ޑިޕްރެޝަންއަކީ މީހާ މާޔޫސްކުރުވައި ދިރިއުޅުމުގެ އެކިއެކި މަސައްކަތްތަކަށް ޝައުޤުވެރިކަން ގެއްލުއައިލާ، ކަންކަމުގައި ފައްސިގޮތްތައް ދޫކޮށް މީހާގެ ސިކުނޑީގައި ހުރިހާ ނައްސި ވިސްނުންތަކުން ފުރާލަދޭ އަދި އެ ނުބައިވިސްނުންތަކުން އަރައިގަންނަން އުނދަގޫ ބައްޔެވެ.

އަޅުގަނޑުމެން ދިވެހިން މާޔޫސް ބައްޔޭ މިކިޔާ ޑިޕްރެޝަންގެ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް އެހެން މީހުންނާއިމެދު ފިކުރު ހިންގާނުލެވޭއިރު އެމީހުންގެ އަމިއްލަ ނަފްސަށް އަޅާނުލެވޭ ހިސާބަށް އެބަލި ބޮޑުވެގެންދެއެވެ. މިހާލަތުގައި އުޅޭ މީހަކަށް ދަރިޔަކު ލިބިއްޖެނަމަ އެމީހުންގެ ސިކުނޑީގައި އެނބުރޭ ހުރިހާ ކަމަކާއި ހަނގުރާމަކުރަމުންވެސް ދަރިންބެލުމުގެ ފުރިހަމަ ޒިންމާ އަދާކުރެވޭތޯ އޭނާގެ އެ ބަނަދިރިއުޅުން އާރާސްތުކުރުމަށް މަސައްކަތް ކުރަން މަޖުބޫރުވެއެވެ. އެހެންނަވެސް މަދު މީހަކަށް ނޫނީ މިފަދަ ދިރިއުޅުމެއް އެކަނި އާރާސްތުކޮށްނުލެވެއެވެ. މިބަލީގައި ގިނަ މީހުންނަށް ދަރީން ލިބުމުންވަނީ އިތުރު ވޭނަކަށެވެ. ދަރިން ބެލުމުގެ ޒިންމާ އަދާނުކުރެވި މާޔޫސްކަމާއި ހާސްކަން ކުރިއަށްވުރެ އިތުރުވެ އަމިއްލައަށް ކަންކަން ކުރުމުގެ ހިތްވަރުވެސް ނެތިދަނީއެވެ.

ޑިޕްރެޝަންގެ ބައްޔަށް ލުޔެއް ލިބެންއޮތީ ބަލި ތަހައްމަލްކުރަމުންދާ މީހުންނަށް އާއިލާއާއި ގާތްތިމާގެ މިހުންނާއި މުޖުތަމައުގެ ފަރުދުންގެ ހަމްދަރުދީއާއި ލޯތްބާއި އަޅާލުން ލިބިގެންނެވެ. ކައުންސެލިން ދިނުމާއި އަވަށްޓެރިންނާއި ޢާއިލާގެ މެމްބަރުން ބަލީގެ މިހުންނަށް ޒިޔާރަތްކޮށް ގޭތެރޭގެ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވެ ހިތް ހެޔޮކަމާއެކު އޭނައާއެކު ހިޔާލު ބަދަލުކޮށް ހެދުމުންނެވެ.

ދިރާސާތަކުން ދައްކާގޮތުގައި މާޔޫސްބަލި ތަހައްމަލު ކުރަމުންގެންދާ މީހުންނަށް ދަރިން ލިބުމަކީ އެހެން މީހުންނާއި އަޅައިބަލައި ދަރިންބެލެހެއްޓުމުގެ ކަންކަމުގައި މާބޮޑަށް ސްޓްރެސްވާ ކަމެކެވެ. އަދި މިފަދަ މައިންގެ ވިސްނުން ނައްސިވެ ދަރިން ބެލުމުގައިވެސް ތިމާ ފެއިލްވެފައިވާކަމުގެ އިހުސާސް އަމިއްލައަށް ކުރެވި އިތުރަށް ބަލީގެ ވޭން ތަޙައްމަލް ކުރާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެގޮތުން އެމެރިކާގެ 'ޖާނަލް އޮފް ފެމިލީ އިޝޫސް'ގައި ޝާއިއުކޮށްފައިވާ ޑޮކްޓަރ ޑޯފްލެސްނާގެ ހޯދުންތައް މިކަމަށް އިޝާރާތްކުރެއެވެ. އެ ލިޔުމުގައި ޑޯފްލެސްނާ ހާމަކޮށްފައިވާ ގޮތުގައި ޑިޕްރެޝަންގެ އެންމެ ބޮޑު ރިސްކު އޮންނަނީ ވިހެއުމަށްފަހު ޕޯސްޓްޕާޓަމް ދުވަސްކޮޅުގައި ކަމުގައި ކަމުގައެވެ. ނަމަވެސް ޑޯފްލެސްނާ ކުރި ދިރާސާ ބޮޑަށް އަލިއަޅުވާލާފައިވަނީ ދަރިޔަކު ލިބުމަށްފަހު އެދަރިފުޅު ބޮޑުވަމުން އަންނަ އިރު ބަދަލުވަމުން އަންނަ މައިމީހާގެ ޞިއްޙީ ހާލަތަށެވެ. މިގޮތުން އޭނާގެ ޓީމުން ބަލާފައިވަނީ 9 އަހަރުގެ ކުދިންގެ މައިންގެ ތެރެއިން ޑިޕްރެޝަން ބަލި ތަހައްމަލް ކުރަމުންދާ މީހުންނާއި އެބަލި ތަހައްމަލު ނުކުރާ މީހުންގެ މައުލޫމާތު އެއްކޮށްގެން ދިރާސާކުރުމަށެވެ.

މާޔޫސްބަލި ތަހައްމަލު ކުރަމުންދާ މައިން އެމީހުންގެ ދަރިންނާއި ދިމާލަށް ރުޅި އައުމުން އެއްޗެތި ގޮވުމާއި ހަރުކަށި ގޮތްތައް ގެންގުޅުމާއި ކުދިން ސްކޫލްގައި އިތުރު ހަރަކާތްތަކުގައި ބައިވެރި ނުކުރުވުންފަދަ ކަންކަން ދިމާވެއެވެ. އެހެންނަމަވެސް މިފަދަ ބެލެނިވެރިން ގޭތެރޭގައި ދަރީންގެ ފިލާވަޅުތައް ހެއްދުމުގައި އެދަރިންނަށް އެހީތެރިވެދޭ ކަމުގައިވަނީ ފާހަގަކުރެވިފައެވެ.

"ދަރިން ބެލުމުގައި އެންމެ ގިނަވަގުތު ހޭދަކުރާ މަންމައަކީ މާޔޫސްބަލި ތަހައްމަލު ކުރަމުންގެންދާ މީހެއްނަމަ ދަރިފުޅުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ އެހެންނަމަވެސް އާއިލާއާއި ގާތް އެކުވެރިންގެ ފަރާތުން އެހީތެރިކަން ލިބޭ ކަމުގައިވާނަމަ ދަރފުޅުގެ ޞިއްހަތަށް ގެއްލުންވާ ހިސާބަށް ކަންކަން ވާސިލުވުމުން ރައްކާތެރިވެވޭނެއެވެ. އަދި މިދިރާސާއިން ފެނިގެންދަނީ ޑިޕްރެޝަން ނުހުންނަ މައިންނަށް ގޭތެރޭގައި އެހީތެރިކަން ލިބޭކަމާއި ޑިޕްރެޝަން ހުންނަ މައިން ގިނަފަހަރަށް ގޭތެރޭގައި ހުރިހާ ޒިންމާއެއް އުފުލަނީ އެކަނި" ސެންޓަރ ފޯ ސްޓަޑީ އޮފް ޗިލްޑްރެން އެންޑް ފެމިލީސްގެ އެސިސްޓެންޓް ޕްރޮފެސަރ ޑޮކްޓަރ ސެރާ ޑޯފްލެސްނާ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް އިތުރަށްވިދާޅުވެފައިވާ ގޮތުގައި ޑިޕްރެޝަން ތަހަލްމަލް ކުރަމުންދާ މައިންނަށް ހަމައެކަނި ބޭނުންވަނީ ވާހަކަ ދައްކާލާނެ އެކުވެރިއެއް ނޫނެވެ. އެފަދަ މައިންނަށް އެކުވެރިންނާއި ގަތްތިމާގެ މީހުން އިންޓަރ ޕާސަނަލް ސަޕޯޓްގައި ވާހަކަ ދައްކައި އިމޯޝަނަލް ސަޕޯޓް ދިނުމުގެ އިތުރުން ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދިނުން އެއީ ވަރަށް މުހިއްމު ކަމެކެވެ. އަދި ކައިރީގައި އުޅޭ އަވައްޓެރިންނަކީ އެންމެ ކައިރީގައި ދިރިއުޅޭ މީހުންނަށްވެފައި އެކަވެރި އެފަދަ މައިންނަށް އެމީހުންގެ މަދަދާއި އެހީތެރިކަން އިންތިހާއަށް ބޭނުންވާކަން ސެރާ ފްލެސްނާ ފާހަގަކުރެއްވިއެވެ.

މިދިރާސާއިން އިތުރަށް ފާހަގަވެފައިވާ ގޮތުގައި ބައެއްގެ އެހީތެރިކަން ލިބުމުން މާޔޫސް ބަލީގައި އުޅޭ މައިންވެސް ސްޓްރެސް ކުޑަވެ ދަރިން ބެލުމުގައި ހަރުދަނާވެ ދަރިންނަށް ދޭންވާ ލޯތްބާއި އަޅާލުންދީ އޯގާތެރިކަމާއެކު އެދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުމަށް މަސައްކަތް ކުރުމުގެ މަގު ފަހިވެ ދިރިއުޅުން އާރަސްތު ކުރުމަށް މަސައްކަތް ކުރާކަމަށެވެ. އަދި ހަރުކަށި ގޮތްތައް ބޭނުންކުރުމުގެ އާދަ ކެނޑި ދަރިފުޅާއި މެދު ފައްސި ވިސްނުން ކުރިއަށް ނެރެވި ދަރިފުޅު ސްކޫލްގެ ހަރަކާތްތަކުގައި މިފަދަ މައިންގެ ބައިވެރިވުން އިތުރުވާކަމަށްވެސް މިދިރާސާއިން ދައްކައެވެ.

އެހެންކަމުން މިދިރާސާއިން އަންގައިދެނީ މާޔޫސްބަލީގައި އުޅެމުންދާ މައިންގެ ދަރިންވެސް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އެމައިންނަށް އެހެން މީހުންގެ ފަރާތުން އެހީތެރިކަން ބޭނުންވާކަމެވެ. އަދި ޑިޕްރެޝަންގައި ހުރުމަކީ، އެހެން މީހުންގެ އެހީތެރިކަން ލިބޭނަމަ ދަރިން ތަރުބިއްޔަތު ކުރުމުގައި އެކުދިންނަށް ގެއްލުންވާނެ ކަމެއްވެސް ނޫންކަމެވެ.

ދެމަފިރިންގެ މައްސަލަތަކުގައިވެސް މައިންވެސް އަދި ބައްޕައިންވެސް މާޔޫސީކަން ތަހައްމަލު ކުރަންޖެހޭކަމެވެ. ނަމަވެސް މިހާލަތުގައިވެސް ދަރިފުޅަށް ގެއްލުންވެދާނެކަން ދެނެގަނެ ގޭތެރޭގެ މަސައްކަތްތައް މައިމީހާގެ ބޮލަށް ޖަހާލައި ބަފައިމީހާ ގެއިން ނުކުމެގެން ނުދާށެވެ. އެހެން ނޫންނަމަ މައިމީހާއަށް ކުދިންގެ ކަންކަމުގައި ހަރުކަށިކަން އިސްކުރެވި އެކަމުން ދަރިންނަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެއެވެ. މިގޮތުން މައިމީހާ ރުޅިއައިސްފައި ދަރީގެ އެއްވެސް ކުށެއްނެތި އެދަރިޔާ ދިމާލަށް ހަރުކޮށް އަޑުލައި ހަދާފާނެއެވެ. އަދި މައިމީހާގެ އެރުޅިގަނޑު މަޑުވުމުން ދަރިފުޅާ ދިމާލަށް އެބުނެވުނު ބަހެއް ހަނދާންނެތިދާނެއެވެ. އެހެންނަމަވެސް ބޮޑުވަމުން އަންނަ ދަރިފުޅުގެ ކުޑަ ސިކުނޑީގައި އެކަމުގެ ސަބަބުން މުޅިހަޔާތަށް އަސަރުކުރުވާނެފަދަ ލައްގަނޑެއް ޖެހުމަކީ އެކަށީގެންވާކަމެކެވެ.

ޑޮކްޓަރ ފްރިސްނާ ވިދާޅުވި ގޮތުގައި، މައިންގެ މާޔޫސް ބައްޔަށް ހައްލު ހޯދުމުގައި ޚިޔާރުކުރަންޖެހޭ ގޮތަކީ މައި މީހާއަށް ފަރުވާ ދިނުމުގެ އިތުރުން ދަރިފުޅުގެ ޞިއްހަތާއި ހެދިބޮޑުވުމަށް ސަމާލުކަން ދިނުމެވެ. ވަކިން ޚާއްސަކޮށް މައިންނަކީ އެމީހުންގެ ޑިޕްރެޝަންއަށް ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދެއްކުމަށް ފަރުވާކުޑަކުރެވޭ ބަޔަކަށްވުމުން ކުދިންގެ ސްކޫލްތަކުގައާއި އެކުދިންގެ އުޅުން ދެނެގަނެވޭނެ 'ޕްރައިމަރީ ކެއަރ' ދެވޭ ތަންތަނުގައި އެކުދިންގެ ފަރާތުންފެންނަ ކަންކަމަށް ބަލައި މައިމީހާގެ ޑިޕްރެޝަން ދެނެގަތުމަކީ ކުރެވިދާނެ ކަމެއްކަމުގައެވެ.

ޑޮކްޓަރ ފްރިސްނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސަޕޯޓް ގުރޫޕްތަކުގައި ހަމައެކަނި މައިންނަށް ސަޕޯޓްދީ ހިއްވަރުދިނުމުގެ އިތުރުން މާލީ އެހީތެރިކަން ބޭނުންވާ މައިންނަށް އެފަދަ އެހީތެރިކަން ހޯދައިދިނުމަކީވެސް މިހާލަތުގައި ވަރަށް މުހިންމު ކަމެކެވެ. އަދި ހަމަމިއާއެކު މިފަދަ މައިންނާއި އާއިލާތަކަށް އެހީތެރިކަން ހޯދައިދޭ ފަންޑިން ޕްރޮގްރާމްތައް މުޖުތަމައުތެރޭގައި ހިނގައި ދިނުމަކީ މުހިންމުކަމެއް ކަމުގައި އޭނާ ދެކެއެވެ.

ކޮންމެ ދެމަފިރިއަކުވެސް ދަރިން ހޯދަނީ އެކުދިންނަށް އެންމެ ފުރިހަމައަށް އަޅާލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ކަމެއް ދިމާވެ ދެމީހުން ދިރިއުޅުމުގައި މައްސަލަތައް ޖެހޭ ހިސާބުން ކުދިންގެ ކަންކަން މައިމީހާއަށް އެކަނި ކުރުމަށް ދޫކޮށްލުމަކީ މިދިވެހި މުޖުތަމައުގައި މިވަނީ އާއްމުކަމަކަށް ވެފައެވެ. އެހެންނަމަވެސް ވިސްނާލަންވީ އެމައިމީހާ ސްޓްރެސްވުމުން އަސަރުކުރާނީ ދެމީހުންގެ ދަރިންނަށްކަމެވެ. ޑިޕްރެޝަންގައި އުޅޭ މީހަކު ސްޓްރެސްވުމުން ދަރިންނާއިދޭތެރޭ އެންމެ ފުރިހަމައަށް ކަންކަން ކޮށްނުދެވޭނެކަން ދަންނާށެވެ. ހުރިހާ ކަމެއްގައިވެސް އިސްކުރަންވީ ދަރިފުޅުގެ ޞިއްޙަތެވެ.

ހަމައެހެންމެ ދަރިން ހޯދުމުގެ ކުރިން ތިބާގެ ދެމަފިރިންނަކީ އެކަމަށް ތައްޔާރުވެގެން ތިބިދެމީހުންކަން ކަށަވަރުކުރަންވާނެއެވެ. ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހެންފަށައި އެކަކު އަނެކަކު މަތިން ފޫހިވެ ދިރިއުޅުން މަތިން ފޫހިވާހިސާބަށް ދިއުމުން ދަރިން ލިބުމުން ދެން ދެމީހުންގެ މެދުގައި ޖެހޭ މައްސަލައިގެ އިތުރަށް އެއީ ދަރީންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެއިން ދަރިންނަށް އެތަށްގޮތަކުން އަސަރުކުރާނެއެވެ. އެހެންކަމުން ދަރިން ހޯދުމުގެ ކުރިން ޑިޕްރެޝަންފަދަ ބައްޔެއް ތަހައްމަލު ކުރަމުންދާނަމަ އެކަމަށް ފަރުވާ ހޯދާށެވެ. އަދި ދަރީން ލިބުމަށްފަހު ދެމަފިރިން އަބަދުވެސް ދަރީންގެ މުސްތަޤުބަލަށްޓަކައި ސުލްހަވެރިކަމާއި ލޯތްބާއި އަޅާލުން އެކަކު އަނެކަކަށް ދީގެން ދިރިއުޅުން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރާށެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ އަޅުގަނޑުމެންގެ ކޮންމެ ދެމަފިރިޔަކީ ލޯތްބާއި އަޅާލުމާއި އޯގާތެރި ކަމާއެކު އެކަކުއަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ، ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާ އެންމެ ބޮޑު ނިއުމަތް ކަމުގައިވާ އަޅުގަނޑުމެން ލޯބިވާ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރު ކުރުމެވެ. އާމީން.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން