ސިޔާސީ ވިސްނުން ތަފާތު ވިޔަސް އެކުގައި އުޅެވޭނެ ގޮތެއް ހޯދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ފ. ނިލަންދުއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ސިޔާސީ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ހަމަޖެހުމާއެކު އެންމެންނަށް އެކުގައި ކުރިއަށް ދެވޭނެ ގޮތްތައް ހޯދޭނެ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު 2018 ގައި ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގައި ހަމަޖެހުމެއް ނެތްކަމަށާއި، އޮތީ ބިރުވެރިކަން ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށްވީ ޤައުމު ޞުލްޙަކޮށް އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހެދުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޚިޔާލު ތަފާތުވުންތަކާއެކު ރައްޔިތުންނަށް ބޭނުންވާ ތަރައްްޤީ ގެނެސްދިނުމުގައި އެންމެން އެކީ މަސައްކަތްކުރުން." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެން ގުޅިގެން އެކީގައި އުޅެވެންޖެހޭނެ ކަމަށާއި ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގައި ހަމަޖެހުން ގާއިމުކުރެވި ގުޅިގެން ކުރިއަށް ދެވޭނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ބާކީނުކޮށް ހުރިހާ ރަށެއްވެސް ތަރައްޤީ ކުރުން ކަމަށެވެ. އޭގެ ނަތީޖާ ރަށްރަށުން ފެންނަމުންދާ ކަމަށާއި، އެކަން ރާއްޖޭގެ ސިޔާސީ ބޭފުޅުންވެސް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރައްވަނީ މިސަރުކާރުން ރާއްޖޭގެ ރަށްތަކަށް ގެންނަމުންދާ ތަރައްގީ ފެނި އެކަމުގައި ފައިދާ ނެންގެވުމަށް ކަމަށެވެ.

"ވެރިކަމާ ދިމަލަށް އެބޭފުޅުން އަމާޒު ހިފާފައި ތިބީ މިގެނައި ބަދަލުގެ ނަފާ ހޯދުމުގެ ބޭނުމުގައި،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އަތޮޅުތެރޭގެ ރައްޔިތުން ތަފާތު ބޭނުންތަކުގައި މާލެއަށް ދާންޖެހޭ މިންވަރު މަދުކޮށް، ރަށްރަށުގައި އަސާސީ ގިނަ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެންދާއިރު އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ އަސާސީ އަދި ޒަރޫރީ ގިނަ ހިދުމަތްތައް ގާއިމުކޮށް ނިމެމުންދާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން