އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   22 ސެޕްޓެމްބަރު 2023 - 20:15
ޒަމަޒަމް ފެނުގައި ވާ އިލާހީ މުޢުޖިޒާ (ށ)

ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ޢާލަމުތަކުގެ ވެރި، އެއްކައުވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާއީ އިލާހީ ރިސާލަތުގައި ސިއްކަ ޖެއްސެވި މާތް ސާހިބާއެވެ. އަދި މީސްތަކުންނަށް ﷲ ގެ ސީދާ މަގު ދެއްކެވުމަށް، މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތާ ޖެހެންދެއް އެ ބޭކަލުން ގެނެސްދެއްވި ތެދުމަގުގައި، ސާބިތުވެ ތިބިހައި ބަޔަކަށް، ޞަލަވާތާއި، ސަލާމައި، ބަރަކާތް ލައްވާށިއެވެ އާމީން!

ޒަމްޒަމް ފެނުގެ މާތްކަމާ ދެކޮޅަށް ކުރެވޭ ބައެއް މަސައްކަތް

އެންމެ އިހު ޒަމާނުއް ސުރެ، ޒަމްޒަމް ފެނަކީ އޭގައި އާދަޔާ ޚިލާފު ބަރަކާތްތެރިކަމެއް ހުރި، ބުއިމަށް ރަނގަޅު، ހަށިގަނޑަށް ފައިދާ ހުރި ފެނެއް ކަމަށް މިއައީ އަހަރެމެން މުސްލިމުން ޤަބޫލު ކުރަމުންނެވެ. މީގެ އިތުރަށް އެ ފެނަކީ، ﷲ ތަޢަލާގެ އަމުރުފުޅަށް، ޖިބުލީގެ ޢަލައިހިއް ސަލާމު ފިޔަފުޅުން ނުވަތަ ފައިންޕުޅުއް ޖެއްސެވުމުން އުފެދުނު މުޤައްދަސު ފެން އާރެއް ކަމަށް މިއައީ އަހަރެމެން އެންމެން ޤަބޫލު ކުރަމުންނެވެ. ނަމަވެސް އިސްލާމް ދީނާއި، އިސްލާމް ދީނުގެ މުޤައްދަސް ތަންތަނާއި، މުޤައްދަސް ތަކެތީގެ ޙުރުމަތް ކަނޑައިލުމަށް މަސައްކަތް ކުރާ މީހުން، އޭރު ވެސް އަދި މިހާރު ވެސް އުޅެއެވެ. ޒަމްޒަމް ފެނާ މެދު ވެސް މުސްލިމުންގެ ހިތުގައި އޮތް ޤަދަރު ކުޑަކޮށް، އެ ފެނާމެދު ޝައްކާއި، ވަހުމު އުފައްދައި، އެ ފެނަށް މުސްލިމުން ދީފައިވާ ޤަދަރު ކެނޑިގެން ހިނގައިދާ ފަދަ ނުރައްކާތެރި ޙަމަލާއެއް ދާދި ފަހުން ވަނީ އެ ފެނަށް އަމާޒުވެފަ އެވެ.

މީލާދީން 1971 ވަނަ އަހަރު މެޑިކަލް ޑޮކްޓަރަކު ލަފާ ކުރެއްވި ގޮތުގައި، ޒަމްޒަމް ފެނަކީ އިންސާނުން ބުއިމަށް ކަމުދާނެ ފެނެއް ނޫނެވެ. އޭގެ ސަބަބެއް ކަމުގައި އެ ބޭފުޅަކު ދައްކަވާ ހެއްކަކީ، ޒަމްޒަމް ވަޅު އަދި ކަޢުބާ ހުންނަ ބިމަކީ، ކަނޑުގެ ސަޠަޙަ އަށް ވުރެ ތަންކޮޅެއް ތިރި ބިމަކަށް ވުމާއި، މައްކާގެ މެދުގައި އޮންނަ ވާދީގެ ތެރޭގައި، އެ ވަޅު ހުރުމުގެ ސަބަބުން، ރަށުތެރެއިން ކިލަނބުވެ، ތަޣައްޔަރު ވެފައި ވާ ފެން އެ ވަޅަށް އެޅި، ބޯން ބޭނުން މިންގަނޑަށް ވުރެ ސާފުތާހިރުކަމުގެ ގޮތުން ދަށް ފެނަކަށް އެ ފެން ވެދާނެ ކަމަށް ބުނާ ބުނުމެވެ. އަދި މީގެ އިތުރުން ބުރިޓިޝް ފުޑް ސްޓޭންޑަޑުސް އެޖެންސީން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، ޒަމްޒަމް ފެނަކީ ބޯން ނުރައްކާ މިންވަރަށް އަރްސެނިކު (ކައްސަންދުވާނި) ހުރި ފެނެއް ކަމުގައި ބުނެފައި ވެއެވެ. ބުރިޓިޝް ބުރޮޑްކާސްޓިން އެޖެންސީއެއް ކަމުގައިވާ ބީ. ބީ. ސީ ލަންޑަން ގެ ފަރާތުން ކުރި ތަޙްޤީޤަކަށް ފަހު، އެ ފެނުގައި ނުރައްކާ މިންވަރަށް ނައިޓުރޭޓު ހުރި ކަމަށް ވެސް ބުނެފައި ވެއެވެ. މިއީ މުޅިން ވެސް ޒަމްޒަމް ފެނަށް އަންނަ ނުރައްކާތެރި ޙަމަލާތަކެވެ.

ކޮންމެއަކަސް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޖަލާލަތުލް މަލިކު ފައިޞަލް އަށް މި ޚަބަރުތައް ލިބިވަޑައިގަތުމާ އެކު، ޒަމްޒަމް ފެނުގެ ސާމްޕަލްތަކެއް ނަންގަވައި، އެ ފެން ޓެސްޓު ކުރުމަށް މި ބާވަތުގެ ޓެކްނޮލޮޖީ ގައި އެންމެ ކުރިއަރާފައިވާ ޔޫރަޕުގެ ލެބޯޓްރީތަކަށް ފޮނުއްވެވުމަށް ކަމާބެހޭ ފަރާތްތަކަ އަމުރު ކުރެއްވި އެވެ. މި ސާމްޕަލްތައް ނެގުމުގެ މަސައްކަތާ ޙަވާވެ ހުންނެވީ، ސަޢޫދީ ޢަރަބިޔާގެ ފެނުގެ ވަސީލަތްތަކާއި، ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގައި މަސައްކަތް ކުރެއްވި އެ ވުޒާރާގެ ކީމިޔާވީ ޢިލްމުގެ އިންޖިނޭރު معين الدين أحمد (މުޢީނުއްދީން އަހްމަދު) އެވެ. މިއީ މުޢީނުންދީން އަހްމަދަށް، ޒަމްޒަމް ވަޅު ހަމަ ލޮލަށް ފެނިވަޑައިގަތް ފުރަތަމަ ފަހަރެވެ. އެ ހިނދު އޭނާ ވަރަށް ޙައިރާން ވި އެވެ. އަދި އެ ހުރިހައި ފެނެއް މި ނަގަނީ، އެ ވަޅުން ކަމާ މެދު އޭނާގެ ބުއްދި ޤަބޫލެއް ނުކުރި އެވެ. ސަބަބަކީ ވަރަށް ނާދިރު ޙާލަތެއް ގައި މެނުވީ ވާރޭ ނުވެހޭ ހަނަފަސް ބިމެއް ގައި މެދުކެނޑުމެއް ނެތި އެތައް ޤަރުނެއް ވަންދެއް އެހައި ގިނަ ފެން ނަގަމުން މި އަންނަ ޒަމްޒަމް ވަޅުގެ ކުޑަ ކަމުންނެވެ. ދެން މުޢީނުއްދީން މިން އެޅުއްވި އިރު އެ ވަޅުގެ ދިގުމިނަކީ 18 ފޫޓެވެ. އަދި ފުޅައުމިނު ގައި ހުރީ ހަމަ އެކަނި 14 ފޫޓެވެ.

ދެން މުޢީނުއްދީން ބެއްލެވީ އެ ވަޅުގެ ފުންމިނެވެ. އެއީ ގާތްގަނޑަކަށް އިންސާނެއްގެ ކޮނޑާ ހަމައަށް އަރާހައި އުސްމިނެވެ. އެ ހިސާބުން ދެން މުޢީނުއްދީން ބޭނުންފުޅުވީ، އެ ވަޅަށް އެހައި ގިނައިން ފެން އަންނަ އާރުތައް ފެނޭތޯ ބައްލަވާށެވެ. އެ ގޮތުން އެ ވަޅުގެ ތެރެއަށް މީހަކު ބާލައިގެން ހޯދި ހޯދުމުުން އެ ކަން ފާހަގަ ކުރެވޭވަރުގެ ތަނެއް ނުފެނުނެވެ. ދެން ހެއްދެވި ގޮތަކީ، އޭރު ފެން ނަގަމުން ދިޔަ މިނަށް ވުރެ ބާރު މިނުގައި މޯޓަރު ބޭނުން ކޮށްގެން ފެން ނަގަން ފެށުމެވެ. އޭރުން ވަޅުގެ ފެން ތިލަވެ ފަސޭހައިން އެތެރެ ފެންނަ ގޮތް ވާނެތީ އެވެ. ނަމަވެސް އެ ގޮތަށް ބާރު އިސްޕީޑު ގައި ފެން ނެގި ވަގުތުކޮޅުގައި ވެސް ވަކި ޚާއްޞަ ދިމާއެއް ފާހަގައެއް ނުކުރެއްވުނެވެ. ދެން މުޢީނުއްދީން އޭނާގެ އެހީތެރިޔާ ކިބައިން އެދިވަޑައިގަތީ ފެން ވަޅަށް ފައިބައި އިތުރަށް ތަޙްޤީޤު ކުރުމަށެވެ. ދެން އޭނާ ވަޅަށް ފައިބައި ބަލަން ހުރި އިރު އޭނާގެ ފައިދަށުން ވަޅުގެ ހުރިހައި ހިސާބަކުން ވެލިގަނޑު ހަރަކާތް ކުރާކަން އިޙްސާސް ވި އެވެ. އެ ޙަރަކާތް ފާހަގަވީ މޯޓާރުން ފެން ނަގާ ބާރުމިނުގަ އެވެ. އޭނާއަށް އެ އިޙްސާސް ވަނީ، ވަޅުގެ ތެރެއަށް ފެން ވަންނަ އިޙްސާށެވެ. ދެން ކުރި ތަޙްޤީޤުން އެނގުނު ގޮތުގައި، ފެން މޯޓަރުން ފެން ނަގާ ބާރުމިނުގައި ވަޅުގެ ތެރެއަށް ފެން ވަންނަ ކަމަށް ވި އެވެ. އެކަން އެ ގޮތަށް ފާހަގަ ވަނީ، މޯޓަރުން ފެން ނަގާ މިންވަރާ އަޅައި ބަލާއިރު، ވަޅުން ފެން މަދުނުވާތީ އެވެ. ދެން އޭގެ ފަހުން މުޢީނުން ދީން ޒަމްޒަމް ފެނުގެ ސާމްޕަލް ތައް ނަންގަވައި، ތަޙްލީލު ކުރުމަށް ޔޫރަޕަށް ފޮނުއްވެވި އެވެ.

ޙައިރާންކަން އިތުރު ކޮށްދިން އަނެއް ކަމަކީ، ސާމްޕަލްތައް ހިއްޕަވައިގެން މުޢީނުއްދީނު މައްކާއިން ފުރުއްވުމުގެ ކުރިން، އޭނާ އެދިވަޑައިގެން ޒަމްޒަމް ވަޅުގެ ވަށައިގެން މައްކާ ގެ އެކި ހިސާބު ގައި ހުރި ވަޅުތައް ކޮނެ ބެލި އެވެ. އެ ހިނދު އޭގެ ތެރެއިން ގިނަ ވަޅު ހުރި ކަމަށް ވަނީ ހިކިފައި ކަމަށް ވިއެވެ.

ޔޫރަޕަށް ސާމްޕަލް ފުނުވުމުގެ އިތުރުން ސަޢޫދީ ޢަރަބިޔާގެ ފެނާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގައި ވެސް، ޒަމްޒަމް ފެން ތަޙްލީލު ކުރި އެވެ. އެއީ ހަމަ އެކަނި އެއް ތަނަކުން ކުރާ ދިރާސާއެއްގެ މައްޗަށް ބުރަ ނުވުމުގެ ބޭނުމުގަ އެވެ. އަދި ޒަމްޒަމް ވަޅުގެ ވަށައިގެން މައްކާ ގައި ހުރި އެހެން ވަޅުތަކުން ފެން ނަގައިގެން ވެސް ތަޙްލީލުތަކެއް ކުރި އެވެ. އަދި ޔޫރަޕުގެ ނަތީޖާ އަންނަންދެއް އެ ނަޖީތައް ޢާންމު ނުކޮށް ބެހެއްޓި އެވެ. ދެން ޔޫރަޕުގައި ކުރި ޓެސްޓުތަކުގެ ނަތީޖާތައް ލިބުމުން ސަޢޫދީ ގައި ޒަމްޒަމް ފެނުގެ ސާމްޕަލް ނަގައިގެން ކުރި ތަޙްޤީޤާއި ބޭރަށް ފޮނުވި ސާމްޕަލްގެ ތަޙްޤީޤާ ދެ ޓެސްޓުގެ ނަތީޖާ އަޅައިބެލި އިރު، ދެ ޤައުމުން ކުރި ޓެސްޓުގެ ނަތީޖާ ވެސް އެއް ގޮތެވެ. ދެން ޒަމްޒަމް ފެނާއި މައްކާ ގެ އެހެން ތަންތަނުން ސާމްޕަލް ނަގައިގެން ޓެސްޓު ކުރި ފެނުގެ ނަތީޖާތަކާ އަޅައި ބެލި އެވެ. އެ ހިނދު ފާހަގަ ކުރެވުނު ކަމަކީ ޒަމްޒަމް ފެނާއި، އެހެން ވަޅުވަޅުގެ ފެނުގައި، ކެލްޝިޔަމް އާއި މެގްނޭޝިއަމް ގެ މިންވަރު ގައި ހުރި ތަފާތެވެ. ނުހަނު ބޮޑަށް ވަރުބަލިވެފައިވާ ޙައްޖާޖީން ޒަމްޒަމް ފެން ބުއިމުން ތާޒާކަން ލިބޭ ސަބަބަކީ މިއީ ކަމުގައި ވެދާނެ އެވެ. ފާހަގަ ކޮށްލެވޭ މުހިންމު ނުކުތާ އަކީ ދަތް އުނގުޅާ ބޭސް ފަދަ ތަކެތީގައި ޖަރާސީމު މެރުމަށް ބޭނުންކުރާ މާއްދާއެއް ކަމަށް ވާ ފުލޮރިން (Fluorine compounds) ޒަމްޒަމް ފެނުގައި ހިމެނިފައި ހުންނަ ކަމެވެ. ކޮންމެއަކަސް ޔޫރަޕުގެ ލެބޯޓަރީތަކުގައި ތަޙްލީލު ކުރި ފެނުގެ ނަތީޖާ ދައްކާ ގޮތުން ޒަމްޒަމް ފެނަކީ ބުއިމަށް ކަމުދާ ފެނެކެވެ.

ޒަމްޒަމް ފެނުގައި ހުރި ބައެއް މުއުޖިޒާތްތައް



o ދުނިޔޭގެ ބޮޑެތި ކޯރުތައް ދަތުރުކުރާ މަގު ޒަމާން ވުމުން، އެތައް މޭލަކަށް ބަދަލުވެ، ބައެއް ކޯރުތައް ހިނދި ހުސްވެފައި ވާ އިރު އެންމެ ވަޅެއްގެ ފެން އެތައް ހާސް އަހަރެއް ވީ އިރު ވެސް ދުވަހަކު ވެސް ހިނދިފައިވާކަން އެނގެން ނެތުން

o ދުނިޔޭގެ ހުރިހައި ޙާޖީންނަށް ފުދި އިތުރުވާ މިންވަރަށް އެ ވަޅުން އަބަދު ވެސް ފެން ލިބުން

o ކޮންމެ ޙާޖީއަކު ޙައްޖު ގައި އެތައް ލީޓަރެއްގެ ޒަމްޒަމް ފެން ބޮއި، މަދުވެގެން ކޮންމެ ޙާޖީ އަކު 5 ލިޓަރުގެ ފެންހަމެއް ގެންނަ އިރު ވެސް އެ ފެނަށް އުނިކަމެއް ނައުން

o އެ ފެނަކީ އިންސާނުން ބުއިމަށް ކަމުދާ ފެނެއް ކަމަށް މުޅި ދުނިޔެ ޤަބޫލުކޮށްފައި ވުން

o ޒަމްޒަމް ފެނަކީ އެއްވެސް އެއްޗެއް އެއަށް އެއް ނުކޮށް، ޠަބީޢީ ގޮތަށް ހުންނަ ފެނެއް ކަން

o އެހެން ހުރިހައި ބާވަތެއްގެ ފެންވަޅުތަކުގައި ފެހި ޖަހައި، އެކި ބާވަތުގެ ފަންގަސް އުފެދޭ އިރު، ޒަމްޒަމް ފެނުގައި އެއްވެސް ބާވަތެއްގެ ފެއްސެއް އަދި ފަންގަސް އެއް ނުއުފެދޭކަން

o رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. «خَيْرُ مَاءٍ عَلى وَجْهِ الأَرْضِ مَاءُ زَمْزَمَ؛ فِيهِ طَعَامٌ مِنَ الطُّعْمِ وَشِفَاءٌ مِنَ السُّقْمِ» މާނައީ: "ދުނިޔޭގެ ބިމުގައި ވާ އެންމެ ރަނގަޅު ފެނަކީ ޒަމްޒަމްފެނެވެ. އޭގައި ކެއުމުގެ ގޮތުން ބޭނުންވާ ޣިޛާ ހިމެނެއވެ. އަދި ބަލިތަކަށް ޝިފާވެއެވެ." އަދި އެހެން ޙަދީޘެއްގައި އައިސްފައި ވެ އެވެ.

«إِنَّهَا مُبَارَكَةٌ؛ إِنَّهَا طَعَامُ طُعْمٍ وَشِفَاءُ سُقْمِ»

o "އެއީ ބަރަކާތްތެރި ފެނެކެވެ. ކެއުމަކަށް ބޭނުން ކޮށްފި ނަމަ އެއީ ކެއުމެކެވެ. ބޭހަކަށް ބޭނުން ކޮށްފި ނަމަ އެއީ ޝިފާއެކެވެ."

*******

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން