ފ. ނިލަންދޫ ފަޅު ހިއްކައިގެން ފަތުރުވެރިކަމަށް 2 ރަށް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ފ. ނިލަންދުއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ނިލަންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެގޮތުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ނިލަންދޫގެ ފަޅުން ދެ ރަށް ހިއްކައި ޓޫރިޒަމަށް ހުޅުވާލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިރަށުގެ ފަޅުގައި ދެ ރަށް ހިއްކައި ޓޫރިޒަމް ފުޅާކުރާނަން. އޭރުން ޒުވާނުންނަށް އާއިލާއާއެކު ރަށުގައި އުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ނިލަންދޫ ރައްޔިތުން ބޭނުންވާގޮތަށް ބަނދަރު ތަރައްޤީކުރުމަށް ކޮންޓްރެކްޓް ކޮށްފައިވާކަމަށެވެ. އަދި އެ މަޝްރޫޢުއާއެކު ރަށްގިރުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ނިލަންދޫގެ ފެނުގެ ނިޒާމާއި އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމާއި ނިލަންދޫގައި ސަރަޙައްދީ ޕޮލިސް ސްޓޭޝަން ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމުގައި ހަމަޖެހުމެއް ނެތްކަމަށާއި، ސުލްހައެއް ނެތްކަމަށް ވިދާޅުވިއެވެ. ނަމަވެސް ވެރިކަމުގެ ފުރަތަަމަ ދައުރު ނިމިގެން ދާއިރު، މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިން އޮތް ހަމަނުޖެހުންތައް ނައްތާލެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ބިރުވެރިކަމެއްގެ ތެރޭގައި ގައުމު އޮތީ، އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށްވީ މުޅި ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުން، ސްޓެބިލިޓީ ގާއިމް ކުރުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށް އެންމެން އެކީގައި މަސައްކަތް ކުރުން ކަމަށެވެ. ހަމައެއާއެކު އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ގިނަ ކަންކަން ފުރިހަމަކޮށްދެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން