ޞާދިރު ޢަލީދީދީ   25 ޖޫން 2023 - 14:37
ދުރުވިސްނުންފުޅު

ޚިޔާލުފުޅަށް ޤަދީމީ ޢަރަބިކަރަ ގެންނަވާށެވެ. ދެކުނުފަރާތުން ޢަރަބިކަނޑާ އިރުމަތިން ޕާޝިޔަން ގަލްފާ ހުޅަނގުފަރާތުން ރަތްކަނޑާ ގުޅިފައިވާ މިޖަޒީރާ އެދުވަސްވަރު އޮތީ ވަރަށް ވަރުގަދަ ސިޔާސީ މައްސަލަތަކަކާ ކުރިމަތިވެފައެވެ.

ޢަރަބިކަރައިގެ އިރުމަތީ ފަރާތުގައި އޮތީ އީރާނެވެ. އެތާނގައި އޮތީ ބާރުގަދަ ސަސާނީ ރަސްކަމެވެ. އުތުރުގައި އޮތީ ރޯމަން އެމްޕަޔަރަރ ނުވަތަ ބައިޒަންޓައިން އެމްޕަޔަރެވެ. އެއީ އެޒަމާނުގައި އެންމެ ބޮޑު ދެބާރުކަމުގައި ބެލެވުނު ދެރަސްކަމެވެ. އެދެރަސްކަމުން ޢަރަބިކަރަ ހަދާފައިވަނީ އެދެބައިމީހުންގެ ސިޔާސަތުގެ "ގުޅަމަތިހިފާ ފަސްގަނޑު" ކަމުގައެވެ. ޢަރަބިކަރައިގެ އެންމެ މުއްސަނދި ބިންތައް ހުރީ އެބައިމީހުންގެ ސީދާ ބާރުގެ ދަށުގައެވެ. ޢިރާޤަށް ވެރިވެގެން ތިބީ ފާރިސީންނެވެ. ޝާމްކަރައާއި ފަލަސްޠީނާއި، އުރުދުނާއި، ލުބްނާން ވެފައިއޮތީ ރޯމަން އެމްޕަޔަރުގެ ޕްރޮވިންސްތަކެއް ކަމުގައެވެ. ޢަރަބިކަރައިގެ އިރުމައްޗާއި ހުޅަނގުގައި ޕާޝިޔަންގަލްފާއި ރަތްކަނޑުގެ ޤުދްރަތީ "ކަނޑުގެ ފާރުތައް" ލެވިފައިވޭމެވެ. ނަމަވެސް އެސަރަޙައްދުތައްވެސް އަވަށްޓެރި ބާރުގަދަ އެމްޕަޔަރުތަކުގެ ކެހިވެރި ރޭވުންތަކުގެ އަމާޒުފަތްގަނޑަކަށްވުމުން ސަލާމަތްވެފައެއް ނެތެވެ. އިރުމަތީން އީރާނުގެ ކަނޑުގެ ފްލީޓް ޢައްމާން ފަލްފް ހުރަސްކޮށް ނުހަނު ފަސޭހަކަމާއެކު ޢަރަބީންގެ ސަރައްޙަދު ތަކަށް ވަދެގަނެއެވެ. ހުޅަނގުފަރާތުން ރަތްކަނޑާ ގުޅިފައިވާ ދެޤައުމު ކަމުގައިވާ މިޞްރާއި ޙަބަޝާ އޮތީ ރޫމީ ރަސްކަމުގެ ދަށުގައެވެ. މިޞްރާއި ޙަބަޝާ މެދުވެރިކޮށް ރޫމީންނަށް ކޮންމެފަދަ ވަގުތެއްގައިވެސް ޢަރަބިކަރައިގެ އެންމެ އަމާންކަމުގައި ބެލެވޭ ހިސާބު ހިސާބަށްވެސް ވަދެގަނެވޭން އޮތެވެ.

ޢަރަބިކަރައިގެ އެތެރޭގެ ސަރަޙައްދުތަކުގައި ޤަބީލާތަކުގެ ބޮޑުންގެ ވެރިކަން ޤާއިމްވެފައި އޮތްކަމުގައި ވިޔަސް ރޫމީންނާއި ފާރިސީން ޢަރަބިކަރަޔަށް ފޯރުވައިފައިއޮތް ޢާއްމު ނުފޫޒުގެ ސަބަބުން ޢަރަބި އަމީރުންނަށް މަޖްބޫރުވެވަޑައިގެންފައި އޮތީ ބޭރުގެ އެމްޕަޔަރުންގެ ޙިމާޔަތުގެ އަޅުވެތިކަމުގެ ދަށުގައި އެބޭފުޅުންގެ ސިޔާސީ "ޖަޒީރާތައް" އުފައްދަވާށެވެ.

އުތުރުން ޝާމްކަރައާ ގުޅިފައިވާ ޣައްސާސިނާ ރަސްކަމަކީ ޢަރަބި ރަސްކަމެކެވެ. ނަމަވެސް އެބައިމީހުން ތިބީ ރޫމީ ރަސްކަމާ ތަބާވެގެންނެވެ. އިސްލާމްދީނުގެ ނަބިއްޔާ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަސޫލު ކަމައިގެން ފޮނުއްވެވި ދުވަސްވަރު އެތާނގެ އަމީރަކަށް ހުންނެވީ ޙާރިޘް ބިން އަބީ ޝިމްރު ޣައްސާނީއެވެ. ހަމައެފަދައިން ބުޞްރާގެ ރަސްކަން އޮތެވެ. އެރަސްކަންވެސް އޮތީ ރޫމީންގެ ދަށުގައެވެ. އެތަނަށް ވެރިވެފައި އޮތީ ރޯމަން ތަހްޒީބުގެ އަސަރެވެ. ނަތީޖާއެއްގެ ގޮތުން އެތާނގެ އާބާދީގެ ބޮޑުބައެއް ކްރިސްޓިޔަން ދީން ޤަބޫލުކޮށްފައިވެއެވެ.

ޢިރާޤުގެ ސަރަޙައްދުގައި އޮތް ޙީރަތުގެ ރަސްކަމަކީ ޢަރަބި ރަސްކަމެކެވެ. އެބައިމީހުން ބޯލަނބަނީ އީރާނަށެވެ. ޕާޝިޔަން ގަލްފުގެ ކައިރީގައިވެސް ވަރަށް ގިނަ ޢަރަބި ރަސްރަސްކަލުން ތިއްބެވިއެވެ. އެހުރިހާ ރަސްރަސްކަލުންވެސް ތިއްބެވީ އީރާނުގެ ނުފޫޒުގެ ދަށުގައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ބަޙްރައިންގެ ވެރިކަމެވެ. އެތާނގެ އަމީރަކީ މުންދިރް ބިން ސާވީ އެވެ. އެތާނގެ އާބާދިގެ ގިނަ ޢަދަދެއްގެ ބަޔަކުވަނީ އީރާނީ ތަހްޒީބުގެ އަސަރުގައި މަޖޫސީ ދީނަށް ވަދެފައެވެ. ހަމައެފަދައިން ޢައްމާނުގެ ރަސްކަމަކީވެސް ޢަރަބި ރަސްކަމެވެ. އެތާނގެ ރަސްކަމުގައި ތިއްބެވީ ޖަލަންދީގެ ދެދަރިކަލުން ކަމުގައިވާ ޖައިފަރާއި ޢަބްދެވެ. ޔަމާމާގެ ރަސްކަމަކީވެސް ޢަރަބި ރަސްކަމެކެވެ. އެތާނގެ އަމީރަކީ ހޫޛަތު ބިން ޢަލީ އަލްޙަނަފީއެވެ.

ފާރިސީންނާއި ރޫމީންގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ވަރަށް ގިނަ ހަނގުރާމަތަކެއް ހިނގަމުން ދިޔައެވެ. އެހަނގުރާމަތަކުގައި ދެފަރާތުންވެސް ޢަރަބީން ބައިވެރިވިއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ރޫމީންގެ ފަރާތުން ޣައްސާސިނާގެ ޢަރަބީން، އީރާނުގެ ފަރާތުން ޙީރަތުގެ ޢަރަބީން ބައިވެރިވިއެވެ. އެހެންކަމުން ފާރިސީންނާއި ރޫމީންގެ ހަނގުރާމަތަކުގައި ޢަރަބީންގެލޭ ވަރަށް ގިނަ ޢަދަދަކަށް އޮހެމުންދިޔައެވެ.



********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން