ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ
ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ 8 ވަނަ އިސްލާހާ ގުޅޭގޮތުން ބާއްވާ ރެފަރަންޑަމް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ ޤާނޫނީ އަސާސްތަކުގެ މައްޗަށް ބިނާކޮށްފައިވާ ހުކުމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަޙްމަދު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ މި ހުކުމަކީ ޞައްޙަ ދުސްތޫރީ އަދި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ހުކުމެއް ނޫންކަން، މި މައްސަލައާ ގުޅުން ހުރި ދުސްތޫރީ ނައްޞުތަކަށާއި، އެ ނައްޞުތައް މާނަކުރުމުގެ ޢާންމު އުޞޫލުތަކަށް ބެލުމުން ވަރަށް ސާފުކޮށް އެނގެއެވެ.



ޑރ. އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، ދުސްތޫރީ ނައްޞެއްގައި އެއްވެސް އޮޅުމެއް ނާރާގޮތަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވާ ކަމެއް ތަޠްބީޤުކުރަންވާނީ އެ ނައްޞެއްގައި ކަނޑައަޅައިފައިވާ ގޮތަށެވެ. އެއީ އެއްވެސް މީހެއްގެ އަމިއްލަ އިޖްތިހާދަކަށް ކުރެވޭނެ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި މާއްދާތަކަކަށް އިޞްލާޙު ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، އެ އިޞްލާޙެއް ގެނައުމަށް އަޢުލަބިއްޔަތު ލިބިއްޖެނަމަ އެވެ.

އެހެންކަމުން، ރައްޔިތުންނާ ކުރެވޭ ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙަށް ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރެވޭ ސުވާލަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރަން ފެނޭތޯ އެ ސުވާލުގައި ހިމެނުމަކީ ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ގެ ޙުދޫދު ފަހަނައަޅައި ދިއުންކަމުގައި މެނުވީ ނުވާނެ،" ޑރ. އަޙްމަދު ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ގެނައި 8 ވަނަ އިޞްލާޙާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަކީ ދުސްތޫރީ ގޮތުން ޞައްޙަ ސުވާލެއް ނޫން ކަމަށްވެސް ޑރ. އަހްމަދު ވިދާޅުވިއެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ، އެ ސުވާލުގައި ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުން ލާޒިމްކޮށްފައިވާ މާއްދާ އާއި، އޭގެ ދަށުން ގެނެވޭ އިޞްލާޙު ބަޔާންކޮށްފައި ނެތުމެވެ. ޚާއްޞަކޮށް ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ގެނައި އިޞްލާޙުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް އަންނަ ބަދަލު އެ ސުވާލުގައި ބަޔާންކޮށްފައި ނުވާކަން ޑރ. އަހްމަދު ފާހަގަކުރެއްވިއެވެ.

ޑރ. އަޙްމަދު އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް ތަޞްދީޤުކުރުމުގެ ކުރިން ނަގާ ރެފަރެންޑަމްތަކުގައި، ވޯޓުދޭ މީހުންނަށް އެ އިޞްލާޙު ގެނެވުނީ ޤާނޫނުއަސާސީގެ ކޮން މާއްދާއަކަށްކަމާއި، ގެނެވުނު އިޞްލާޙުގެ ޚުލާޞާ އެނގޭނެ ގޮތަށް ސުވާލު ފަރުމާކޮށްފައި އޮތުމަކީ ދުސްތޫރީ ގޮތުން ލާޒިމް ކަމެއް ކަމަށެވެ.

"އިސްވެދިޔަ ސަބަބުތަކަށްޓަކައި، ސުޕްރީމް ކޯޓުގެ މިއަދުގެ ޙުކުމަކީ ޞައްޙަ ދުސްތޫރީ ސަބަބުތަކަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ކޮށްފައިވާ ނާޤިޞް ނުވަތަ 'ޑިފެކްޓިވް' ޙުކުމެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް،" ޑރ. އަޙްމަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް