ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އަލުން ރިޔާސަތަށް ގެންނެވުމަށް "ފަށްކަނޑަން" ބޭއްވި ޖަލްސާއެއްކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ތައްޔާރުކޮށްފައި ވަނީ މިހާތަނަށް ދުވަހަކުވެސް އެޖެންޑާ ތައްޔާރުކޮށްފައި ނުވާގޮތަކަށެވެ. އަދި މަޖިލީޙުގެ ހަތަރު ދައުރު ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ މެމްބަރުންވެސް ޖަލްސާގެ އެޖެންޑާ އޮތްގޮތުން ސުވާލު އުފެއްދިކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

"އެހެން ދުވަސްދުވަހުގެ ޖަލްސާއާ މިއަދުގެ ޖަލްސާގެ އެޖެންޑާ ތަފާތު. ގިނަ ދުވަސްވީ މެމްބަރުން އެބަ ވިދާޅުވޭ ދުވަހަކުވެސް މިފަދަ އެޖެންޑާއެއް ނުދެކޭކަމަށް. އެޖެންޑާގައި އޮތީ ކުރު ވާހަކައެއް. އޭގެން ނިކުންނާނެ ނަތީޖާއެއް ނެތް." ފިއްޓޭ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މަޖިލީޙުގެ އެންމެ މުހިއްމު މަސައްކަތް ހިނގާ ކޮމިޓީތައް އޮތީ ހުއްޓިފައިކަމަށެވެ. އަދި މިއަދުގެ ޖަލްސާއަށް ކޮމިޓީތަކުގެ މަސައްކަތް އެޖެންޑާކޮށްފައި އޮތީވެސް އެކަމުން ހައްލެއް ލިބޭނެ ގޮތަކަށް ނޫންކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މަޖިލީހުގައި "ޑެޑްލޮކް" އޮތްކަމަށް ޤަބޫލު ނުކުރައްވާކަމަށާއި، ޑެޑްލޮކަށް ދަނީ ނައިބު ރައީސްގެ މައްސަލަ އެޖެންޑާކުރާ ދުވަހު އެކަނިކަމަށެވެ. އެހެންނޫންނަމަ ރިޔާސަތުން ބޭނުންވާ ހުރިހާ ކަމެއް ކުރައްވާކަން ޒިޔާދު ފާހަގަކުރެއްވިއެވެ. އަދި މިއަދުގެ ޖަލްސާ ބޭއްވީ ރިޔާސަތުން ބޭނުންވާ ވަކި ކަމެއް ހާސިލްކުރުމަށްކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

"ރައީސް އާއި ނާއިބު ރައީސް ނޫން އެހެން ފަރާތަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ޖެހިޖެހިގެން 3 ޖަލްސާގައި. މިހާރު އާއްމުކޮށް ރިޔާސަތު ބަލަހައްޓަވާ އަފީފަށް މަޖިލީހުގެ ރިޔާސަތުގައި ނެތް އިނދެވޭކަށް މި ޖަލްސާގައި މަޖިލީހުގެ ރައީސް ނީނދެ. އާއްމު ބަހުރުވައިން ދަންނަވާނަމަ "ފަށްކަނޑަން" ބޭއްވި ޖަލްސާއެއްގެ ގޮތުގައި ސިފަކުރެވެނީ. އަފީފު އިނީ 3 ފަށްވެފައި." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެމްޑީޕީން އުއްމީދުކުރަނީ އެ ޕާޓީން ހުށަހަޅާފައިވާ ގޮތަށް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުންކަމަށެވެ. އަދި އެކަން ކުރަން ބޭނުންވަނީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރައްވަންކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު