އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢެއް ހިންގުމަށް ނިންމައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު މިއަދު ސޮއިކޮށްފައިވަނީ އިންޑިއާ ސަރުކާރުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ 10 މަޝްރޫއެއްގައި ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގުމަށް މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި އާޓް ސެންޓަރެއް ޤާއިމުކުރުމާއި، ޅ. ހިންނަވަރު ކައުންސިލްގެ އައު އިދާރީ އޮފީސް ތަރައްޤީކުރުމާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

އަދި ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ޔުނިޓެއް ޤާއިމުކުރުމާއި، ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ 4 ސްކޫލަކަށް ސްކޫލް ބަސް ފޯރުކޮށްދިނުމާއި، ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްޤީކުރުން ހިމެނެއެވެ.

ހަމައެއާއެކު އައްޑޫ ސިޓީ ހިތަދޫ 2 ސަރަޙައްދަކާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ޤާއިމުކުރުންވެސް މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިންވެސް މިއަދު ވަނީ ހަދިޔާކޮށްފައެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހީންނަށް އިންޑިއާއަށް ބަރޯސާވެވިދާނެކަން އަބަދުވެސް އެ ޤައުމުން ސާބިތުކޮށްދެމުންދާކަމަށެވެ. އަދި މިއަދު އަލަށް މި ސޮއިކުރެވުނު މަޝްރޫޢުތަކާއެކު އަތޮޅުތަކުގެ އިޖްތިމާޢީ ޙާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރަކަށްވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއަރޒް ވީ.މުރަވީދަރަން ވިދާޅުވީ، ރާއްޖެ ތަރައްޤީގެ މަގުގައި ކުރާ ދަތުރުގައި މުހިއްމު ބައިވެރިއަކަށްވެވޭކަމީ އިންޑިއާއިން ފަޚުރުވެރިކަމާއެކު އަބަދުވެސް ފާހަގަކުރާކަމެއްކަމަށެވެ.

މިއަދު ސޮއިކުރި މަޝްރޫޢުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާގެ ގްރާންޓް ހަމަޖައްސަވާދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު