ޞާދިރު ޢަލީދީދީ   2 ޖުލައި 2023 - 12:48
ހިންދީ ބަހުގެ އަދީބެއް ކަމުގައިވާ ސަރުދާރު ޕޫރަންސިންގ (1882- 1931) ލިޔުއްވި މަޒުމޫނެއްގެ މައިގަނޑު ނަމަކީ "ހިތްވަރުގަދަ ބަޠަލުން" މިއެވެ. އެމަޒްމޫނުގައި އޭނާވަނީ އިސްލާމްދީނުގެ ނަބިއްޔާއަށް ތާރީޚުގެ އެންމެ ހިތްވަރުފުޅު ގަދަ ބަޠަލުގެ މަޤާމު އަރުވައިފައެވެ. އޭނާ ވިދާޅުވާ ގޮތުގައި އެކަލޭގެފާނުގެ މަސައްކަތްޕުޅުން ޢަރަބިކަރައިގެ ސަޙަރާ ބިމުގައި ބަޑިބޭހުގައި އަލިފާން ހިފާގޮތަށް އަލިފާން ހިފިކަހަލައެވެ. އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް އައި ކޮންމެ މީހަކު އެކަލޭގެފާނުގެ ޚާދިމަކަށްވިއެވެ.

އެހިތްވަރުފުޅުގެ ނުވަތަ އެތެރެފުށުގެ ބާރުގެ ސިއްރަކީ އެކަހެރި ތަނެއްގައި އިންނަވައި ކިޔަވައި ވިދާޅުވި ސިއްރު ކިޔެވެލިތަކެއް ނުވަތަ ކުރެއްވި ރޫޙާނީ ކަސްރަތުތަކެއް ނޫނެވެ. އެފަދަ ކަންކަމަކީ ޙަޔާތުގެ ގޮންޖެހުންތަކުގައި އިންސާނާއަށް އެންމެ ފަހަރަކުވެސް ބޭނުމެއް ހިފޭނެ އެއްޗެއްސެއް ނޫނެވެ. ޙަޤީޤީ ބާރާއި ހިތްވަރަކީ ޙަޔާތުގެ ވާދަކުރުންތަކުގައި އިންސާނާއަށް ކާމިޔާބީއާއި ނަޞްރު ހޯދައިދޭ ކަންތައްތަކެވެ.

ޙަޤީޤަތަށް ދަންނަވާނަމަ އެތެރެފުށުގެ ބާރަކީ އިންސާނާ ނަފްސާނީ ޢަވާޠިފްތަކުން މިނިވަންވެ އޭނާގެ ނިންމުންތަކުގައި އެހެނިހެން ފަރާތްތަކުގެ ނުފޫޒު ނުހިމެނޭފަދަ ސިކުނޑީގެ ފެންވަރަކަށް އެމީހަކު ދިޔުމެވެ. އިތުރު ސާހިބާގެ ޙަދީޘެއްގައި ވާގޮތަށް ދަންނަވާނަމަ ކޮންމެ އެއްޗެއްވެސް އެއެއްޗެއްގެ ގޮތުގައި ފެންނަފަދަ މަޤާމެއް ޙާޞިލްވުމެވެ. ގޮތްދޫނުކުރުމާއި، ރުޅިއާއި، ދަހިވެތިކަމާއި، ނަފްރަތާއި، މަޤާމަށް އެދުންވެރިވުމާއި، ގާތްމީހުނަށް ރިޢާޔަތްކުރުމާއި، އަމިއްލަ ފައިދާއާއި އަދި މިނޫންވެސް މިބާވަތުގެ އެހެނިހެން އަސަރުތައް އެމީހެއްގެ ކިޔާލާއި، އެމީހަކު ނިންމާ ނިންމުންތަކަށް ނުފޫޒުފޯރުވާ ވަށްބުރުތަކެއްގެ ގޮތުގައި އޭނާ ވަށައިލުމަށްޓަކައި ދެމިހުންނަގޮތް ނެތުމެވެ. އެފަދަ މީހަކުވާނީ ކިޔަމަން ކުރުވުމުގެ ބާރު އާދަޔާޚިލާފަށް ލިބިގެންވާ މީހެއްކަމުގައެވެ. އޭނާ ކޮންމެ އިމްތިޙާނަކުންވެސް އެއްވަނަ ދަރަޖައިގައި ފާސްވެއެވެ. ކޮންމެ ގޮތަކަށް ބެލިޔަސް އޭނާ އެއްވަނަޔަށް ހޮވެއެވެ. ކޮންމެ ކުރިމަތިލުމެއްގައި އޭނާގެ ފިޔަވަޅުތައް ވާނީ އެކަތައިގެ ހަތިޔާރެެއް ކަމުގައެވެ. އޭނާގެ ނިންމުންތައް ހުންނާނީ މައްސަލައިގައި ކުރިމަތިވެދާނެކަމަށް ބެލެވިފައިވާ ކަންތައްތަކަށާއި ކުރިމަތިވެދާނެ ކަމުގައި ހީކުރެވިފައިނެތް ކަންތައްތަކަށްވެސް ރިޢާޔަތް ކުރެވިފައެވެ. އޭނާއާ ދެކޮޅުހަދާ މީހުންގެ ދެކޮޅުހެދުންތައްވާނީ އޭނާގެ ތެދުވެރިކަމާއި އޭނާގެ ޤާބިލިއްޔަތު އިތުރަށް ފާޅުވެ ހާމަވެގެންދާ ކަމެއް ކަމުގައެވެ.

މިތާނގައި އަޅުގަނޑު މިބަޔާންކުރަނީ މައްކާ ފަތަޙަ ކުރެއްވުމާ ވިދިގެން ކުއްލިޔަކަށް ކުރިމަތިވި ޙާލަތެވެ. އެކަމުގެތެރެއިން އެއްފަހަރާ އެތައް މައްސަލަތަކެއް އުފެދިގެންދިޔައެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާގެ ހިތްވަރުފުޅު ނުވަތަ އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގެ ބާރު އެއިން ކޮންމެ ކަމެއްވެސް ހައްލުކުރަމުން ގެންދިޔައެވެ. ބައެއްފަހަރަށް އެބާރުފުޅު ފާޅުވެފައިވަނީ ޢަފޫކުރެއްވުމުގެ ސިފައިގައެވެ. ބައެއްފަހަރު ކެރިވަޑައިގަތުމާއި ﷲ ގެ ރަސްކަންފުޅަށް އިތުބާރާއި ޔަޤީންކަން ބޭއްވެވުމުގެ ސިފައިގައެވެ. ބައެއް ތަންތާނގައި އެކަލޭގެފާނަށް ކާމިޔާބު ލިބިވަޑައިގަތީ އަބަދުވެސް މުސްތަޤްބަލަށް ބެއްލެވުމުގެ ވިސްނުންފުޅު ގެންގުޅުއްވުމުގެ ސަބަބުންނެވެ. ބައެއްފަހަރަށް އެކަލޭގެފާނު ސާބިތުކޮށްދެއްވައިފައިވާ އަމިއްލަ އެދުންފުޅެއް ނެތުން އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގެ ބާރުގަދަ ކޮށްފައިވަނީ އެއްވެސް މީހަކަށް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އާރެއްބާރެއް ނުދެއްކޭ ވަރަށެވެ.

ހިޖްރައިން އަށްވަނަ އަހަރު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މައްކާ ފަތަޙަ ކުރެއްވުމުން ޤުރައިޝުންގެ ބައެއްމީހުން ފިލައިފެން ދިޔައީ ހަވާޒިން ވަންހައާއި ޘަޤީފް ވަންހައިގެ ޤަބީލާތަކުގެ މީހުންގެ ގާތަށެވެ. އެބައިމީހުންގޮސް އެޤަބީލާތަކުގެ މީހުންގެ ނަގޫ ފިތައިގެން އައު ހަނގުރާމަޔަކަށް ތައްޔާރު ކުރުވިއެވެ. ހަވާޒިންވަންހައާއި ޘަޤީފްވަންހައިގެ މީހުން އެބައިމީހުންގެ ހުރިހާ ޤަބީލީ ގޮފިތަކެއް އެއްކޮށްގެން ވިހިހާސް ހަނގުރާމަވެރީންގެ ލަޝްކަރެއް އުފެއްދިއެވެ. އިސްލާމީ ލަޝްކަރާ އެބައިމީހުން ބައްދަލުކުރީ ޙުނައިނުގައެވެ. އިސްލާމީ ލަޝްކަރު ވާދީގެ ތެރެއިން ކުރިއަރަމުންދާން ފެށުމާއެކު ފަރުބަދަމަތީގައި ފިލައިތިބި ހަވާޒިންވަންހައިގެ ތީރުވެރީން އިސްލާމީ ލަޝްކަރަށް ދުނި އުކައިގަތްގަތުމުން މުސްލިމުންގެ ފައިތިލަތައް މައިދާނުން އުފުރިއްޖެއެވެ. މުސްލިމުންގެ ބާރަހާސް ސިފައިންގެ ލަޝްކަރުގެ ތެރެއިން އެގާރަހާހަށްވުރެވެސް ގިނަމީހުން ފިލާން ދުއްވައިގަތެވެ. ނަމަވެސް ތާރީޚު އަޅުގަނޑުމެންނަށް އަންގައިދޭ ގޮތުގައި އެހަނގުރާމައިގެ ފެށުމުގައި މުސްލިމުންނަށް އެކުރިމަތިވި ނާކާމިޔާބަށްފަހު މުސްލިމުންނަށް ލިބިގެންދިޔަ އާދަޔާ ޚިލާފު ފަތަޙައިގެ ސިއްރަކީ އިސްލާމްދީނުގެ ނަބިއްޔާގެ ޝަޙްޞިއްޔަތުގެ ބާރެވެ. އެބާރު އެދުވަހު ފާޅުވެފައިވަނީ ނާޒުކު ދަނޑިވަޅުތަކުގައި ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނެވުމާއި، މާތް ﷲ އަށް އިތުބާރު ކުރެއްވުމުގެ ސިފައިގައެވެ. އެބާރު މުސްލިމުންނަށް ވަގުތުން ބާޒީ ހޯދައިދިނެވެ. އިތުރު ސާހިބާ ދުޝްމިނުންގެ ގޮނީގެ ތެރޭގައި ހުންނަވައި ހަރުއަޑުފުޅުން ވިދާޅުވަމުން ގެންދެވިއެވެ.

أنا النبي لا كذب أنا ابن عبدالمطلب

އެކަލޭގެފާނު އަޑުފުޅުގެ ކޮޅަށް ގޮވައިލައްވަމުން ގެންދެވިއެވެ. الي عباد الله (މާތް ﷲ ގެ އަޅުތަކުންނޭވެ! އަހުރެންގެ ގާތަށް އަންނާށެވެ!") عباس رضي الله عنه އަކީ ނުހަނު އަޑުފުޅު ގަދަ ބޭކަލެކެވެ. އިތުރު ސާހިބާގެ އަމުރުފުޅަށް عباس ގެފާނު ހަރުއަޑުފުޅުން ގޮވައިލައްވަމުން ގެންދެވިއެވެ. "ޝަޖަރަތުއްރުޟްވާނުގެ ހިޔަލުގައި ޝަހީދުވެވަޑައިގަތުމަށް ބައިޢަތު ހިއްޕެވި ބޭކަލުންނޭވެ! ތިޔަބޭކަލުން ތިޔަތިއްބެވީ ކޮންތަނަކުތޯއެވެ؟ "

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން