، ޖަމަލުގެ ލޮލަށް ކުނިބުންޏާއި، ހިމުން ވެލި އެޅުން ފަދަ ކަންކަމުން މަނާކޮށްދެއެވެ.

އާދެ! މި ކަހަލަ އަޖައިބު ކުރުވަނިވި ކިތަންމެ ކިތަންމެ ކަމެއް މި ޖަނަވާރުގައި ވެސް އެބަހުއްޓެވެ. ޝައްކެއް ނެތް ގޮތުގައި މިއިން ކޮންމެ ކަމަކީ ގަދަ ކީރިތި ވަންތަ އިލާހަކު ވޮޑިގެންވާ ކަމުގެ ހެއްކެކެވެ.

*******

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން