ޞާދިރު ޢަލީދީދީ   1 ޖުލައި 2023 - 9:54
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
އެތެރެފުށުގެ ބާރު

އިސްލާމީ ޙަރަކާތަކީ އޭގެ އަޞްލު ޙަޤީޤަތަށް ބަލާއިރު ކޮންމެ މީހެއްގެވެސް އަމިއްލަ މަސައްކަތެވެ. މުއުމިން އަޅަކު ދީނީ ކަންތައްތަކުގައި ޙަރަކާތްތެރި ކުރުވާ ބާރަކީ މާތް ﷲ ގެ ޙަޟުރަތުން ސަލާމަތްތެރިކަން ޖަޒުބާތެވެ. މީހެއްގެ ހިތަށް ޙަޤީޤީ މާނައިގައި އިސްލާމްކަން ވަދެއްޖެނަމަ އޭނާގެ ހުރިހާ ޖަޒުބާތެެއްގެ ނާރެހަކަށްވާނީ އެންމެ ސުވާލެކެވެ. އާދެ، އެސުވާލަކީ ތިމާ ހެއްދެވި ރަސްކަލާނގެ ރަޙްމަތާއި މަޣުފިރަތުގެ ޙިއްޞާދާރަކަށް ތިމާޔަށް ވެވޭނީ ކިހިނަކުންތޯ؟ މިސުވާލެވެ. އޭނާ އޭނާގެ ޚިޔާލާތާއި، ޢަޤީދާއާއި، އަޚްލާޤާއި، ޢަމަލުތަކާ އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ގެންދެވޭތޯ ބަލާނީ ޤިޔާމަތް ދުވަހުން މާތް ﷲ ގެ ކޯފާއިން ސަލާމަތްވެވޭނެ މިޞްރާބަކަށެވެ. އޭނާ އެހެންމީހުންނަށް އިސްލާމްދީނަށް ގޮވައިލުމުގެ ކުރިން ޚުދް އޭނާ އެންމެ ފުރަތަމަ މުސްލިމަކަށް ވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އިސްލާމްވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވެއެވެ."

(ސޫރަތުލް އަންޢާމް: 14)

އިސްލާމްވީ އެންމެ ފުރަތަމަ މީހާ ކަމުގައި ވުމަކީ، އެކަމަށް ބާރުއަޅާ ކަންތައްތަކަށް ބަލާއިރު ވަރަށްވެސް އިންފިރާދީ ކަމެކެވެ. ނަމަވެސް އޭގެ ނަތީޖާއަށް ބަލާއިރު އެއީ ވަރަށް ތަނަވަސް އަދި އެހާމެ ފުޅާ އިޖްތިމާޢީ ޙާދިޘާއަކަށް ވެދެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އަލިފާން ފަރުބަދައެއްގެ ތެރޭގައި އަލިފާންގަނޑު އަނދަމުންދާއިރު ބޭރުފުށުން މީހުންގެ ލޯތަކަކަށް ފާޅެއްނުވެއެވެ. ނަމަވެސް އެފަރުބަދަ ގޮވާހިނދު މުޅިވެށިވެސް އަދި ކީއްތޯއެވެ؟ މުޅި ދުނިޔެވެސް އަލިފާންގަނޑުގެ ބަނޑުދަށުލައެވެ.

ކީރިތި ޤުރުއާން ބާވައިލައްވައިފައިވާ ތަރްތީބަށް ވިސްނާއިރު ކުރީކޮޅުގައި ބާވައިލައްވާފައިވަނީ އެތެރެފުށުގެ އިޞްލާޙުގެ މައްޗަށް ބާރުއަޅުއްވާ ސޫރަތްތަކެވެ. ބޭރުފުށުގެ އިޞްލާޙާބެހޭ ޙުކުމްތައް ބާވައިލެއްވީ އެއަށްވުރެ ފަހުންނެވެ. އޭގެ ސަބަބާމެދު ވާހަކަ ދައްކަވަމުން މުޙަންމަދު މާމަޑިޔުން ޕިކްތޯލް (1875- 1936) އޭނާގެ ޤުރުއާން ތަރުޖަމާގެ ދީބާޖާގައި ލިޔުއްވާފައިވެއެވެ. ނަބީބޭކަލުންގެ އިލްހާމް އެންމެ ފުރަތަމަ އެތެރެފުށުގެ ކަންތައްތަކުން ފެށިގެންބޭރުފުށުގެ ކަންތައްތަކާ ދިމާއަށް އަންނަކަމީ އެކަމުގައި ވަރަށް ފުން މާނަތަކެއް އެކުލެވިފައިވާ ކަމެކެވެ.



ވަރަށް ގިނަމީހުން ދެކޭގޮތުގައި މަސައްކަތެއް ކުރެވުނު ކަމުގައިވާނީ ބޭރުދުނިޔެއާ ޚިލާފަށް ވަރުގަދަ ޙަރަކާތްތަކެއް ހިންގުމުންނެވެ. ނަމަވެސް މަސައްކަތް ކުރުމުގެ އެންމެ ހަރުދަނާ ގޮތަކީ އެތެރެ އެތެރެއިން ތިމާގެ ބާރު ގަދަކުރުމެވެ. އޭނާ ޙަރަކާތްތެރި ވެގެންފިނަމަ އެއްވެސް ފަރާތެއް ތިމާގެ ނުފޫޒުން ނުނެއްޓޭ ވަރަށެވެ. އެތެރެއިން ބާރުގަދަ ކުރުމޭ މިދެންނެވީ ކޮންމެވެސް ރޫޙާނީ ކަސްރަތެއް ކުރުމުގެ ވާހަކައެއް ނޫނެވެ. ނުވަތަ ކޮންމެވެސް އިސްމެއް އަޒިމައެއް ކިޔަވައި ފަންޑިތަ ހެދުމުގެ ވާހަކައެއްވެސް ނުމެނޫންމެއެވެ. އަދި ކީއްތޯއެވެ؟ އެތެރެފުށުގެ ބާރުގަދަ ކުރުމަކީ ކީރިތި ޤުރްއާނުގައި، އީމާނާއި، ޞާލިޙު ޢަމަލާއި، ކެތްތެރިވުމުގެ ނަން ދެއްވައިފައިއެވާ ކަންތައްތައް ކުރުމެވެ. އާދެ، އިލާހީ ޙަޤީޤަތްތައް ތިމާގެ ހިތާއި ފުރާނައާއި ސިކުނޑީގެ އެންމެ ފުނަށް ބާވައިގަތުމެވެ. އިޙްސާސްތަކުގެ ގޮތުން ވީހާވެސް ބޮޑަކަށް ތިމާއާއި މަތިވެރިވެގެންވާ ޢާލަމާ ގުޅުވުމެވެ. "އެހެންމީހެއްގެ މައްޗަކަށް އަހަރެންގެ އެއްވެސް ބާރެއްނެތެވެ. މިދުނިޔޭގައި އަހަރެންގެ އޮތީ ހައްތާވެސް މަސްއޫލިއްޔަތެވެ." ތިމާގެ ހިތުގެ އަޑިން މިހެން ބުނެވޭފަދަ ތައްގަނޑަކަށް ތިމާ އަމިއްލަޔަށް ފެތުމެވެ. މާތް ﷲ ގެ މަގުގައި ކުރިޔަށްދާއިރު ދިމާވާ ކޮންމެ މައްސަލައެއް އަނެކުންގެ ބޮލުގައި އަޅުވާން މަސައްކަތްކުރުމުގެ ބަދަލުގައި ހަނުހިމޭންކަމާއެކު ތިމާ އެކަމެއް އުފުލަމުން ގެންދިޔުމެވެ. ތިމާގެ އެތެރެފުށުން ބާރުގަދަ ކުރުމަކީ މިދެންނެވި ގޮތަށް ޢަމަލުކުރުމެވެ. އިސްލާމްދީނުގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ މިދެންނެވި ހުރިހާކަމެއްގެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައި ވެވަޑައިގެންފައެވެ. އެކަލޭގެފާނުގެ ޝަޚްޞިއްޔަތު އިންތިހާ ދަރަޖަޔަށް ވަރުގަދަވެ އެކަލޭގެފާނާ ކުރިމަތިވި ކޮންމެ މީހެއްގެ މައްޗަށް ފަތަޙަ ލިބިވަޑައިގަތީ އެސަބަބާހުރެއެވެ. އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގައިވާ ބާރު ފާޅުވެގެން ދިޔަހިނދު އެޒަމާނުގެ އާބާދުވެފައިވާ މުޅި ދުނިޔެ އެކަށްހެން އޭގެ އަސަރު އިޙްސާސްކުރިއެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން