އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުންކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު މިރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވަނީ އިންތިހާބުގައި އެކި ގޮތްގޮތުން މަސައްކަތްކޮށްދެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ. ރައީސް ވިދާޅުވީ އިންތިހާބުން ބޭނުންވި ނަތީޖާ ނުލިބުމުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށެވެ. އޭގެތެރޭގައި ސަރުކާރާއި ގުޅޭގޮތުން ފެތުރި ދޮގު ހަބަރުތައްވެސް ހިމެނޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ހިންގުމަށާއި އެކުލެވިފައިވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތައްޔާރުވާން ޖެހޭކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެމްޑީޕީއަށް މާ ރަނގަޅު މަސައްކަތްތައް ކުރެވޭކަންވެސް ރަޢީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން މަސައްކަތް ފަށަންވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަންކަމަށެވެ. އަދި އެއަށްފަހު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އަލުން ވެރިކަމަށް އަންނަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަމާޒަކަށް ހަދަންވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ކުރިއަށް އޮތް ދެ އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ މަސައްކަތުގައި އެމަނިކުފާނު އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން