އޯލެވެލްގައި ހުރިހާ ކުދިން ފަސް މާއްދާ ހަދަން މަޖުބޫރުކުރީ މިސަރުކާރުން ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ 2019 ވަނަ އަހަރުގެ ކުރިން ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދުގެ ތަފާސްހިސާބު ހެދުމުގައި ދަސްވާރަކީ ތިން މާއްދާގެ ގޮތުގައި ބަލަމުންދިޔަ ކަމަށާއި ބީޓެކަކީ ހަތަރު މާއްދާގެ ގޮތުގައި ބަލަމުންދިޔަ ކަމަށެވެ.

އެހެންކަމުން އޭރު އޯލެވެލްގައި ފާސްވާ ކުދިންގެ ގޮތުގައި ފެންނަމުންދިޔައީ ސައްޙަ ނަތީޖާ ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "އޮފްރޯލް" އުސޫލުން ފާސްނުވާނެހެން ހީވާ ކުދިން ބާކީ ކުރުމުން ފާސްވާ ނަތީޖާ އޭރު ފެންނަމުން ދިޔައީ ބޮޑުކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން 2019 ވަނަ އަހަރު ފަހުކޮޅު ހުރިހާ ކުދިން ފަސް މާއްދާ ހަދަން މަޖުބޫރު ކުރީ." ޑރ. އައިޝަތު ޢަލީ މިއަދު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އޯލެވަލްގައި ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބުގެ އިތުރުން ސްޓްރީމް މާއްދާއިން އެއް މާއްދާގެ އިމްތިޙާން ހެދުން ދަރިވަރުންނަށް މިހާރު މަޖުބޫރުވާނެ ކަމަށެވެ.

އަދި އެގޮތަށް ހެދުމުން ފާސްވާކަމަށް ފެންނަ ނިސްބަތް ދަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު