ޞާދިރު ޢަލީދީދީ   26 ޖޫން 2023 - 11:42
ދުރުވިސްނުންފުޅު (2)

.

އެވޭލާޒަމާނުގެ ޔަމަނުކަރައިގެ ސަރަޙައްދު މިހާރުގެ ޔަމަނުކަރައިގެ ސަރަޙައްދަށްވުރެ މާ ތަނަވަހެވެ. ޔަމަނުކަރައިގައި ވަރަށް ގިނަ ޤަބީލީ ވެރިކަން އުފެދިފައި ހުއްޓެވެ. ޔަމަނުކަރައިގެ ސަރަޙައްދީ ވެރިކަމުގެ ތެރެއިން އެންމެ ބޮޑު ވެރިކަމަކީ ޞަންޢާގައި އޮތް ވެރިކަމެވެ. ނަޖްރާންވެސް އޮތީ އެސަރަޙައްދުގެ ތެރޭގައެވެ.

ޔަމަނުކަރައަށް ބޭރުގެ ނުފޫޒުން ފޯރާންފެށީ މީލާދީ ސަނަތުން ގާތްގަނޑަކަށް 343 ވަނަ އަހަރުގައެވެ. އެއިރު ރޫމީ ރަސްކަމުގެ ނުފޫޒުން ކްރިސްޓިޔަން ދީނަށް ގޮވައިލާ މީހުން ޔަމަނުކަރަޔަށް ފޮނުވާން ފެށުނެވެ. ކްރިސްޓިޔަން މިޝަނަރީ މީހުންނަށް ނަޖްރާނުގައި ކާމިޔާބީތަކެއް ޙާޞިލްވިއެވެ. އެރަށުގެ ގިނަމީހުން ކްރިސްޓިޔަން ދީން ޤަބޫލުކުރިއެވެ.

އިސްވެދެންނެވި ދީންފެތުރުމުގެ ޙާދިޘާއިން އީރާނު މީހުންނަށް ދުވީ ސިޔާސީ ވަހެކެވެ. އެބައިމީހުން ދުށީ ރޫމީ އެމްޕެރަރ ދީން ފެތުރުއްވުމުގެ މަސައްކަތްޕުޅުގެ ތެރެއިން ޢަރަބިކަރައިގެ ދެކުނުގައި ނުފޫޒު ފަތުރުއްވާން ޤަޞްދުކުރައްވަނީ ކަމުގައެވެ. ރޫމީންގެ އަސަރު ފިލުވައިލުމަށްޓަކައި އީރާނު މީހުން ޔަހޫދީ ޤަބީލާތަކާ ބައިވެރިވިއެވެ. އެޤަބީލާތަކަކީ މީލާދީން 70 ވަނަ އަހަރު ރޫމީން ޝާމްކަރައިން ބޭރުކޮށްލުމުން ޔަމަނުކަރަޔަށް އައިސް ވަޒަންވެރިވެގެން ތިބި ޤަބީލާތަކެކެވެ. އެހެންކަމުން ކްްރިސްޓިޔަނުންނާއި ރޫމީންނާ ދެކޮޅު ހެދުމުގައި ޔަހޫދީން ވަރަށް ފަސޭހައިން އީރާނާ ބައިވެރިވިއެވެ.

ޔޫސުފް ޛޫނަވާސަކީ ޔަހޫދީންގެ ދީނަށް ވަދެގެން އުޅުނު ޢަރަބީންގެ މީހެކެވެ. އީރާނުގެ އެހީއާއެކު ޞަންޢާގައި އޭނާގެ ވެރިކަން ޤާއިމް ކުރިއެވެ. އޭނާގެ ވެރިކަމަކީ އީރާނުގެ ދަށުގައި އޮތް ދެބައިކުޅައެއްބައި މިނިވަން ޢަރަބި ވެރިކަމެކެވެ. އޭނާއަށް ރަސްކަން ލިބުމާއެކު ޔަމަނުކަރައިން ކްރިސްޓިޔަން ދީން ފޮހެލުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އޭނާ ކުރި މަސައްކަތުގެ ތެރޭގައި މީލާދީން 534 ވަނަ އަހަރުގައި ނަޖްރާނުގެ ވަރަށް ގިނަ ކްރިސްޓިޔަނުން ދިރިތިއްބައި އަންދައިލިއެވެ.

އެހާތަނުން ރޫމީންވެސް މައިދާނަށް ނުކުމެއްޖެއެވެ. ރޯމްގެ ޤައިޞަރު، ކްރިސްޓިޔަން ދީން ހިމާޔަތް ކުރެއްވުމުގެ ނަމުގައި، ޙަޤީޤަތުގައި އޭނާގެ ނުފޫޒު އަލުން ޤާއިމްކުރެއްވުމަށްޓަކައި ރޭއްވެވުމެއް ރޭއްވެވިއެވެ. އޭނާގެ މަޤްޞަދު ޙާޞިލް ކުރެއްވުމަށްޓަކައި ބޭނުންކުރެއްވީ ޙަބަޝާގެ ރަސްގެފާނު ނަޖާޝީއެވެ. ނަޖާޝީއަކީ ކްރިސްޓިޔަނެކެވެ. ރޫމިންގެ ޑޯލާރަސްކަލެކެވެ. ޤައިޞަރު ނަޖާޝީއަށް ވަސްވާސްދެއްވައިގެން ޔޫސުފް ޛޫނަވާސްގެ ކިބައިން ބަދަލުހިއްޕެވުމަށް ތައްޔާރު ކުރެެއްވިއެވެ. ނަޖާޝީ އޭނާގެ އޮފިސަރެއް ކަމުގައިވާ އިރްޔާޠަށް ލަޝްކަރެެއް ދެއްވާފައި ޔަމަނުކަރަޔަށް ފުރުއްވައިލެއްވިއެވެ. އިރްޔާޠު ވަރަށް ކުރު މުއްދަތެއްގެ ހަނގުރާމައަކަށްފަހު ޞަންޢާ ހިފިއެވެ. ޛޫނަވާސް އެނާކާމިޔާބީއާ ވިދިގެން ކަނޑަށްއެރި އަމިއްލައަށް މަރުވީއެވެ.

އިރްޔާޠުގެ ލަޝްކަރުގައި ހިމެނުނު އޮފިސަރެއްކަމުގައިވާ އަބްރަހަތު ދުވަސްކޮޅެއްފަހުން ބަޣާވާތްކޮށް އިރްޔާޠު ޤަތުލުކޮށްލިއެވެ. އެއަށްފަހު ނަޖާޝީ ރުއްސައިގެން ޞަންޢާގެ ވެރިކަމުގެ ފަތްކޮޅު ހޯދިއެވެ. މިދެންނެވި އަބްރަހަތަކީ މީލާދީން 571 ވަނަ އަހަރުގައި ގެފުޅު މުގުރައިލަން އުޅުނު އަބްރަހަތެވެ. އަބްރަހަތު މަރުވުމަށްފަހު އޭނާގެ ދޮށީ ދަރިފުޅު ޔަކްސޫމާއި ހަނގުދަރިފުޅު މަސްރޫޤު އެކަކަށްފަހު އަނެކަކު ޞަންޢާގައި ވެރިކަން ކުރިއެވެ.

ޔަމަނުކަރައިގެ ކުރީގެ ރަސްރަސްކަލުންގެ ދަރިކޮޅުން ވަޑައިގަތް ބޭފުޅެއްކަމުގައިވާ ސައިފް ބިން ޒީޔަޒަންގެ ހިތްޕުޅުގައި ބޭރުމީހުންގެ ނުފޫޒުން ޔަމަނުކަރަ ސަލާމަތް ކުރައްވައި ކާބަފައިކަލުންގެ ރަސްކަން އަނބުރައި ހޯއްދެވުމުގެ ޚިޔާލުފުޅު އުފެދުނެވެ. އޭނާ ޔަމަނުކަރައިގައި މިނިވަންކަމުގެ ޙަރަކާތެއް ހިންގެވިއެވެ. ސައިފް ރަސްގެފާނަށް ވިސްނިވަޑައިގެންނެވި ގޮތުގައި ހަމައެކަނި ޔަމަނުކަރައިގެ މީހުންގެ ތާއީދަކުން އޭނާގެ މަޤްޞަދު ޙާޞިލެއް ނުކުރެއްވޭނެއެވެ. އެހެންކަމުން އޭނާ އީރާނުގެ ރަސްގެފާނު ނޫޝޭރުވާނުގެ އަރިހަށް ވަޑައިގެން ޔަމަނުކަރައިގެ މިނިވަންކަމުގެ ޙަރަކާތަށް އަސްކަރީ އެހީއަށް އެދިވަޑައިގެންނެވިއެވެ. އެއީ އީރާނުގެ ޝެހެންޝާހަށް ލިބިވަޑައިގަތް ރަނުގެ ފުރުޞަތެކެވެ. އޭނާ އީރާނުގެ ކޮމާންޑަރެއް ކަމުގައިވާ ދަހްރިޒުގެ ވެރިކަމުގެ ދަށުގައި ލަޝްކަރެއް ފޮނުއްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރެއްވިއެވެ. އެކަން ހިނގަމުންދަނިކޮށް ސައިފް ރަސްގެފާނު އަވަހާރަވެއްޖެއެވެ. ނަމަވެސް ސައިފް ރަސްގެފާނުގެ ދަރިކަލުން މަޢުދީކަރަބު އީރާނުގެ ލަޝްކަރު ޔަމަނަށް ގެންނެވުމުގައި ކާމިޔާބު ހޯއްދެވިއެވެ. އީރާނުގެ ސިފައިން ގަލްފް އޮފް ޢައްމާން ހުރަސްކޮށް ޙަޟުރަމައުތުގެ އައްސޭރިޔަށް ފޭބިއެވެ. އެތަނުން ދަތުރުކޮށް ޞަންޢާއަށް ދިޔައެވެ. މަޢުދީކަރަބު އީރާނުގެ ލަޝްކަރުގެ އެހީގައި ޙަބަޝާގެ ލަޝްކަރު ބަލިކުރައްވައި އެބައިމީހުން ޔަމަނުކަރައިން ބޭރުކޮށްލެއްވިއެވެ. އެއަށްފަހު މަޢުދީކަރަބު ޞަންޢާގެ ރަސްކަމަށް އިސްވެވަޑައިގަތެވެ. ނަމަވެސް ޞަންޢާގައި އީރާނުގެ ލަޝްކަރު އޮތެވެ. މަޢުދީކަރަބު އަވަހާރަވުމާއެކު އީރާނު ސިފައިން ޞަންޢާއަށް ވެރިވެއްޖެއެވެ. ޞަންޢާއަކީ ގަލްފުގެ ހުޅަނގުގައި އޮތް އީރާނުގެ ޕްރޮވިންސަކަށް ވެއްޖެއެވެ. އިސްލާމްދީން ދުނިޔެއަށް އައިއިރު ޞަންޢާގައި ހުންނެވި އީރާނުގެ ގަވަރުނަރަކީ ބާޒާނެވެ. އޭނާ ފަހުން އިސްލާމްވެވަޑައިގަތީއެވެ.

އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަސޫލުކަމައިގެން ފޮނުއްވެވިއިރު އީރާނާއި ރޯމުގެ ގުޅަމަތިހިފާ ފަސްގަނޑަކަށް ޢަރަބިކަރަ ވެފައިއޮތީ ކިހާވަރަކަށްކަން އިސްވެދިޔަ ތަފްޞީލުތަކުން ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެފަދަ ވެއްޓަކަށް ތެދުވެވަޑައިގަންނަވާ މުޞްލިޙެއްގެ ކުރިފުޅުމަތީގައި އެބޭކަލަކަށް ޚިޔާރުކުރެއްވިދާނެ ދެގޮތެއް އެބައޮތެވެ. އެއްގޮތަކީ ވަގުތާއި ޙާލަތުގެ އަސަރުގައި ޖެހިވަޑައިގެން "އިސްތިޢުމާރީ ބާރުތަކާ" ދެކޮޅަށް ސިޔާސީ ހަނގުރާމައެއް ފެއްޓެވުމެވެ. ދެވަނަގޮތަކީ ދާޚިލީގޮތުން އަމިއްލަފުޅު ބާރުގަދަކުރައްވައި ކުޑަކުޑަ މަސައްކަތްޕުޅަކުންވެސް އިސްތިޢުމާރީ ކިއްލާ ބިމާ ހަމަކޮށްކެވޭފަދަ ހަކަތައާއި ބުންވަރު ހޯއްދެވުމެވެ. އިތުރު ސާހިބާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި ޚިޔާރުކުރެއްވީ ދެވަނަޔަށް މިދެންނެވި ގޮތެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން