ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭނުންފުޅުވާނަމަ މަޖިލީހުގެ ތެރެއަށް ސިފައިން ވެއްދިދާނެކަމަށް ދޭހަވާފަދަ ވާހަކަފުޅެއް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވުމަކީ ނުރައްކާތެރި ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓޫ އެމްބެސަޑަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމިތު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ށ.އަތޮޅުގައި ކެމްޕެއިން ކުރައްވަމުން ރައީސް ޞާލިޙު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު، ކުރިން ރާއްޖޭގައި އޮތް އަނިޔާވެރިކަން އަލުން ޢިއާދަވާން ރައްޔިތުން ނޭދޭނެކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ބައެއް ކަންކަން ހިނގިގޮތަށް އިޝާރާތްކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭނުންފުޅުވާގޮތަކަށް މަޖިލިސް ހިންގުމުގެ ފުރުސަތު އެބައޮތްކަމަށެވެ. މިއަދު ސިފައިން ފޮނުވައިގެން މަޖިލީހުގެ މެމްބަރުން މަޖިލިސް ތަޅުމުން ނެރެން ސަރުކާރުން މަސައްކަތެއް ނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މިވާހަކަފުޅަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ ކުރިންވެސް މަޖިލީހަށް ސިފައިން ވަނީ މަޖިލިސް ރައީސް ބޭނުންފުޅުވެގެންކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރެއް ނޫންކަމަށެވެ.



މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުން އެއީ މަޖިލީހުގެ ރައީސަށް އޮންނަ އިޚްތިޔާރެއްކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އަމީތުވަނީ އެކަމަށް ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދުމުގެ އިޚްތިޔާރު މަޖިލިސް ރައީސަކަށްވެސް ނޯންނާނެކަމަށެވެ. އެގޮތަށް މިހާރުގެ މަޖިލިސް ރައީސަށް ހީކުރެއްވޭނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެއްކަމަށް އަމީތު ވިދާޅުވިއެވެ. މަޖިލިސް ރައީސްގެ ހުއްދަ އޮވެގެންކަމަށްބުނެ އޭރުވެސް ކުރީ ގާނޫނީ ބޮޑުކުށެއްކަމަށް އަމީތު ވިދާޅުވިއެވެ.





އަމީތަކީ ރައީސް ޔާމީންގެ ވެރިކަމުގައި ސިފައިންވަދެ މަޖިލީހުން ބޭރުކުރި މެމްބަރެކެވެ. މަޖިލީހުގެ ފާރުމަތިން އަމީތާއި އެހެން ބައެއް މެމްބަރުން ބޭރުކުރީ ސީދާ ރައީސް ޔާމީންގެ އަމުރަށްކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު