އަލީ އަޝްފާގް (ދަގަނޑޭ)
އަލީ އަޝްފާގް (ދަގަނޑޭ)
މިއަދު ހަވީރު ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުގައި، ފަހަތުން އަރައި 2-1 އިން އީސްޓް ޓިމޯ ބަލިކޮށް ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މޮޅަކާއެކު ކޮލިފައިން ނިންމާލައިފިއެވެ.

މި މެޗުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ތިން އަހަރަށްފަހު ގައުމީ ޓީމުގެ ޖާޒީގައި ކުޅެން ނިކުމެފައެވެ. މެޗުގެ ފަހު 10 މިނެޓަށް ދަގަނޑޭ ކުޅެން ނިކުމެފައިވާއިރު މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން 99 ވަނަ މެޗެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އީސްޓް ޓިމޯއިންނެވެ. މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޕައުލޯ ފްރެއިޓަސް ނަގައިދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސެންޑްރޯ ލެމޯސްއެވެ.

ރާއްޖެ އެއް ލަނޑުން ބަލިވެފައި ވަނިކޮށް ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވި ހަންގޭރީގެ އިސްތަވާން އުރުބާނީ ވަނީ މެޗުގެ ފަހު 10 މިނެޓަށް ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) ކުޅެން އަރުވާފައެވެ. އެއާއެކު ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް އީސްޓް ޓިމޯގެ ފަހަތަށް ބާރު ބޮޑު ކޮށްފައެވެ.

އެގޮތުން ރާއްޖެއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 89 ވަނަ މިނެޓުގައި ނިއުރޭޑިއަންޓުގެ މިޑްފީލްޑަރު އަހުމަދު އިރުފާން (އިރޭ) އެވެ. އަދި ރާއްޖެ މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދަގަނޑޭ ހޯދައިދިން ޕެނަލްޓީއަކުން ސެންޓޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މޮޅާއެކު ރާއްޖެއަށް ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް ނިމިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް