ދަނޑުވެރީންގެ މަސައްކަތަކީ ޤުދްރަތުގެ ފުރޮޅާ ތިމާމެންގެ ފުރޮޅު ގުޅާލުމުގެ މަސައްކަތެވެ. މާތް ﷲ އަޅުގަނޑުމެންގެ މިބިމުގައި ވަނީ ގޮވާންކުރެވުމުގެ އެންމެ ފުރިހަމަ އެކަށޭނަކަން ލައްވައިފައެވެ. ނަމަވެސް އެ އެކަށޭނަކަން ތިމާއަށް ފައިދާހުރި ކަމަކަށް ހެދުމަށްޓަކައި ދަނޑުވެރިޔާއަށް އޭނާގެ ދައުރު ފުރިހަމަ ކުރާން ޖެހެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ބިމުގެ ސަޠަޙައިގައި މުއްސަނދި ފަހުގެ ފަށަލައެއް ލައްވައިފައިވެއެވެ. މިހާތަނަށް އެނގިފައިވާ މުޅިކާއިނާތުގައިވެސް ބިމުގެމަތީ ފަށަލައިގައި މެނުވީ މިކަހަލަ ފަހުގެ ފަށަލައެއް ނުވެއެވެ.

މިދެންނެވި ފަސްގަނޑުގެ މޮޅުކަމާއެކުވެސް އެފަސްގަނޑަށް ގަސްގަހާގެހި ހެދުމުގެ އެކަށޭނަކަން ލިބެނީ އެފަހުގައި ތެތްކަންވެސް ހުރެގެންނެވެ. ފަސްގަނޑުގައި ތެތްކަން ނެތުމުގެ ސަބަބުން ހޫނުގަދަ ސަރަޙައްދުތަކުގެ ބިންތައްވަނީ ހަނަފަސް ސަޙަރާތަކަކަށް ވެފައެވެ. މިދެންނެވި ޙަޤީޤަތް ޤުދުރަތުން ގަދައަޑުން އިޢުލާން ކުރައްވަމުން ނުގެންދެވިކަމުގައިވިޔަސް ހަނުހިމޭން އިޝާރާތުގެ ބަހުރުވައިން އެކަންވަނީ ހާމަކުރެވިފައެވެ. ދަނޑުވެރީންނަށް އެހަނުހިމޭން އިޝާރާތް ވިސްނޭން ޖެހެއެވެ. އެހެންކަމުން ދަނޑުވެރީން އޮށްއިންދަނީ އެހެންޏާ ވާރޭގެ ސަބަބުން ފެނުގެ އަސަރު ފޯރައި ތެތްކަން ލިބިފައިވާ ބިމުގައެވެ. އެހެންނާ އެބައިމީހުން އޮށްއިންދުމުގެ ކުރީން ދަނޑަށް ފެންދިނުމުގެ ކޮންމެވެސް ނިޒާމެއްގެ ދަށުން ފަސްގަނޑަކަށް ތެތްކަން ގެންނަނީއެވެ. އޮށް އިންދަނީ އޭގެފަހުންނެވެ.

މާތް ﷲ ގެ މަގަށް ގޮވާލާ މީހުންގެ ކަންތައްވެސް ހުންނަނީ ހަމަ މިގޮތަށެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށްޓަކައި ޢަރަބިކަރައިގައި އެންމެ ކުރީއްސުރެ ނުހަނު ރަނގަޅު ވެއްޓެއް ތައްޔާރު ކުރައްވައިފައި އޮތުމާއެކުވެސް މާތް ﷲ ގެ ޙިކްމަތްވަންތަ ރޭއްވެވުމާ އެއްގޮތަށް އެކަލޭގެފާނުގެ މަސައްކަތްޕުޅު ހުރުމަކީ ލާޒިމް ކަމެކެވެ. އެކަލޭގެފާނަށް ޢަމަލީގޮތުން އެލިބިވަޑައިގެންނެވި ކާމިޔާބީއަކީ މާތް ﷲ ތަނަވަސްކޮށް ދެއްވާފައިވާ ފުރުޞަތު އޭގެ އެންމެ އެދެވޭ ގޮތުގައި ބޭނުންފުޅު ކުރައްވައި، އެގޮތުގެމަތީން އެކަލޭގެފާނުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވުމުގެ ނަތީޖާއެެވެ.

1. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ދަޢުވަތުގައި ބޭނުންފުޅު ހިއްޕެވި މައިގަނޑު އުސޫލަކީ އާޚިރަތްދުވަހުގެ މައްސަލަޔަށް ހުރިހާ އަހަންމިއްޔަތެއް ދެއްވުމެވެ. ސަބަބަކީ އިންސާނާގެ އަބަދީ އަދި ޙަޤީޤީ މައްސަލައަކީ އާޚިރަތުގެ މައްސަލައެވެ. އެހެންހުރިހާ މައްސަލަތަކަކީ ބޭރުންއައިސް ކުރިމަތިވާ މައްސަލަތަކެވެ. ވަގުތީ މައްސަލަތަކެކެވެ. އާޚިރަތުގެ ކާމިޔާބީއާ ނުލައި އިންސާނާގެ ކާމިޔާބީއަކީ ނާކާމިޔާބަށްވުރެވެސް މާނައެއްނެތް އެއްޗެކެވެ.

ދެވަނަ ކަމަކީ އިންސާނީ ދިރިއުޅުމުގައި ހުރިހާ ބާވަތެެއްގެ ކާމިޔާބީތަކެއްވެސް ގުޅިފައިވަނީ އަފްރާދުންގެ ޝަޚްޞިއްޔަތު ނުވަތަ އަޚްލާޤާއެވެ. އިންސާނާގެ ކިބައިގައި ޙަޤީޤީ އަދި ދެމިހުންނަ އަޚްލާޤެއް އުފެދޭނީ އާޚިރަތާމެދު ވަރުގަދަ ޔަޤީންކަމެއް އޮތުމުންނެވެ. އާޚިރަތްދުވަސް އަންނާނެކަމުގެ އަޤީދާގެ މަޠުލަބަކީ އިންސާނާއަކީ އެއްވެސް ބަނދެވުމެއްނެތް މިނިވަން މީހެއްނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާ އަބަދުމެ ހުންނަނީ މާތް ﷲ ގެ ބައްލަވައި ވޮޑިގަތުމުގެ ދަށުގައެވެ. މިއަޤީދާ އިންސާނާގެ މަގުއޮޅިގެން ދިޔުމުގެ މިޒާޖު އޭނާގެ ކިބައިން ނިގުޅައިގަނެއެވެ. އޭނާއަކީ އިމެއްގެ ތެރޭގައި ހުންނަ، ޒިންމާދާރު މީހަކަށް ހަދައެވެ.

2. ދެވަނަކަމަކީ ދީނަށް ގޮވައިލާ މީހާއާއި ގޮވައިލެވޭ މީހާއާދެމެދު އެއްވެސް ޙާލެއްގައި އެއްވެސް ކަހަލަ މާއްދީ އަރައިރުމެއް ނުއުފެއްދުމެވެ. ދީނަށް ގޮވައިލެވޭ މީހާއަކީ ތިމާގެ އިދިކޮޅު ފަރާތްކަމުގައި ވިޔަނުދިނުމެވެ. އެކަމަށްޓަކައި ކޮންމެ އަގެއް ދޭންޖެހުނު ކަމުގައިވިޔަސްވެހެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަޔާތްޕުޅަށް ވިސްނާއިރު މިދެންނެވި ޙިކްމަތްތެރި އުސޫލުގެ އެންމެ ފާޅުކަންބޮޑު އެއްމިސާލަކީ ޙުދައިބިއްޔާގެ އެގްރީމެންޓެވެ. ޤުރައިޝުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަފަށައި މުސްލިމުންނާއި ޤުރައިޝުންނަކީ ހަނގުރާމައިގައި ވާދަކުރާ ދެފަރާތެއްކަމުގައި ހެދިއެވެ. ނަތީޖާއެއްގެ ގޮތުން ދެފަރާތުގެވެސް ހުރިހާ ވަގުތެއް ހަނގުރާމައިގެ ބަޙުޘްތަކާއި ހަނގުރާމައަށް ތައްޔާރުވުމުގައި ހޭދަވާން ފެށިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެފަދަ ވަގުތެއްގައި ޤުރައިޝުން އެދުނު ހުރިހާ އެދުމެއް ޤަބޫލުކުރައްވަމުން ދިހަ އަހަރު ވަންދެން ހަނގުރާމަ ނުކުރުމުގެ އެގްރީމެންޓެެއް ކުރެއްވިއެވެ. އެ އެގްރީމެންޓް އެއްފަރާތަށް ބުރަވެފައި އޮތްވަރުން މުސްލިމުންކުރެވެސް ވަރަށް ގިނަބަޔަކު އެއީ ނިކަމެތިވެގަތުމުގެ އެގްރީމެންޓެއް ކަމުގައި ބެލިއެވެ. ނަމަވެސް މާތް ﷲ ގެ ޙަޟްރަތުގައި އެ އެގްރީމެންޓަކީ ކަނޑައެޅިގެން ހުރި ފަތަޙައިގެ (އަލްފަތުޙު-1) ދޮރާއްޓެވެ. އެހެނީ އެ އެގްރީމެންޓުގެ ސަބަބުން ހަނގުރާމައާއި ދިމާކުރުމުގެ ވެށި ސާފުވެ މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދު ދީނަށް ގޮވައިލާ މީހުންނާއި ދީނަށް ގޮވައިލެވޭ މީހުންގެ ގުޅުން އަލުން އާވިއެވެ. މިގޮތުން ޢަރަބީންނަކީ މުސްލިމުންނާ ހަނގުރާމައިގައި ވާދަކުރާ ފަރާތެއްގެ ބަދަލުގައި ދީނަށް ގޮވައިލެވޭ ބަޔަކަށް ބަދަލުވާއިރަށް ތެދުމަގަށް ގޮވައިލެވޭ ގޮވައިލުމުގެ އަޑު އެބައިމީހުންގެ މެދުގައި ފެތުރޭން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ގާތްގަނޑަކަށް ދެ އަހަރުދުވަހުގެ ތެރޭގައި މުސްލިމުންގެ ޢަދަދު ދިހަގުނައަށް އިތުރުވެގެން ދިޔައެވެ. ހަނގުރާމައިގެ ޒަރީޢާއިން ފަތަޙަ ކުރެވޭނެ މަގެއް ނުފެނިފައި އޮތް މައްކާ ދީނަށް ގޮވައިލުމުގެ މަސައްކަތުގެ ތެރެއިން ފަތަޙަވިއެވެ.

3. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޢަމަލުކުރައްވާ ގޮތްކޮޅުގެ ތެރޭގައި ހިމެނޭ މުޙިއްމު އަނެއްކަމަކީ ދީނަށް ގޮވައިލެވޭ މީހުންގެ މައްޗަށް ބާރު ފޯރުއްވެވޭހިނދު އެބައިމީހުންނާމެދު ދީލަތިފުޅުކޮށް ކަންތައް ކުރެއްވުމެވެ. އިތުރު ސާހިބާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މުޅި ޙަޔާތްޕުޅުވަނީ މިކަމުގެ މިސާލުތަކުން ފުރިފައެވެ. އޭގެތެރެއިން އަޅުގަނޑު މިތާނގައި އަލިއަޅުވައިލަނީ ހަމައެކަނި މައްކާ ފަތަޙަ ކުރެއްްވުމަށްފަހު ޢަމަލުކުރެއްވި ގޮތްކޮޅުގެ މައްޗަށެވެ.

މާތް ރަސޫލާއަށާއި މުސްލިމުންނަށް ނުހަނު ބޮޑެތި އަނިޔާތައް ކޮށްއުޅުނު ޤުރައިޝުވަންހައިގެ އެންމެން މައްކާ ފަތަޙަވުމުން އިތުރުސާހިބާގެ ފުރިހަމަ ބާރުފުޅުގެ ދަށަށް އައެވެ. ނަމަވެސް އެއްވެސް މީހެއްގެ މާޟީގެ ކުށެއްގެ މައްޗަކަށެއް އިތުރު ސާހިބާ އެއްވެސް މީހަކަށް އަދަބެއް ނުދެއްވައެވެ. އެންމެނަށް ޢާއްމު މަޢާފެއް ދެއްވިއެވެ. އިތުރުސާހިބާގެ ކުރިފުޅުމައްޗަށް ކުށްވެރީންގެ ގޮތުގައި ޙާޟިރުކުރެވިފައި ތިބި ޤުރައިޝުންގެ އެންމެންނާ މުޚާޠަބު ކުރައްވައި ޙަދީޘްފުޅު ކުރެއްވިއެވެ.

"ދާށެވެ! ތިޔަބައިމީހުންނަކީ މިނިވަނުންނެވެ." މައްކާގެ އަހްލުވެރީންކުރެ ެއިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގައި ހައްދު ފަހަނަޅައިފައި ވުމުގެ ސަބަބުން ޤަތުލު ކުރެއްވުމުގެ އަމުރު ނެރުއްވި ސަތާރަ މީހުންކުރެވެސް އެމީހަކު އަމިއްލައަށް ނުވަތަ އެހެން މީހަކު މެދުވެރިކޮށް މަޢާފު އެދުނު އެންމެންގެ ކުށް މަޢާފުކޮށްދެއްވިއެވެ. ޤަތުލުކުރެއްވީ އެއްގޮތަކަށްވެސް މާފަށްނޭދުނު ގޮތްދޫނުކުރާ ފަސްމީހެކެވެ.

އުޙުދު ހަނގުރާމައިގެ ތެރޭގައި وحشي بن حرب އިތުރު ސާހިބާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ބޮޑުބޭބޭފުޅު حمزة بن عبدالمطلب رضي الله عنه ޝަހީދުކުރިއެވެ. حمزة ގެފާނު ޝަހީދު ވުމުން هند بنت عتبة އެކަލޭގެފާނުގެ ކަންފަތްޕުޅާއި ނޭފަތްޕުޅު ކަނޑައި ބަނޑުފުޅު ފަޅައިލައިގެން މޭފުޅު ނަގައި ކާން އުޅުނެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް އެކަން އެނގިވަޑައިގަތުމުން ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. އަހުރެންނަށް އެބައިމީހުންގެ މައްޗަށް ފަތަޙައެއް ލިބިއްޖެނަމަ އޭގެތެރެއިން ތިން މީހެއްގެ ނޭފަތާއި ކަންފަތް ކަނޑާނަމެވެ. މައްކާ ފަތަޙަ ކުރެއްވި ދުވަހު ޤަތުލުކުރެއްވުމުގެ އަމުރުފުޅު ނެރުއްވި މީހުންގެ ތެރޭގައި މިދެންނެވި وحشي އާއި هند ވެސް ހިމެނިވަޑައިގަތެވެ. ނަމަވެސް އިތުރުސާހިބާގެ އަރިހަށް ވަޑައިގެން وحشي އާއި هند މާފަށް އެދިވަޑައިގަތުމުން އިތުރު ސާހިބާ މާފުދެއްވިއެވެ.

މިއުސޫލަކީ އިންތިހާ ދަރަޖައިގެ މުހިއްމު ޙިކްމަތެއްގެ މައްޗަށް ބިނާވެފައިވާ އުސޫލެކެވެ. އިންސާނުންނަކީ ހިލަތަކެއް ނޫނެވެ. ހިލައެއް މުގުރައިލި ކަމުގައި ވިޔަސް ޖެހިގެން އޮންނަ ހިލަ އެއްވެސް ރައްދު ޢަމަލެއް ފާޅެއް ނުކުރެއެވެ. ނަމަވެސް އިންސާނުންނަކީ ދިރޭ މުޖުތަމަޢެއްގެ ދިރޭ ޙިއްޞާތަކެކެވެ. އިންސާނަކާމެދު ބާރުގެ ބޭނުން ކުރެވިއްޖެނަމަ އެމީހެއްގެ ގާތްމީހުންގެ ތެރޭގައި ބަދަލުހިފުމުގެ ޖަޒުބާތު އުތުރިގަނެއެވެ. މިގޮތުން މުޖުތަމަޢުގައި ދެކޮޅުވެރިކަން އުފަންވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މައްކާ ފަތަޙަ ކުރެއްވުމަށްފަހު ކުރީގެ އިދިކޮޅު މީހުންނަށް އަފޫޢާއްމެއް ދެއްވައި އިސްވެދެންނެވި ބާވަތުގެ ދެކޮޅުވެރިކަމުގެ ހުރިހާ ޙަރަކާތްތަކެއްގެ ދޮރު ބަންދުކޮށްލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އޭގެތެރެއިން ގިނަމީހުން އިސްލާމްދީން ޤަބޫލުކޮށް އިސްލާމްދީނަށް ބާރުލިބުމުގެ ޒަރީޢާއަކަށް ވިއެވެ. މިސާލެެއްގެގޮތުން ދަންނަވާނަމަ عكرمة بن أبي جهل ފަދަ ބޭކަލުންނެވެ. އިތުރު ސާހިބާ މިދެންނެވި ޙިކްމަތްތެރި ފިޔަވަޅު ނޭޅުއްވިނަމަ މައްކާ ފަތަޙަ ކުރެއްވުމަށްފަހު އަލުން ބިނާކުރައްވައި އާރާސްތު ކުރެއްވުމަށްޓަކައި ހޭދަކުރެއްވި އަގުހުރި ވަގުތު ހޭދަކުރައްވާން ޖެހިވަޑައިގަތީހީ ދެކޮޅުވެރޮކަމާއި ހަމަނުޖެހުން އުފައްދާ މީހުނާ ކުރިމަތިލެއްވުމުގައެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން