މިިދިޔަ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މާދަމާރޭ ޢިއުލާންކުރުމަށް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އޮންނަނީ މާދަމާރޭ 8:30 ގައިކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ޢިއުލާންކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބާބެހޭ މަރުކަޒު ދަރުބާރުގޭގައި ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އައިއިރު ވަނީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ޢިއުލާންކޮށްފައެވެ.ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއަށް 54.04 އިންސަތަ ވޯޓް ލިބިފައިވެއެވެ. އަދި ރައީސް ޞާލިޙަށް 45.96 އިންސައްތަ ވޯޓް ލިބިވަޑައިގެންނެވިއެވެ.

މާދަމާރޭ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާއިރު، ވަގުތީ ނަތީޖާއަށް ބަދަލު އަންނަފަދަ ކަމެއް ނެތުމުން، އިންތިހާބުގެ ނަތީޖާ އޮންނަނީ މިހާތަނަށް އިއުލާންކޮށްފައިވާ ގޮތަށެވެ. ނަމަވެސް ޤާނޫނީ މަރުހަލާ ފުރިހަމަކުރުމަށް ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ފަރާތަކަށް އެކަމާއި ގުޅޭ ލިޔުން ފުރަތަމަ ހަވާލުކުރުންވެސް މިފަހަރު އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން