މިއަދު ގެއަކަށް ވަދެލިޔަސް، މަގުމަތިން ރަހުމަތްތެރިއަކާ ބައްދަލުވިޔަސް، ކޮފީ މޭޒަކުން ދެކެފަރިތަ މީހަކާ ދިމާވިޔަސް ފުރަތަމަ ކޮށްލާ ސުވާލަކީ، "ޑޮލަރުކޮޅެއް ލިބޭކަށް ނެތްހޭ" ބުނެ މާޔޫސް ކަމާއެކު ކޮށްލާ ސުވާލެވެ. މިއީ މިދުވަސްވަރު އެކަނި އިވޭ އަޑެއް ނޫނެވެ. ނަމަވެސް މިދުވަސްވަރު ވަކިން ޚާއްޞަކޮށް މިސުވާލު ކުރެވޭލެއް ގިނައީއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއަދު މިސުވާލު ކުރެވެނީ ރާއްޖޭގައި ޑޮލަރު ނެތިގެން ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ވެސް ސަބަބު ތަކެއް ނެތިއެއް ނޫނެވެ.

ދިވެހީންނަކީ ލިބޭ މިންވަރަށްވުރެ ބޮޑަށް ބައެއް ފަހަރު ޚަރަދުކުރާ ބައެކޭ ވެސް ބުނެއެވެ. އެކަމާބެހޭ އާރުލާ ހޯދުންތަކެއް ނެތް ނަމަވެސް ރާއްޖޭގެ ބައިނަލްއަޤްވާމީ މައި ވައިގެ ބަނދަރުން ލަފާފުރާ ދިވެހީންނާ ގުޅޭ ގޮތުން ހެދިފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު ދިވެހީން މިދެންނެވި ގިންތިއަށް ފެތެއެވެ. އެހެން ނޫނަސް ސްކޫލް ބޮޑު ޗުއްޓީގައި ރާއްޖެއިން ބޭރަށް ޗުއްޓީ ހޭދަކޮށްލުމަށް ދިއުމަކީ ދިވެހި އާއިލާތަކުން މިއަދަކު އިއްޔެއަކު ކުރާ ކަމެއް ނޫނެވެ. އެއީ ދިވެހީންގެ ޒަމާންވީ އާދައެކެވެ.

މިދެންނެވި ޗުއްޓީގައި އެއާއިލާއަކަށް ލިބިހުރި މިންވަރަކުން އަވަށްޓެރި ގައުމުތަކަށާއި ތަންކޮޅެއް ދުރު ކަރަކަރައަށް ޗުއްޓީ ހޭދަކޮށްލަން ދިއުމަކީ ދިވެހި ގިނަ އާއިލާ ތަކުން ކުރަމުން އަންނަ ކަމެކެވެ. ބައެއް އާއިލާތަކުން މިދަތުރުގެ ބޭނުން ވަރަށް ހެއު ގޮތުގައި ހިފައެވެ. ބޭސްވެރިކަމުގައި ކުރިއަރާފައިވާ އަވްށްޓެރި ގައުމުތަކުން ޚާއްޞަ ޑޮކްޓަރުންނަށް ދައްކާލައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާލުން ފަދަ މުހުތާދުތައް މިދަތުރުގައި ފުއްދާލުމަކީ ގިނަ ދިވެހީންގެ އާދައެކެވެ.

ކޮންމެއަކަސް ކުރިން ދެންނެވި ޑޮލަރުގެ ވާހަކަ މިދުވަސްވަރު މާގިނައިން ދެކެވޭ އެއް ސަބަބަކީ މިދެންނެވި ޗުއްޓީ ދަތުރެވެ. އަނެއް ސަބަބަކީ މިދުވަސް ވަރަކީ ހައްޖު މޫސުމަށް ވުމެވެ. ނަމަވެސް މިއަދު ދިވެހީންނަކީވެސް އެކި މުހުތާދު ތަކުގައި ބޭރު ގައުމުތަކަށް އާންމުކޮށް ދަތުރުކޮށް އުޅޭ ބަޔަކަށްވާތީ، ރާއްޖެއަށް އެންމެ ގިނައިން ވަންނަ، ނަމަވެސް އެންމެ އުނދަގުލުން ލިބޭ ބޭރުފައިސާގެ ވާހަކަ އާންމުކޮށް ތަންކޮޅެއް ގިނައިން އަޑުއިވެނީއެވެ.

ރާއްޖެއަކީ ނިސްބަތުން ބޭރުފައިސާ ގިނައިން ވަންނަ ގައުމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެނީ މީރާއިން މަހުންމަހަށް އާންމުކުރާ ހިސާބު ކިތާބުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދައުލަތަށް ލިބޭ އާމްދަނީގެ ވިކުރާ ޓެކްސް އޮފީހުން ހާމަކުރާއިރު ކޮންމެ މަހަކު މިލިއަނުން ޑޮލަރު ވަންނަކަން ގިނަ ދިވެހީންނަށް އެނގެއެވެ. ދިވެހީންގެ ހަރުމުދާ ކުއްޔަށް ދީގެންނާ ވިއްކައިގެން ލިބޭ މި އާމްދަނީގެ ހައްުގު ހަމަ ކޮންމެ ދިވެއްސަކަށް ވެސް އޮންނާނެކަން މިއަދު ގިނަ ބަޔަކަށް އެނގެއެވެ. އެހެންކަމުން މިއަދު މިއުފުލަން ޖެހޭ ތަކުލީފު ނޫފުލައި ދިވެހީންނަށް ޑޮލަރު ލިބޭން ޖެހޭނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެނީއެވެ. ނަމަވެސް މިއަދު ދިވެހީންނަށް ލިބުން އެންމެ ދަތި އެންމެ އުނދަގޫ އެކައްޗަކީ މިދެންނެވި ޑޮލަރެވެ.

ހަގީގަތުގައި ޑޮލަރު ލިބުން ދަތީއަކީ ނޫނެވެ. ސަރުކާރުން ކަނޑައަޅާފައިވާ ހަމަ އަގުގައި ޑޮލަރު ގަންނާން ނުލިބެނީއެވެ. ކަޅުބާޒާރަށް އަރާލުމުން ޑޮލަރު ލިބެއެވެ. އެކަމަކު ލިބެނީ ކަޅުބާޒާރުން ވިއްކާ އަގަކަށެވެ. 15.42 ރުފިޔާއަށް ސަރުކާރުން ޑޮލަރުގެ އަގު ކަނޑައަޅާފައި ވިޔަސް އާންމު ރައްޔިތު މީހާއަށް ކަޅުބާޒާރުން އެގަންނަން އާންމުކޮށް މިހާރު ލިބެނީ 17.50 އަށްވުރެ މަތީންނެވެ. މި ދުވަސްވަރު ޑިމާންޑް އޮތުމުން އަގު ހުރީ 18 ރުފިޔާއާއި ހަމައަށް އަރާފައެވެ. އެއީ ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށްވުރެ 2.50ރ. އަށްވުރެ މަތިން ޖެހޭ ރޭޓެކެވެ.



ހައްލެއް ނުހޯދުނު ޑޮލަރުގެ ކަޅުބާޒާރު

ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރު ހަމަ އަގުގައި ނުލިބޭތާ ކިތަންމެ ދުވަހެކެވެ. އަދި ރައްޔިތުން އެކަމާ ކަންބޮޑުވެގެން އެވާހަކަ ދައްކާތާ އެތައް ދުވަހެކެވެ. އެކިއެކި މުނާސަބާ ތަކުގައި ނޫސްވެރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެސުވާލު ކުރާތާ ކިތަންމެ ދުވަހެކެވެ. ލިބެނީ ހަމަ ސެޓު ޖަވާބެކެވެ. އެކަން ހައްލުކުރަން މަސައްކަތްތަކެއް ކުރާ ވާހަކައެވެ.

ދިވެހި ރުފިޔާއަކީ ރާއްޖެ ނޫން އެހެން ގައުމެއްގައި ބޭނުން ކުރެވޭ ނުވަތަ ވިޔަފާރި ހިންގާ ފައިސާއެއް ނޫންކަމުން ރާއްޖެއިން ބޭރުދުނިޔެއާއި ކުރާ ހުރިހާ މުއާމަލާތެއްގައި ބޭނުން ކުރަން ޖެހެނީ ރާއްޖެއަށް ލިބޭ ބޭރުފައިސާއިންކަން މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ދުވަހުން ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގަތަސް، ބޭސް ގަތަސް ހަކަތައަށް ބޭނުންކުރާ ތެލުގެ ބާވަތްތައް ގަތަސް އަދި ދުވަހުން ދުވަހަށް ބޭނުންވާ މުދަލާއި އެހެނިހެން މުހުތާދުތަކަށް ބޭނުންވާ މުދާ ގަތަސް ގަންނަން ޖެހެނީ ބޭރު ގައުމުތަކުން ކަމުގައި ވާތީ ބޭރުފައިސާގެ ރަނގަޅު ރިޒާވެއް ހުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެކެވެ. އަނެއްކޮޅުން ރާއްޖެއަށް ލިބޭ އާމްދަނީއާއި ނުކަތާވަރުގެ މަތިބަރު ހިންގުމުގެ އޮނިގަނޑަށް ކުރަންޖެހޭ ހޭދައާއި ލިބޭ އާމްދަނީއާއި ނުބައްދަލު ތަރައްގީއަށް ކުރަންޖެހޭ ހޭދައަށް ނަގާ ލޯނުތައް އަދާކުރާން ޖެހެނީ ވެސް ބޭރުފައިސާއިން ކަމަށްވާތީ ސަރުކާރު ހިންގުމަށް ގައުމަށް ވަންނަ ބޭރުފައިސާގެ ބޮޑު ބައެއް ނުވަތަ ލިބޭ އެއްޗަކާ ނުބައްދަލު މިންވަރަކަށް ޚަރަދު ކުރާން ޖެހޭ ކަމީ ފެންނާން އޮތް ހަގީގަތެކެވެ. މިހާރު ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ރޭވިފައި އޮތް ގޮތަށް ބަލާއިރު މިއީ ހައްލެއް ގެނެވިދާނެ ކަމެއް ކަމަކަށް އަދި ގަބޫލެއް ނުކުރެވެއެވެ. ބެލެވޭ ގޮތުގައި މިހާރު މިހިނގާ ސިޔާސީ އޮއިވަރާއެކު އަދިވެސް މިދެންނެވި ޚަރަދުތައް ދާނީ މައްޗަށެވެ. ހިންގުމުގެ އޮނިގަނޑު ހައްތަހާ ވާނީ ބަރެވެ. ކަންމިހެން އޮތް ނަމަވެސް ދިވެހީންނަށް ޖެހިފައި މިއޮތް މިދެންނެވި ޑޮލަރު ހޯދުމުގެ ބުރަ ލުއި ކުރެވޭނެ ގޮތެއް ހޯދުމަކީ ކޮންމެ ސަރުކާރެއް އޮތް ނަމެވެސް އަދި ކޮންމެ ބަޔަކު ސަރުކާރު ހިންގަން ތިބި ނަމެވެސް ކުރަން ޖެހޭނެ ކަމެކެވެ.

ބަދަލު ނާންނަ ޒަމާންވީ 500 ޑޮލަރު

ދިވެހީން ރާއްޖެއިން ބޭރަށް ފުރާއިރު ކޮންމެ ބޮލަކަށް 500 ޑޮލަރު ލިބޭ ގޮތް ސަރުކާރުން ފަހިކޮށްދީފައި އޮވެއެވެ. މިއީ ވަރަށް ޒަމާންވީ ބަދަލެއް ނާންނަ 500 ޑޮލަރެވެ. ރާއްޖެއާއި ދުނިޔޭގެ އިގުތިޞާދަށް އައި ބޮޑު ބަދަލާއެކު މުދަލާ ޚިދުމަތުގެ އަގު އެތައް ގުނައަކަށް ބޮޑުވެގެން، އުފުލިގެން ދިޔައިރުވެސް މިދެންނެވި 500 ޑޮލަރަކަށް ބަދަލެއް ނާދެއެވެ. މިއީ ގިނަ ބަޔަކު މިއަދު ކުރާ ޝަކުވާއެކެވެ. މިދެންނެވި ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ޒަމާންވީ 500 ޑޮލަރު މިހާރު ބަދަލުވާން ޖެހިއްޖެތާ ކިތަންމެ ދުވަހެކެވެ.

ގިނަމީހުންގެ އަންދާޒާއަކީ މިދެންނެވި 500 ޑޮލަރު ހާހަކަށް ބޮޑުކޮށްލިޔަސް ކަޅުބާޒާރަށް އެނގުންވާނެ ކަމެވެ. އާންމުކޮށް އާއިލާއަކުން ބޭރުގައުމަކަށް ކުރާ މިދެންނެވި ފަދަ ޗުއްޓީއާއި ބޭސްވެރިކަމުގެ ދަތުރެއްގައި ތިން ހަތަރު މީހުން ދަތުރު ކުރާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މިދެންނެވި 500 ޑޮލަރު 1000 އަށް ބޮޑު ކޮށްލައިފި ނަމަ ކަޅުބާޒާރަށް ނާރައި ތިން ހަތަރު ހާސް ރުފިޔާ ހަމަ އަގުގައި ލިބޭނެއެވެ. މިދެންނެވި އަދަދަކީ އަވަށްޓެރި ގައުމެއްގައި އާދައިގެ ދިރިއުޅުމެއް އުޅެލައި އާދައިގެ ބޭސްފަރުވާއެއް ކޮށްލާން އަދި ހަމަ ރަނގަޅު އަދަދެކެވެ.

އެހެން އެކަން ވެއްޖެ ނަމަ ކަޅުބާޒާރުގެ އަގު ތިރިވެ ކަޅުބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ކުޑަވެގެންދާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. ނަމަވެސް ކުރިން ދެންނެވި ސަރުކާރުގެ ޚަރަދު ބަރަދުތަކުގެ ހިސާބު ޖަހާފައި އެއަދަދު ބޮޑުކޮށްގެން މާލީ ވުޒާރާގެ ބޮޑު ތިޖޫރިއަށް ސަކޭގާ ވަންޏާ ވެސް އަދި ނުވަންޏާ ވެސް އެނގޭނީ އެކަން ކުރާން ތިބި ވެރީންނަށެވެ. އަޅުގަނޑުމެންނަށް އެނގޭހާ ވެސް އެއްޗަކީ މިފަދަ ބަދަލެއް ގެނަސްގެން ވިޔަސް ދިވެހީންގެ މިބުރަ ފިލުވާލާން ޖެހިއްޖެ ކަމެވެ.

ބީއެމްއެލުން ކާޑު ލިމިޓްގައި އަޅުވާފައިވާ މަރުތަޅު

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރުގެ ޑިމާންޑް އެހާ މައްޗަށް ދިޔަ އެއް ސަބަބަކީ ދިވެހީންގެ ގައުމީ ބޭންކް ކަމަށްބުނެ އެލަގަބާއި އެ މެޑަލް ޖަހައިގެން ބޮޑު ފައިދާ ނަގަމުން ގެންދާ ބޭންކް އޮފް މޯލްޑިވްސްއިން އެކަމަށް މަގު ކޮށައި ދިނުމެވެ. ކޮވިޑްގެ އާލަމީ ވަބާއޭ ކިޔައިގެން ދިވެހީން ގޭބަންދުގައި، ރަށު ބަންދުގައި ތިއްބާ ދިވެހީންނަށް އެބޭންކުން ދޫކޮށްފައި ހުރި ކާޑު ތަކުގައި ވެސް ބޮޑުތަޅު އަޅުވައި ބަންދުކޮށްލުމަކީ ކަޅުބާޒާރު އަސްލު އުފެދުނު އެންމެ ބޮޑު ސަބަބެވެ. މިދެންނެވި ކޮވިޑޭ ކިޔައިގެން ކާޑުތަކުގައި ބޮޑުތަޅު އަޅުގައި ބޭރުފައިސާއިން މުއާމަލާތް ކުރެވޭ މިންވަރު 250 ޑޮލަރަށް ތިރިކުރުމަކީ ދިވެހީން ކަޅުބާޒާރަށް ދާން ޖެހުނު އެންމެ ބޮޑު ސަބަބު ކަމުގައި ދަންނަވަން ޖެހެއެވެ.

މިދެންނެވި ލިމިޓް ނެތް އިރު ދިވެހީން ރާއްޖެއިން ބޭރަށްދާކަށް ޑޮލަރަށް ސަލާން ޖަހާކަން ނޫޅެއެވެ. ބޭންކުން ކާޑުގެ މުމަލާތަށް އިތުރަށް ނަގާ ފައިދާ ކިތަންމެ ބޮޑަސް އެ ކާޑު ހިފައިގެން ގޮސް ބޭރު ގައުމުތަކުގައި އުޅެފައި އެދިޔަ މުހުތާދެއް ފުއްދާލައިގެން އަންނަނީއެވެ. އޭރު މިކިޔާ 500 ޑޮލަރު ހޯދަން ވެސް ގިނަ މީހުން ނޫޅެއެވެ. އެ އެއްޗެއް ލިބޭކަން ނޭނގޭ މީހުން ވެސް އުޅެއެވެ.

ގައުމީ ބޭންކުން މިދެންނެވި ކާޑުގެ މަރުތަޅު އެޅުވި ގޮތަށް އަދިވެސް އޮތީ އެތަޅު ނުނައްޓައެވެ. އެތަޅުދަނޑި ހިފައިގެން، އަންބޮޑިއަށް ލައިގެން އަބަދުވެސް އުޅުއްވަނީ ފަރަންޖީއެކެވެ. އޭނާ ބޭނުން ވަރަކަށް ބޭންކުން ޑޮލަރު ނަގައިގެން ރަށަށް ފޮނުވާލެވެންޏާ އޭނާއަށް ދިވެހީންގެ ހާލާމެދު ވިސްނާން ވެސް ނޭނގޭނެތާއެވެ.

ކޯވިޑާއި ގުޅިގެން ފަތުރުވެރިކަން ހުއްޓުމުން ކާޑު ތަކުގައި އެޅުވި ތަޅު މިއަދު ކޯވިޑްގެ ކުރީން އޮތް ހާލަތަށް ވުރެ ރާއްޖޭގެ އިގުތިޞާދު ރަނގަޅު ވީމާވެސް ނެއްޓޭނެ ގޮތެއް ނެތެވެ. އެކަމަކު ދިވެހީން ބޭންކްތަކަށް ކުރާ ތުހުމަތެއް އެބައޮތެވެ. އެމީހުން ކަޅު ބާޒާރުގެ ވަލު ދޮރާށިން މީހުން ވައްދައިގެން ފިލާ ތިބެ ބޮޑު އަގުގައި ޑޮލަރު ވިއްކައިގެން ބޮޑު ފައިދާ ހޯދާ ވާހަކައެވެ. މިއީ ތުންތުން މަތިން ދެކެވޭ ވާހަކައެކެވެ. އެމްއެމްޕީއާރްސީގެ ކަޅުފައިސާތައް ދޮވެދިން ކަމަށް ތުހުމަތު ކުރާ ބޭންކަކުން އެފަދަ އަމަލެއް ނުހިންގާނެއެކޭ ދަންނަވާކަށް ނުކެރޭނެއެވެ.

ޑޮލަރުގެ އަގުގެ މައްސަލައަކީ އާންމު ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ މިވާހަކަ ދައްކައިގެން މިކަމަށް ހައްލު ތަކެއް ގެނެވޭތޯ އެބަ މަސައްކަތް ކުރާން ޖެހެއެވެ. މިއަދު މުދާ އެތެރެކުރާ މީހުން މުދަލުގެ އަގު ހަދަނީ މިދެންނެވި ކަޅުބާޒާރުގައި ޑޮލަރު ހުންނަ އަގަށް ބަލައިގެންނެވެ. ޚިދުމަތުން އަގު ނަގާ މީހުން އަގު ހަދަނީ އެއަގަށް ހިސާބު ޖަހައިގެންނެވެ. ކުލި ނަގާ މީހުން ހިސާބު ހަދަނީ އެދަދުން ގުނަކޮށް ގެއްލައިގެންނެވެ. އެއާލައިންތަކުން ޓިކެޓްގެ އަގު ހަދަނީ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުންނަ މިންވަރަށެވެ. އެހެންވީމާ މިއަދު މުސާރަ ބޮޑުކުރި ނަމަވެސް އެމުސާރަވެސް ގުނަކޮށް ގެއްލާން މިޖެހެނީ 18 ރުފިޔާގެ ރޭޓުންނެވެ. މުސާރަވީ ބޮޑުތޯ ނުވަތަ ކުޑަތޯ ވެސް ބަލަން ޖެހެނީ އެރޭޓުން ގުނަކޮށް ގެއްލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން