ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލެވޭގޮތް ހެދުމަށް ޤާނޫނަށް ގެނައި އިސްލާހު ތަސްދީޤުކޮށްފިއެވެ.

މި އިސްލާހު ގެނެސްފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށެވެ. ޤާނޫނަށް މި އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނަށް ގެނެސްފައިވާ އިސްލާޙްތަކަކީ، އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރު ކުރުމާއި، އެޤާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް، މާއްދާއެއް އިތުރު ކުރުމެވެ. މިގޮތުން މިޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި މި އިސްލާހު މިއަދު ތަސްދީޤުކޮށްފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި ޤާނޫނާއި އެއްގޮތަށް ވޯޓްލުން ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު