ޞާދިރު ޢަލީދީދީ   4 ޖުލައި 2023 - 14:34
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ކުރީގެ އަދަދާގުޅޭ

ހިޖްރައިން ނުވަނަ އަހަރު (630މ) ޠާއިފްގެ މީހުންގެ ވަފްދެއް މަދީނާއަށް ދިޔައެވެ. އެބައިމީހުން އިސްލާމްވާން ހުށަހެޅިއެވެ. ނަމަވެސް އެބައިމީހުން ޢަޖާއިބުވާފަދަ ޝަރުޠުތަކެެއް ކުރިމަތިކުރިއެވެ. "އެބައިމީހުންގެ ސަރަޙައްދުގެ ތެރެއިން ޢަސްކަރީ މިޝަންތައް އައިސްގޮސް ނެހެދުމާއި، އެބައިމީހުންނަށް ޢުޝްރު ދޭންނުޖެހުމާއި، ޖިހާދުގައި ބައިވެރިނުވުމާއި، ނަމާދުނުކުރުމާއި، އެބައިމީހުންގެ މީހަކު ފިޔަވައި އެހެންމީހަކު އެބައިމީހުންގެ މައްޗަށް ވެރިޔަކަށް ނުލެއްވުމާއި" މިބާވަތުގެ އެތަކެއް ޝަރުޠުތަކެވެ. އެބައިމީހުންގެ ހުށަހެޅުންތަކާމެދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ހުރިހާ ޝަރުޠުތަކެއް ޤަބޫލުކުރައްވަމެވެ. އެކަމަކު އެދީނެއްގައި ރުކޫޢުކުރުމެއް އެބަހީ ނަމާދުކުރުމެއް ނެތް ދީނެއްގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ.

ޞަޙާބީން ދެކެވަޑައިގެންނެވި ގޮތުގައި ޘަޤީފް ވަންހައިގެ މީހުން އެހުށަހެޅިފަދަ ޝަރުޠުތަކަކާއެކު އެއްވެސް ބަޔަކު އިސްލާމްކުރެއްވުމަކީ ޢަޖާއިބުވާފަދަ ކަމެކެވެ. ނަމަވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވިސްނައިވަޑައިގަންނަވަމުން ގެންދެވީ ދުރު މުސްތަޤްބަލަށެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޞަޙާބީންގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވަމުން ވިދާޅުވިއެވެ.

" އެބައިމީހުން އިސްލާމްދީނަށް ވަދެއްޖެނަމަ އޭގެފަހުން ޞަދަޤާތްވެސް ދޭނެއެވެ. ޖިހާދުވެސް ކުރާނެއެވެ. " (އަބޫދާއޫދޫ)

إمام أحمد ، أنس رضي الله عنه ގެ އަރިހުން ނަޤުލު ކުރައްވާފައިވެއެވެ. ބަޔަކު އިސްލާމްދީން ޤަބޫލުކުރުނަށްޓަކައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން އެއްޗަކަށް އެދިއްޖެނަމަ ކޮންމެހެންވެސް އެކަލޭގެފާނު އެއެއްޗެއް ދެއްވައެވެ. އެކަލޭގެފާނުގެ އަރިހަށް މީހަކު އައެވެ. އިތުރު ސާހިބާ އޭނާއަށް ދެފަރުބަދައެއްގެ ދެމެދުގައި ލޮލުކޮޅަށް ފެންނަ ހިސާބު ފުރިފައިއޮތް ބަކަރިތައް ދިނުމަށް އަމުރުކުރެއްވިއެވެ. އެމީހާ އޭނާގެ ޤައުމުގެ މީހުންގެ ތެރެއަށް ގޮސް ބުންޏެވެ. "އޭ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން އިސްލާމްވާށެވެ! އެހެނީ މުޙައްމަދު ގެފާނު މިހާ ގިނައިން ދެއްވައެވެ. އެކަލޭގެފާނު ފަޤީރުވެވަޑައިގެންފާނެ ކަމަކަށް ބިރުފުޅުގެން ވަޑައެއް ނުގަންނަވައެވެ."

ރާވީ ވިދާޅުވިއެވެ. އިތުރު ސާހިބާގެ އަރިހަށް މީހަކު އަންނައިރު އެމީހެއްގެ މަޤްޞަދަކަށްވެފައި އޮންނަނީ ހަމައެކަނި ދުނިޔެއެވެ. ނަމަވެސް އެމީހެއްގެ ގާތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ލޮބުވެތިކަންބޮޑީ ދީންކަމުގައި ނުވަނީހެއް އެމީހެއްގެ މައްޗަކަށް ހަވީރެއް ނާދެއެވެ. (އަލްބިދާޔަތު ވައްނިހާޔަތު)

ހަވާޒިންވަހައާއި ޘަޤީފް ވަންހައިގެ މީހުންގެ މައްސަލަ ޙައްލުވަމުން ދަނިކޮށް އެދެމެދުން އެއަށްވުރެ މާބޮޑު އެހެން މައްސަލައެއް ފެންމަތިވިއެވެ. ހަވާޒިން ވަންހައިގެ ހަނގުރާމައިން ނަޞްރު ލިބިވަޑައިގަތުމާ ވިދިގެން ލިބިވަޑައިގަތް ގިނަގުނަ ޣަނީމާތަކުން އިތުރު ސާހިބާގެ ބައިފުޅަށް ލިބިވަޑައިގެންނެވި އެއްޗެހިކޮޅު އެކަލޭގެފާނު ނުހަނު ދީލަތިފުޅުކަމާއެކު މައްކާގެ އައު މުސްލިމުންނަށް ބައްސަވައިދެއްވިއެވެ. މަދީނާގެ މުނާފިޤުންނަށް އެކަން ހިމެނުނީ ތަންކޮޅެއް ބުރަކަމެއްގެ ގޮތުގައެވެ. މުނާފިޤުން ވާހަކަ ދައްކާން ފެށިއެވެ. ނަބީކަލޭގެފާނު މައްކާއަށް ވަޑައިގަތުމުން އެކަލޭގެފާނުގެ މައްޗަށް "ޤުރައިޝިއްޔަތު" ގަދަވެގަތީއެވެ. އެކަލޭގެފާނުގެ އަޚުން އުފާފާޅު ކުރުއްވުމަށްޓަކައި ހުރިހާ އެއްޗެހިކޮޅުތަކެއް އެބައިމީހުންގެ މެދުގައި ބައްސަވައިލެއްވިއެވެ. މިމައްސަލައަކީ ވަރަށްވެސް ނާޒުކު މައްސަލައެކެވެ. ނަމަވެސް ޙަޤީޤަތުގައި އެކަލޭގެފާނު މިކަން ކުރައްވާފައިވަނީ މިބާވަތުގެ މަތިމަތީގެ ޖަޒުބާތަކަށްވުރެ މާމަތިވެރި މަޤްޞަދެއްގައެވެ. އެހެންކަމުން އެވާހަކަ ތަކުގެ ޖަވާބުގައި އިތުރު ސާހިބާއަށް ދެއްކެވޭނެ ވަރަށްގިނަ ވާހަކަފުޅުތަކެއް ހުއްޓެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަންޞާރިއްޔަ ބޭކަލުން އެއްތަނަކަށް އެއްކުރެއްވިއެވެ. އެބޭކަލުން އެއްވެވަޑައިގަތުމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެބޭކަލުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބޭކަލުންގެ ތެރެއިން އަޅުގަނޑާ ހަމަޔަށް މިއަންނަނީ ކޮންކަހަލަ ވާހަކަތަކެއްތޯއެވެ؟ ޙަޤީޤަތުގައި ތިޔަބޭކަލުން ތިއްބެވީ މަގު ގެއްލިވަޑައިގެންފައެވެ. މާތް ﷲ އަޅުގަނޑުގެ ސަބަބުން ތިޔަބޭކަލުންނަށް ތެދުމަގު ނުދައްކަވާތޯއެވެ؟ ތިޔަބޭކަލުން ތިއްބެވީ ފަޤީރުކަމުގައެވެ. މާތް ﷲ އަޅުގަނޑުގެ ސަބަބުން ތިޔަބޭކަލުން މުއްސަނދި ނުކުރައްވާތޯއެވެ؟ ތިޔަބޭކަލުން ތިއްބެވީ އެއްބަޔަކު އަނެއްބަޔަކާ ދުޝްމިނު ކަމުގައެވެ. މާތް ﷲ އަޅުގަނޑުގެ ސަބަބުން ތިޔަބޭކަލުން އެކުވެރި ނުކުރައްވާތޯއެވެ؟

މާތް ﷲ ގަންދެއްވަމެވެ. ތިޔަބޭކަލުންނަށްވެސް ބޭނުންފުޅުނަމަ ވިދާޅުވެވޭން އެބައޮތެވެ. ތިޔަބޭކަލުންގެ އެވިދާޅުވުން ވާނީވެސް ތެދު ވިދާޅުވުމެއް ކަމުގައެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގަތީ ރަށުން ބޭރުކޮށްލެވިފައިވާ ޙާލުކޮޅެއްގައެވެ. އަޅުގަނޑުމެން ކަލޭގެފާނަށް ޙިމާޔަތް އެރުވީމުއެވެ. ކަލޭގެފާނު ވަޑައިގަތީ މުހުތާދުވެ ވަޑައިގެން ހުންނަވައެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ ހިތާމަފުޅުގައި ބައިވެރިވީމުއެވެ. ކަލޭގެފާނު ވަޑައިގަތީ ނުރައްކާތެރިކަމަށް ހުރަހޮޅި ވަޑައިގެން ހުންނަވައެވެ. އަޅުގަނޑުމެން ކަލޭގެފާނަށް އަމާންކަން އެރުވީމެވެ.

އޭ އަންޞާރިއްޔަ ބޭކަލުންނެވެ! އައު މުސްލިމުންގެ ބައެއްގެ މުޞީބާތް ލުއިކޮށްދީ އެބައިމީހުންނާ އެކުވެރިވުމަށްޓަކައި އަޅުގަނޑު ހޭދަކުރި ދުނިޔޭގެ ފިލައިދަނިވި މިކަހަކަ އާދައިގެ އެއްޗަކާހުރެ ތިޔަބޭކަލުން ހިތްޕުޅު ނުބައިކުރެއްވީތޯއެވެ؟ އަޅުގަނޑުވަނީ މާތް ﷲ ތިޔަބޭކަލުންނަށް ދެއްވައިފައިވާ އެއްޗެއްގެ ވަކީލުންކަމުގައި ތިޔަބޭކަލުން ހަދައިފައެވެ. އެއީ އިސްލާމްދީނެވެ.

އޭ އަންޞާރިޔަ ބޭކަލުންނޭވެ! މީސްތަކުން ޖަމަލުތަކާއި ބަކަރިތައް ހިފައިގެން އެބައިމީހުންގެ މަންޒިލްތަކަށް އެނބުރިދާއިރު ތިޔަބޭކަލުން މާތް ﷲ ގެ ރަސޫލާއާއިގެން ތިޔަބޭކަލުންގެ މަންޒިލަށް އެނބުރި ވަޑައިގަތުމަށް ރުހިވަޑައިނުގަންނަވަނީތޯއެވެ؟

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މިވާހަކަފުޅުގެ އަޑު އިވިވަޑައިގަންނަވާއިރަށް އަންޞާރިޔަ ބޭކަލުން ހަރުއަޑުފުޅުން ކީރިތިފުޅު ކުރެއްވިއްޖެއެވެ. އެބޭކަލުން ކީރިތި ކުރައްވަ ކުރައްވާފައި "އަޅުގަނޑުމެން ﷲ ގެ ރަސޫލާއާމެދު ރުހެމުއެވެ." ގޮވައިލައްވާން ފައްޓަވައިފިއެވެ. އާދެ، މިގޮތުން އިތުރު ސާހިބާގެ ޝަޚްޞިއްޔަތުގެ ބާރު ހިމެނުނީ ބަންދުވެފައި ހުއްޓައި ފެންނަ ކޮންމެ ދޮރެއް ހުޅުވައިދޭ ވެރިތަޅުދަނޑި (މާސްޓަރކީ) އެއް ކަމުގައެވެ. އާދެ، އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގެ ސައިލުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ދެމިއެއް ނުހުރެވުނެވެ.



********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން