ސިއްހީ ދާއިރާ އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ޝަކުވާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުހިންމު ނިންމެވުންތަކެއް ނިންމަވައި ޙައްލު ގެނެސްދެއްވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކުގެ އިތުރުން، ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާ ގުޅޭގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައިކަމަށެވެ.

މިއުވާން ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުންތައް ނިންމަވާފައިވަނީ މި މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މުހިންމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުން، ނަރުހުން، އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށް ޤަބޫލުކުރެއްވޭތީއާއި، ކުރިމަތިވަމުންދާ ދަތިތަކަށް ރިޢާޔަތްކުރެއްވުމާއެކު، މި ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައި، އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީންނެވެ. އެގޮތުން، 1 މޭ 2023 ގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް، މިނިސްޓްރީއޮފް ފިނޭންސްއާ މަޝްވަރާ ކުރެއްވުމަށްފަހު، މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.



މީގެ އިތުރުން، ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން އައި.ޖީ.އެމް.އެޗް ގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާކުރެއްވުމާއެކު، ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާ ކުރެއްވުމަށްފަހު، މި މައްސަލަތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްލެއް ހޯއްދަވައިދެއްވާފައެވެ. އެގޮތުން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމާއި، ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ. އަދި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތައް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށްވެސް މިއަދު ވަނީ ނިންމަވާފައެވެ.

ހަމަ އެއާއެކު 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އަށް އިތުރުކުރުމަށާއި، އައު އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާކަމަށް ފާހަގަވެފައިވާ 9 ނަރުހުންގެ މައްސަލަ ހައްލުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

އަދި މިއަދު ނިންމަވާފައިވާ އިތުރު ކަމެއްގެ ގޮތުން މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތައް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށް އުސޫލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމަށް ޝަރުތު ކުރުމަށްފަހު ކުރިން ތިބި މަޤާމަށް ބަދަލުކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން، 1 މޭ 2022 ގައި ޢަމަލުކުރަން ފަށާފައިވާ ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާ ގުޅޭގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 ބޭފުޅުން ސޮއިކޮށް ހުށަހަޅުއްވާފައިވާ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިރާސާކުރައްވައި މިކަމާގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މި މަޝްވަރާތަކުގެ އަލީގައި، ދައުތަލުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑުގެ 7 ވަނަ މާއްދާގެ (ހ) ގައި އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ ތާރީޚުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭންޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ ޢިނާޔަތް އިޚުތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ވަނީ ނިންމަވާފައެވެ.

އެހެންކަމުން، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމަށް ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ 13 ސެޕްޓެންބަރު 2023 ގައި އަންގަވާފައެވެ. މި ނިންމެވުންތަކާއެކު ނަރުހުންނާއި، ޑަކްޓަރުން އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން