އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   29 ސެޕްޓެމްބަރު 2023 - 17:55
ޖަމަލު (1) 

.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!

ޖަމަލު އުފެދުމުގައި ހުރި ބައެއް މުއުޖިޒާތް



އިންސާނުން މިއަދާ ހަމައަށް ކުރި ތަޖުރިބާތަކާއި މިއަދުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި، ޙަޤީޤަތް ޤަބޫލުކުރާ ޢިލްމުވެރިން، އެއްބަސްވާ ޤުދްރަތީ ކަންތައްތަކެއް އެބަހުއްޓެވެ. އެ ގޮތުން ދުނިޔޭގައި ވާ މަޚްލޫޤުންގެ ކިބައިގައި ހުރި ޤުދްރަތީ ކަންތައްތަކަކީ އެއްގޮތަކަށް ވެސް އެތަކެތި އަމިއްލައަށް އެ ގޮތަށް އެކަށައެޅި ކަންތައްތަކެއް ނޫންކަން އެ ބޭފުޅުން ޤަބޫލު ކުރައްވައެވެ. އަހަރެމެން އެންމެން ވެސް އެއްބަސްވާ ގޮތުގައި، ދުނިޔޭގައި އުޅޭ އެންމެ ބުއްދިވެރި މަޚްލޫޤަކީ އިންސާނާއެވެ. އެކަމަކު އިންސާނާ އަށް ވެސް އޭނާގެ ޙަޤީޤަތެއް ނޭނގެއެވެ. އޭނާގެ ކިބައިގައި ފޮރުވިފައިވާ ހުރިހާ ޤުދުރަތީ ސިއްރުތަކެއް ނޭނގެއެވެ. ދުވަހުން ދުވަހަށް އޭނާ އަށް އަންނަ ބަދަލުތަކުގެ ސިއްރެއް ވެސް ނޭނގެއެވެ. ނަމަވެސް މި ނިކަމެތި އިންސާނުން ކުރެ އެއް ބަޔަކު ކަލަކު ވޮޑިގެން ނުވާ ކަމަށް އެބަ ދަޢުވާ ކުރެއެވެ. ދުނިޔެ އުފެދުނީ އަމިއްލައަށް ކަމަށް އެބަ ބުނެއެވެ. ނުވަތަ ދުނިޔޭގައި މި ހިނގާ އިންސާނާގެ ބުއްދި ނުފޯރާ ހުރިހައި ކަންކަމަކީ ވެސް ހަމަ ބޮޑެތި އިއްތިފާޤުތަކެއް ކަމަށް އެބަ ބުނެއެވެ. ދެން ހަމަ އެ ކަންތައް އެގޮތަށް ހިނގަނީ ކަމަށް އެބަ ބުނެއެވެ. އަނެއް ބަޔަކު ސީދާ އެ ގޮތަކަށް ނުބުނެއެވެ. ޙަޤީޤަތް ޤަބޫލުކުރާ އިންސާނުން ކެނޑިނޭޅި ދަނީ ދިރާސާ ކުރަމުންނެވެ. އެ ފަދަ ދިރާސާތަކުގެ އަލީގައި، ވަކި ފަރާތަކަށް ބުރަ ނުވެ ވާހަކަ ދައްކާ ނަމަ، ދުނިޔޭގައި ވާ އެއްވެސް އެއްޗަކީ އިއްތިފާޤުން އަމިއްލައަށް އުފެދުނު އެއްޗެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނުވަތަ އެ ތަކެތި އުފެއްދީ އެ ތަކެތި އަމިއްލައަށް ކަމަކަށް ވެސް ޤަބޫލެއް ނުކުރެވެއެވެ. ސަބަބަކީ އެ ފަދަ ހެއްކެއް ޤަރީނާއެއް ފެންނަން ނެތީމައެވެ. އެއާ އިދިކޮޅަށް، މުޅިން ވެސް މި ހުރީ މި ހުރިހައި އެއްޗެއް، އާދެ މުޅި ކާއިނާތު ހެއްދެވި ފަރާތެއް ވާނެ ކަމުގެ މައްޗަށް ހުރި ހެކިތަކެވެ. އެހެން ކަމުން ﷲ ތަޢާލާ ކީރިތި ޤުރްއާނު ގައި، ދުނިޔޭގައި ލައްވާފައިވާ އެ ކަލާނގެ މަޚްލޫޤުތަކުން ހައްދަވާފައި ހުރި ގޮތަށް ބަލައި ވިސްނުމަށް ގޮވައިލެއްވިއެވެ. އެ ގޮތުން އެ ކަލާނގެ އިންސާނާ އަށް އެއާ މެދު މަޢުލޫމާތު ހޯދައި، ފިކުރު ކުރުމަށް އަންގަވާފައިވަ އެކެއްޗަކީ ޖަމަލެވެ. ﷲ ތަޢާލާ ސޫރަތުލް ޣާޝިޔާގެ 17 ވަނަ އާޔަތުގައި ވަޙީ ކުރެއްވި. (أَفَلا يَنْظُرُونَ إِلَى الإِبِلِ كَيْفَ خُلِقَتْ) މާނަ އަކީ: "ފަހެ، ޖަމަލު ހައްދަވާފައި ވަނީ ކޮންފަދައަކުން ކަމާ މެދު އެއުރެން ޖަމަލަށް ނުބަލަނީ ހެއްޔެވެ.؟"

ޖަމަލަށް ޚާއްޞަ ބައެއް ސިފަތައް 

އެހެން ޖަނަވާރުތަކާ ޚިލާފަށް، ޖަމަލަކީ އިންސާނުން އެއިން މައިގަނޑު އެތައް ބޭނުމެއް ހިފާ ޖަނަވާރެކެވެ. އެއީ އޭގެ ކެހެރިން ފޭރާން ވިޔުމާއި، ދިގު ދަތުރު ގައި އޭގެ ބުރަކަށިމައްޗަށް ސަވާރުވުމާއި، ވިޔަފާރި ދަތުރުގައި ބަރު މުދައު އުފުލުމާއި، އަދި އޭގެ މަހާއި ކިރު ބުއިމަށް ބޭނުން ކުރާ ހަމަ އެކަނި ޖަނަވާރު ކަމަށް ބުނެވެއެވެ.

ފިނި މޫސުމާއި، ހޫނު މޫސުމު ގައި ޤުރައިޝު ވަންހައިގެ މީހުން ކުރި ބޮޑެތި ވިޔަފާރި ދަތުރުތަކުގައި، އެންމެ ގިނައިން ބޭނުން ކުރި ޖަނަވާރަކީ ޖަމަލެވެ. އޭގެ ބޭނުންތެރިކަން ބޮޑުކަމުން، ޢަރަބީން އަގު ބޮޑު މުދަލުގެ ތެރޭގައި މިސާލު ޖަހައި އުޅުނު މުދަލަކީ ޖަމަލެވެ. އެއް ފަހަރަކު ކީރިތި ރަސޫލާ ‘ ޢަލީގެފާނަށް ޙަދީޘް ކުރެއްވިއެވެ "ﷲ ގަންދީ ވިދާޅުވަމެވެ. ކަލާގެފަނުގެ އަތްޕުޅު މައްޗަށް، އެންމެ މީހަކު އިސްލާމް ވުމަކީ ކަލޭގެފާނަށް ރަތް ޖަމަލު މިލްކު ވެގެން ވުމަށް ވުރެ، ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ." މި ޙަދީޘުން ޖަމަލަކީ ކިހައި އަގުހުރި ޖަނަވާރެއް ކަން އެނގެއެވެ.

ޖަމަލުގެ ނަންތައް 

އެއްޗަކަށް ކިޔާ ނަން ގިނަ ވުމަކީ، އެ އެއްޗެއްގެ މޮޅުކަން، އޭގެ ބޭނުންތެރިކަން ނުވަތަ އެ އެއްޗެއްގެ ބާވަތްތައް ގިނަކަން ދައްކައިދޭ ނިޝާނެކެވެ. އެ ގޮތުން އެހެން އެއްވެސް ޖަނަވާރަކަށް ވުރެ ގިނައިން ޖަމަލުގެ ތަފާތު ބާވަތްތަކުގެ ވާހަކަ ކީރިތި ޤުރްއާނު ގައި ވެސް ނަންގަނެވިގެންވެއެވެ. އެ ގޮތުން ޖަމަލުގެ ތަފާތު 12 ބާވަތެއްގެ ވާހަކަ ކީރިތި ޤުރްއާނު ގައި އައިސްފައިވެއެވެ. އެވާހަކައިގެ ކުޑަވަރެއްގެ ތަފްޞީލެއް ތިރީގައި އެބަ ބަޔާންކޮށްލަމެވެ.

ހ- އަލް އިބިލު:

މީގެތެރެއިން ފުރަތަމަ ބާވަތަކީ އަލް އިބިލު އެވެ. އެއީ ޖަމަލަށް ބޭނުން ކުރާ ނަންތަކުގެ ތެރެއިން އޭގެ އެކަހެރި ނަން ނޯންނަ ނަމެއް. މީގެ އެހެން ޖަމްޢެއް އޮވޭ އެއީ އާބާލު. ސީދާ "އިބިލު" މި ލަފްޒުން ކީރިތި ޤުރްއާނު ގައި ދެ އާޔަތެއް ގައި ޖަމަލުގެ ވާހަކަ އައިސްފައިވޭ އެއީ އަލްއަންޢާމު ސޫރަތުގެ 144 ވަނަ އާޔަތާއި އަލްޣާޝިޔާ ސޫރަތުގެ 17 ވަނަ އާޔަތުގައި.

ށ- އައްނާޤަތު:

ޖަމަލުގެ ދެވަނަ ބާވަތަކީ އައްނާޤަތުއެވެ. ނާޤަތަކީ އެކަހެރި ނަމެކެވެ. އޭގެ ޖަމްޢަކީ، ނޫޤު؛ އަންވުޤު؛ އައިނުޤު؛ އަޔާނިޤު؛ އަދި ނިޔާޤު އެވެ. ނާޤަތުން ގެ ލަފުޒު ކީރިތި ޤުރްއާނުގައި 7 ފަހަރު ވާރިދުވެފައިވެއެވެ. އެއީ އަޢުރާފު ސޫރަތުގައި 2 ފަހަރު، އަދި އަންނިވި ކޮންމެ ސޫރަތެއް ގައި އެއް ފަހަރު އެވެ. އެއީ ހޫދު، އަލް އިސްރާ، އައްޝުޢަރާ؛ އަލްޤަމަރު؛ އައްޝަމްސު އެވެ. މިއިން ކޮންމެ ސޫރަތެއް ގައި ވެސް އެ ނަން އިޝާރަތް ކުރަނީ ޞާލިޙުގެފާނަށް ﷲ ދެއްވި މުޢުޖިޒާ نَاقَةُ اللهِ ﷲގެ ޖަމަލު ގެ މައްޗަށެވެ. ޞާލިޙުގެފާނަކީ ޘަމޫދު ބާގައިގެ މީހުންގެ ގާތަށް ﷲ ތަޢާލާ ފޮނުއްވި ރަސޫލާއެވެ.

3- އަލްޢީރު:

ތިންވަނައަށް އައިސްފައި ވަނީ އަލްޢީރު އެވެ. މި ލަފުޒު އައިސްފައި ވަނީ 3 ފަހަރު އެވެ. އެއީ މުޅިން ވެސް ޔޫސުފު ސޫރަތުގައެވެ. ޢީރަކީ ޖަމަލާ އެކު ދަތުރުކުރާ ޤާފިލާ އަށް ވެސް ކިޔާ ނަމެކެވެ. ގިނަ ފަހަރަށް މި ނަން ބޭނުންކުރަނީ ކާބޯ ތަކެއްޗާއި، އެހެނިހެން ސާމާނު ބަރުކޮށްގެން މީހުންނާ އެކު ދަތުރުކުރާ ޖަމަލަށެވެ.



4- އަލްބަދަނު:

ހަތަރުވަނަ ބާވަތަކީ އަލްބަދަނު އެވެ. ފިޤުހުވެރިންގެ ގިނަ ބޭފުޅުން އެއްބަސްވެލައްވާ ގޮތުގައި، ބަދަނަކީ ޖަމަލާއި ގެރި އާއި ބަކަރީގެ ބޮޑެތި އަންހެން އެކެއްޗަށް ކިޔާ ނަމެކެވެ. އަދި މި ތަކެއްޗަށް "ބަދަން" އެވެ ކިޔުނު ސަބަބެއް ކަމުގައި ބުނެވެނީ އެތަކެތީގެ ސައިޒު ބިޔަ ކަމުންނެވެ.

5- އަލް ޖަމަލު:

ފަސް ވަނަ ބާވަތަކީ އަލް ޖަމަލު އެވެ. ސީދާ ޖަމަލު މި ގޮތަށް ކީރިތި ޤުރްއާނު ގައި އައިސްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ އަލްއަޢުރާފު ސޫރަތުގެ 40 ވަނަ އާޔަތުގައި އެކަންޏެވެ. އެ އާޔަތަކީ:

(إِنَّ الَّذِينَ كَذَّبُوا بِآَيَاتِنَا وَاسْتَكْبَرُوا عَنْهَا لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْـجَنَّةَ حَتَّى يَلِجَ الْـجَمَلُ فِي سَمِّ الخِيَاطِ وَكَذَلِكَ نَجْزِي الْـمـُجْرِمِينَ) {الأعراف:40} މާނަ އަކީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާ މެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ."

6- އަލްހީމު:

ހަވަނަ ބާވަތަކީ އަލްހީމު އެވެ. ކީރިތ ޤުރްއާނުގައި މި ލަފްޒު އައިސްފައި ވަނީ އެއްމެ ފަހަރަކުއެވެ. އެއީ ސޫރަތުލް ވާޤިޢާ ގައެވެ. މުފައްސިރުން ވިދާޅުވަނީ ހީމު ގެ މާނަ އަކީ ވަރަށް ބޮޑަށް ފެންބޮވައިގެންފައިވާ ޖަމަލު ކަމަށެވެ.



7- އަލް ބަޢީރު:

ހަތްވަނަ ބާވަތަކީ އަލް ބަޢީރު އެވެ. ބަޢީރަކީ ޢަރަބި ބަހުގައި އަންހެން އަދި ފިރިހެން ޖަމަލަށް ޢާންމުކޮށް ބޭނުން ކުރާ ލަފުޒެކެވެ. މި ލަފުޒު ވެސް ކީރިތި ޤުރްއާނު ގައި އައިސްފައި ވަނީ، އެއް ފަހަރު އެވެ. އެއީ ޔޫސުފު ސޫރަތުގައި އެކަންޏެވެ.

8- އަލްއަންޢާމު:

އަށް ވަނަ ބާވަތަކީ އަލްއަންޢާމު އެވެ. އެއީ ޖަމަލާއި ގެރި އާއި ބަކަރި އަށް ވެސް ޢާންމު ލަފުޒެކެވެ. އަންޢާމުގެ ވާހަކަ އައިސްފައިވާ ބައެއް އާޔަތްތަކުގައި، އޭގެ ބޭނުންތެރިކަން ބަޔާން ކުރައްވާފައިވެއެވެ. މިސާލަކަށް އައްނަޙްލު ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވެއެވެ: (وَتَحْمِلُ أَثْقَالَكُمْ إِلَى بَلَدٍ لَمْ تَكُونُوا بَالِغِيهِ إِلَّا بِشِقِّ الأَنْفُسِ إِنَّ رَبَّكُمْ لَرَءُوفٌ رَحِيمٌ) މާނައީ، " އަދި ހަށިތަކަށް އުނދަގުލާއި، ވަރުބަލިކަންދީގެން މެނުވީ އެ ރަށަކާ ހަމައަށް ތިޔަބައިމީހުންނަށް ދެވޭކަމަށް ނުވާ ރަށަކަށް، އެ نعم ސޫފިތައް ތިޔަބައިމީހުންގެ ބުރަތަކެތި އުފުލައިދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ."

9- އަލްބަޙީރާ:

ނުވަ ވަނައަށް އަންނަނީ އަލްބަޙީރާ އެވެ. އަލްބަޙީރާ އަކީ، ނަދުރު ބުނެގެން އެހެން ޖަނަވާރާ ވަކިކޮށް މުޤައްދަސު ޖަނަވާރަކަށް ހަދާފައިވާ ސާއިބާ ނަމަކަށް ކިޔާ ޖަމަލުގެ އަންހެން ދަރި އަށް ކިޔާ ނަމެކެވެ. އެހެން ޢިބާރަތަކުން ދަންނަވަނީ ނަމަ އަންހެން ޖަމަލެއް 5 ފަހަރު ވިހައިފި ނަމަ، އޭގެ ކަންފަތް ކަނޑާލައި، އެއަށް އެއްވެސް މުދަލެއް އެރުވުން މަނާކޮށް، އަދި އޭގެ މައްޗަށް ސަވާރުވުން ހުއްޓައިލާނެއެވެ. އަދި އޭގެ ކެހެރިއެއް ވެސް ނުބާލާނެ، އަދި ބޭނުން ތާކުން ފެންބޮއި، ހުއި ހެފުމުގެ ހުއްދަ އެއަށް ދޭނެއެވެ. ދެން އެ ޖަމަލު 5 ވަނަ އަށް ވިހަނީ ފިރިހެން ޖަމަލެއް ކަމުގައި ވެއްޖެ ނަމަ، ކަތިލައި އޭގެ މަސް އަންހެނުންނާއި ފރިހެނުން ކާނެއެވެ. އެކަމަކު އެއީ އަންހެން ޖަމަލެއް ނަމަ އޭގެ ވެސް ކަންފަތް ކަނޑާލައި އޭގެ މަންމަ ފަދައިން ދޫކޮށްލާނެއެވެ. އަދި އޭގެ ކިރާއި އެއިން ހިފޭ އެއްވެސް ބޭނުމެއް ހިފުން އަންހެނުންނަށް މަނާ ކުރާނެއެވެ. ނަމަވެސް މި ފަދަ ޖަމަލުގެ ބޭނުން ފިރިހެނުން ހިފާނެއެވެ. އެކަމަކު މި ޖަމަލު މަރުވެއްޖެ ނަމަ ދެ ޖިންސުގެ މީހުން ވެސް އޭގެ ބޭނުން ހިފާނެއެވެ. އެބަހީ އޭގެ މަސް ކާނެއެެވެ.

*******

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން