އައްޑޫ ސިޓީގައި ކަތުރަކުން ހަމަލާދީ އެއްބަނޑު އެއްބަފާ ބޭބެ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހުސައިން މަވާޒް 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އައްޑޫ މަރަދޫގައި ދެބެއިންގެ ދެމެދުގައި ހިނގި ޒުވާބެއްގައި 6 އިންޗި ހުންނަ ކަތުރަކުން ހަމަލާދިނުމުގެ ސަބަބުން މަރުވީ އައްޑޫ ސިޓީ މަރަދޫފޭދޫ، ބްލޫސްޓާ އަހްމަދު ޝުއައިބު 27އ، އެވެ. މިި މައްސަލައިގައި ހައްޔަރުކޮށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ އޭނާގެ ކޮއްކޮ މަރަދޫފޭދޫ ބްލޫސްޓާ، ހުސައިން މަވާޒް 25އ، ގެ މައްޗަށެވެ.

މަވާޒް ވަނީ ތަހުގީގު މަރުހަލާގައާއި، ޝަރީއަތުގައިވެސް ކުށަށް އިއުތިރާފްވާ ކަމަށް ބުނެފަ އެވެ. އަދި ދައުލަތުން ވަނީ މި މައްސަލައިގައި އޭނާއާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމެއް ކޯޓަށް ހުށައަޅާފައެވެ.

އެހެންކަމުން މައްސަލަ ބެއްލެވި އިސް ޤާޟީ އާދަމް މުހައްމަދު ވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް 12 އަހަރާއި ހަމަސް ދުވަހަށް މަވާޒު ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އޭގެ އިތުރުން ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފަން ވަނީ އަންގާފަ އެވެ.

ނަމަވެސް މަވާޒު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 12 އަހަރާއި ތިން މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށް ޤާޟީ މިއަދު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން