އާއެއްޗެހި އީޖާދުކޮށް ދުނިޔެއަށް ތަޢާރަފްކުރަނީ ގައިމުވެސް ފަސޭހަތަކެއް ހޯދުމުގެ ނިޔަތުގައެވެ. ނުވަތަ އެއިން މާލީ މަންފާއެއް ލިބިގަނެ އެމީހަކަށް ނުވަތަ ގިނަ ބަޔަކަށް ފައިދާކުރާނެ ކަމުގެ އުއްމީދާއިއެކުގައެވެ. އެހެންނަމަވެސް ތިރީގައިވާ ލިސްޓުގައި ހިމެނެނީ އެމީހުންގެ އީޖާދުތަކާއިމެދު ހިތްހަމަނުޖެހި މާޔޫސްވެ ދިރިއުޅުމުގެމަތީން ފޫހިވި 11 މީހެއްގެ ވާހަކައެވެ.

1. އަލްފްރެޑް ނޯބެލް: ޑައިނަމައިޓް

ޑައިނަމައިޓް ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުންކުރުމަށް 1867ގައި ސްވިޑަންގެ ކެމިސްޓު އަދި އިންޖިނައަރު އަލްފްރެޑް ނޯބެލް އުފެއްދި ޑައިނަމައިޓަކީ ގޮއްވުމުގެ ނުވަތަ އެކްސްޕްލޯސިވް އާލާތެކެވެ. މިއާލާތަކީ އޭރު މައިން ކުރުމުގައާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުންކުރި ގޮއްވުމުގެ އާލާތްތަކަށްވުރެ ރައްކާތެރި އެއްޗެއްގެ ގޮތުގައި އުފެއްދި އާލާތެކެވެ. އަދި މިއާލާތް އުފެއްދުމުގެ އެއްސަބަބަކަށްވީ އޭނާގެ ބޭބެ ލުޑްވިގް، އެމީހުންގެ އާއިލީ ވިޔަފާރިއަށް ހިންގަމުންއައި ފެކްޓްރީއެއްގައި ހިނގި ނައިޓްރޯގްލައިސަރިން ގޮއްވުމެއްގައި ނިޔާވެދިޔުމުން، ގޮއްވުމުގެ ރައްކާތެރި އާލާތެއް އުފެއްދުމުގެ ބޭނުން އިހުސާސް ކުރެވުމެވެ. އެހެންނަމަވެސް މިއީ ހަނގުރާމާތަކުގައި މީހުން މެރުމަށް ބޭނުންކުރެވިދާނެ އާލާތެއްކަމުގައި އޭނާއަށް އޭރު ވިސްނިފައިއެއް ނުވެއެވެ. އެހެންކަމުން އޭނާގެ މިއުފެއްދުމުގެ ސަބަބުން ދުނިޔޭގެ ހަމަޖެހުމަށް އަސަރުކުރުވުމާއި އޭނާގެ ވިސްނުމުގައި ހުރި ގޮތާއި ޚިލާފަށް މިއާލާތް ބޭނުންކުރަންފެށިއެވެ. މިކަންވެގެން ދިޔައީ އަލްފްރެޑް ދިރިއުޅުމުގައި މާޔޫސް ކުރުވަންމެދުވެރިވި ސަބަބު ކަމަށް އޭނާދެކެއެވެ.

މިހާރު އޭނާވަނީ ނޮބެލް ޕްރައިޒް އިފްތިތާހުކޮށް ދުނިޔޭގެ ހަމަޖެހުމަށް ސައިންސާއި ޓެކްނޮލޮޖީގެ އީޖާދުތަކަށް ތަރުހީބުދީ ހިއްވަރު ދިނުމުގެ ގޮތުން އިނާމުދިނުމުގެ ހަފްލާ ކޮންމެ އަހަރަކުވެސް އިންތިޒާމް ކުރެވޭނެ ގޮތް ހަދާފައެވެ. އަދި 1896ގައި އޭނާ ދުނިޔެ ދޫކޮށްފައިވާއިރު އޭނާގެ ފައިސާ މިކަމުގައި ހޭދަކުރުމަށް ދޫކޮށްފައިވާކަންވެސް ފާހަގަ ކުރެވެއެވެ.

2. ޖޯން ސިލްވަން: ކޮޕީ ކެޕްސުލް

ކޮޕީ ކެޕްސުލް އިތުރު އެއްވެސް އެއްޗަކާއި ނުލައި ހަމައެކަނި މެޝެނަށް އެލައްވާލުމުން ކޮފީ ތައްޔާރުވެގެން އަންނަ ކެޕްސޫލްތަކަކީ ކޮފީ ބުއިމަށް ލޯބިކުރާ ގިނަބަޔަކަށް ލުއިފަސޭހަތަކެއް ލިބިގެން ދިއަކަމެކެވެ. ނަމަވެސް މިއީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ކުނި ގިނަވުމަށް މަގުފަހި ކުރުވި ކަމަކަށްވަނީ ބަދަލުވެފައެވެ. އެހެންކަމުން މިއުފެއްދުން އީޖާދު ކުރެވުނީތީ އޭނާ މާޔޫސްވާކަމަށް އޭނާ ބުނެއެވެ. " މިއީ ސިނގިރޭޓުފަދައިން ކޮފީއަށް މީހުން އެޑިކްޓު ކުރުވުމަށް މަގުފަހިކުރެވުނު އެއްޗެއް. ބައެއްފަހަރު އީޖާދު ކުރެވުނީތީވެސް ދެރަވޭ" އޭނާ ބުނެފައިވެއެވެ.

3. އީތަން ޒަކަރމަން: ޕޮޕްއަޕް އެޑްސް

ޕޮޕްއަޕް އެޑްސް އިންޓަރނެޓް ބްރައުޒް ކުރަމުންދާއިރު ޕޮޕްއަޕްއެއް އައުމަށްވުރެ އުނދަގޫވާކަމެއް ނުވާނެ ކަމަށް ގިނަބަޔަކު ޤަބޫލުކުރާނެއެވެ. އީތަން ޒަކަރމަންއަކީ ޕޮޕްއަޕް ޖެނެރޭޓްކުރުމުގެ ކޯޑު އުފެއްދުމުގެ ކުޅަދާނަ މޭސްތިރިޔާއެވެ. އޭނާއަކީ އެއުފެއްދުމާއެކު އެންމެން އެންމެ ރުޅިއަރާ އިންޓަރނެޓް ޓޫލް އުފެއްދިމީހާކަމުގައި ލޭބަލްވިއެވެ. އޭނާގެ އަމިއްލަ މިއުފެއްދުން އޭނާ ސިފަކުރަނީ މިއީ އިޝްތިހާރުކުރާ މީހުންގެ ޓޫލްކިޓުގައި ހިމެނޭ، އެންމެ މީހުން ރުޅިއަންނަ ޓޫލްކިޓުކަމުގައެވެ. އިންޓަރނެޓް ރައްކާތެރިކަމާއިއެކު ބޭނުންކުރުމާއިމެދު އާއްމުން ހޭލުންތެރިކުރުމުގައި އަވަދިނެތި މިހާރު އޭނާދަނީ މަސައްކަތްކުރަމުންނެވެ. އަދި 2015 ގައި ދަ އެޓްލަންޓިކްއަށް އޭނާ ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައިވަނީ މިހާރު މިއެޑްތައް ނާންނަގޮތަށް ބިޒްނަސް މޮޑެލްއެއް ތައްޔާރުކުރުމުގެ ދުވަސް ފާއިތުވެއްޖެ ކަމަށެވެ.

4. ޓިމް ބާނާސް ލީ: ވޯލްޑް ވައިޑް ވެބް

ވޯލްޑް ވައިޑް ވެބް 1989 ވަނަ އަހަރުގައި އޮކްސްފޯޑްގައި ކޮމްޕިއުޓަރ ސައިސްގެ ޢަލްމު ހާސިލްކުރި ސައިންޓިސްޓުކަމުގައިވާ ޓިމް ބާނާސް ލީ އިންޓަރނެޓް އުފެއްދީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބޭ ސައިންޓިސްޓުން މަޢުލޫމާތު ބަދަލުކުރާނެ މަންސައެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު އިންޓަރނެޓް ކުރިއަރައިގެން މިއައިގޮތަށް ވެދާނެކަމަށް އޭނާ ތަސައްވަރެއް ނުކުރެއެވެ. އަދި މިއީ ދޭދޭ މީހުންގެ މަސްކެއުމައި، ހަނގާކުރުމާއި، ނުބައި މަޢުލޫމާތު ފެތުރުމަށާއި ޖާސޫސްކުރުމާއި ސަރުކާރުތަކާއި ވިޔަފާރިތަކުން ނަހަމަގޮތުގައި ބޭނުންހިފުމަށް ގެންގުޅެވޭނެ އާލާތެއްގެގޮތުގައި ވެގެންދާނެ ކަމަށް އޭނާއަށް އޭރު ވިސްނިފައިނެތެވެ. 2017 ގައި ވެނިޓީ ފެއާއާގައި އޭނާއާއި ކުރެވުނު އިންޓަރވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާ އިންޓަރނެޓް އުފެއްދުނީތީ އެކަމާއި ހިތާމަކުރާކަމަށެވެ. އަދި މިއީ އިންސާނިއްޔަތަށް ފައިދާކުރާނެ ކަމުގެ ވަރަށް ފޮނި އުއްމީދާއެކު އުފެއްދި މަންސައެއް ނަމަވެސް މިހާރު އިންޓަނެޓުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ މީހުންގިނަވެ، ފަސާދަކުރާ މީހުންގިނަކަމާހުރެ، އެކަމާ ދެރަވެ ހިތާމަކުރާކަމަށް އެނާބުނެއެވެ. އޭނާ ބުނެފައިވެއެވެ. "މިއަދު މިވަނީ ފެއިލްވެފައެވެ."

5. މިކައިލް ކަލަޝްނިކޯވް: އޭކޭ-47

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސޯވިޔެޓް ޔުނިއަންއިން އައު އޮޓޮމެޓިކް ދުރަށް ޝޫޓްކުރެވޭ ބަޑިއެއް ނުވަތަ ރައިފަލްއެއް ހޯދުމަށް ބޭނުންވިއެވެ. އޭރު މިކައިލްއަކީވެސް ހަނގުރާމައިގެ ހަތިޔާރުތައް އުފެއްދުމުގައި ނަމެއް ހޯދާފައިވާ އެމަސައްކަތުގައި މަޝްހޫރުމީހެކެވެ. އެދުވަސްވަރު އޭނާ އުފެއްދި އޭކޭ- 47 ރައިފަލްވެގެން ދިޔައީ އިންގިލާބީ އުފެއްދުމަކަށެވެ. އަދި މިއީ އެންމެ ގިނައިން ބޭނުންކުރެވޭ ވައްތަރުގެ ރައިފަލްއަށްވަނީ ބަދަލުވެގެން ގޮސްފައެވެ. އެހެންނަމަވެސް މިހަތިޔާރުގެ އެހީގައި މަރުވާ މީހުންގެ އަދަދު އެތައް ގުނަޔަށް އިތުރުވެދިޔުމުން އޭނާވަނީ މިކަމާއިމެދު މާޔޫސްވެފައެވެ. 2002 ވަނަ އަހަރު ދަ ގާޑިއަންއިން ކުރި އިންޓަރވިއުއެއްގައި އޭނާ ބުނެފައިވަނީ މިފަދަ އާލާތެއް އުފެއްދުމުގެ ބަދަލުގައި ބަގީޗާ ހައްދާ އާލާތެއް އުފެއްދުނު ނަމަވެސް މާރަނގަޅުވީސްކަމަށެވެ. އަދިވެސް އޭނާ ބުނެފައިވެއެވެ ." އަހަރެން އަދިވެސް ހިތަށް އަރަނީ އަހަރެން އުފެއްދި ރައިފަލްގެ ސަބަބުން އެހައި ގިނަ މީހުންގެ ފުރާނަ ގޮސްފައިވާއިރު އެރައިފަލް އީޖާދަކުރިމީހާގެ ހައިސިއްޔަތުން އެހުރިހާ މަރަށް ޒިންމާނަގަންޖެހޭނީ އަހަރެން ނޫންހެއްޔެވެ؟"

6. ރޮބާރޓް ޕްރޮޕްސް: އޮފީސް ކިއުބިކަލްސް

1964 ވަނަ އަހަރުގައި ފަރުނީޗަރު އުފައްދާ ހާމަން މިލާއިންވަނީ ރޮބާރޓް ޕްރޮޕްސްގެ އޮފީސްތަކުގެ ސެޓަޕްއަށް އިންގިލާބީ ބަދަލެއް ގެނުވާނެ އޮފީސް ސެޓްއަޕްއެއް ފަރުމާކޮށްފައެވެ. ޕާޓިޝަންލާފައި ޑެސްކުތައް ވަކި ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ކިއުބިކްލްތައް ތައްޔާރުކުރުމަށް ބޭނުންވީ މަސައްކަތްކުރާ މީހުންނަށް ޕްރައިވެސީއާއެކު ހަމަޖެހިގެން މަސައްކަތް ކުރެވޭނެގޮތަކަށް އޮފީސްތައް ސެޓްއަޕް ކުރުމަށެވެ. އެހެންނަމަވެސް އޭނާގެ އެއުފެއްދުމުގައި ހިމަނާފައިވާ އެޖަސްޓުކުރެވޭ ގޮތަށް އަދި އެކިވަރުވަރަށް ހުންނާނެހެން އަދި ހުޅުވިފައި ހުންނާނެހެން ނުވަތަ އެހައި ބޮޑަށް ބަންދުނުވާނެހެން ހުރި ޑިޒަންގެ ބަދަލުގައި ކުންފުނިތަކުން ބޭނުންކުރަންފެށީ ހަމައެކަނި އެއްވަރެއްގައި ކިއުބިކަލް ދިގުމިން ހުންނަ ޑިޒައިންތަކެވެ. މިހެންވުމުން މުޅި އޮފީސް ބަންދުވެ ވަރަށް ފުނިޖެހިގެންތިބެ މަސައްކަތްކުރަންޖެހޭ ތަނަކަށް އޭނާގެ ޑިޒައިންގެ އުފެއްދުން ބަދަލުވެގެން ދިޔައެވެ. އޭނާގެ އޮފީސް ސެޓަޕަކީ ދުނިޔެމަތީގައި ހުރި ނަރަކައެއް ކަހަލަ ތަނެއްކަމަށް އޭނާ ފަހުން ބުނެފައިވެއެވެ. އަދި ކިއުބިކަލްގެ ސަބަބުން ކުރިން އެކުގައި މަސައްކަތް ކުރުމުގެ މާހައުލު މުޅިން ގެއްލިގެން ގޮސްފައިވާކަމަށެވެ.

7. ޖޭ. ރޮބަރޓް އޮޕެންހެއިމާ އަދި އަލްބަޓް އައިންސްޓައިން : އެޓޮމިކް ބޮމް

އޮޕެން ހެއިމާއަކީ 'ފާދަރ އޮފް އެޓޮމިކް ބޮމް'ގެ ނަމުން މަޝްހޫރުވެފައިވާ މިމަސައްކަތުގެ މައި މޭސްތިރިއާއެވެ. މިއީ މެންހެޓަން ކިޔުނު އެމެރިކާގެ ސީކްރެޓް ސާވިސްގެ ދަށުން ފަންޑުކޮށްގެން އުފެއްދުނު ފުރަތަމަ އެޓޮމިކް ބޮމެވެ. މި މަސައްކަތުގައި އޭނާއާއިއެކު މަޝްހޫރު ފިޒިސިސްޓް އަލްބަޓް އައިންސްޓައިންވެސް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ދެމީހުންނަށްވެސް މިއީ މާޔޫސްވެ ދެރަވާކަމެއް ކަމުގައި ފަހުން ވެގެން ދިޔައެވެ. އޮޕެންހެއިމާގެ އީޖާދާއިހެދި އޭނާއަކީ ދުނިޔެ ހަލާކު ކުރަމުންދާ މީހެއްކަމުގައި ސިފަކޮށް އޭނާވަނީ އެމަސައްކަތް ކުރެވުނީތީ ހިތާމަކުރާކަމަށް ބުނެފައެވެ. އަދި އެޓޮމްބޮމް އުފެއްދުމަށްފަހު އަލްބާޓް އައިންސްޓައިންއާއި އޮޕެންހެއިމާވަނީ އެއިން ލިބޭ ގެއްލުމުގެ ވާހަކަތައް ކިޔައިދީ އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކޮށްފައެވެ.

8. ވިކްޓަރ ގްރެއިން: ޝޮޕިންގ މޯލް

އޮސްޓްރޭލިއާއަށް ނިސްބައްވާ ވިިކްޓަރ ގުރެއިން އަކީ އާކިޓެކްޗަރ ދާއިރާގައި ފުންނާބު އުސް މީހެކެވެ. 1956 ގައި އޭނާ ފަރުމާކުރި ދުނިޔޭގެ އެންމެ ފުރަތަމަ ޝޮޕިންގ މޯލް ހެދުމުގެ އުއްމީދަކީ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަކަށް ވިޔަފާރިކުރުމުގެ ސަރަހައްދެއް ހޯދައިދިނުމެވެ. އެހެންނަމަވެސް، ގުރުއެން ފަހުންވަނީ އެތަނުގެ ބޭނުން ހިފުމުގައި ޕާކިންއަށް މާބޮޑަށް ސަމާލުކަން ދޭތީ އޭނާ ޑިޒައިންކުރި ކުރެހުމުގެ ރީތިކަން ގެއްލޭތީ ހިތްހަމަނުޖެހިފައެވެ. އޭނާ މަރުވުމުގެ ދެ އަހަރު ކުރިން އޭނާ ބުނެފައިވަނީ އެ ސްޓްރަކްޗަރ ޑިޒައިންގެ އެއްވެސް ރިކޮގްނިޝަންއެއް ބޭނުން ނުވާކަމަށެވެ. އަދި އެ މޯލްތަކުން ސިޓީތައް މުޅިން ހަލާކުކޮށްފިކަމަށެވެ.

9. އެނާ ޖާވިސް: މަދަސް ޑޭ

އޭނާގެ މަންމަ ނިޔާވިތާ 3 އަހަރު ފަހުން 1908 ގެ މޭ 10 ވަނަ ދުވަހު ސައިންޓް އެންޑްރިއު މެތޮޑިސްޓް އެސްކޮޕަލް ޗާޗުގައި މަދަރސް ޑޭ ފާހަގަކޮށް އެދުވަސް ވަކި ދުވަހެއްގެ ގޮތުގައި ކަނޑައަޅާއި ފާހަގަކުރަންފެށިއެވެ. އަދި މިދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އޭނާ މަސައްކަތްކުރިއެވެ. މަދަރސް ޑޭ ވަކި ދުވަހެއްގެ ގޮތުގައި ކަނޑައަޅައި އެދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ޖާވީސް މަސައްކަތްކުރީ އޭނާގެ މަންމަ ނިޔާވުމުގެ ކުރިން އެދުނު އެދުން ފުރިހަމަކުރުމުގެ ގޮތުންނެވެ. އޭނާގެ ނިޔާވުމާއި ގުޅިގެން އެލިބުނު ހިތާމާއިގައި އޭނާގެ މަންމަގެ އެދުމުގެމަތީން މަދަރސްޑޭ ފާހަގަކުރަން ދުވަހެއް ކަނޑައެޅުމަށް ނިންމުމެވެ. އަދި އެދުވަސް ރަސްމީކޮށް ބަންދުދުވަހެއް ކަމުގައި ކަނޑައެޅުނީ 1914ގައި އެމެރިކާގެ ރައީސް ޕްރެސިޑެންޓް ވުޑްރޯގެ ރައީސްކަމުގައެވެ.



އެހެންނަމަވެސް މިހާރު އެދުވަހަކީ ވިޔަފާރިވެރިން ފައިދާ ހޯދުމަށް ބޭނުންކުރާ ދުވަހަކަށް ބަދަލުވެގެން ދިއުމުން އޭނާ އެދުވަސް ފާހަގަކުރަން ބޭނުންވި ސަބަބު އެއްކޮށް ހަނދާންނައްތާލައިފިކަމުގައި އޭނާވަނީ ބުނެފައެވެ.

10. ޖެނާ ކާވުނިޑިސް :ޖެންޑަރ ރިވީލް ޕާޓީ

ޖެނާ އޭނާގެ އަލަތު ދަރިފުޅުގެ ޖިންސަކީ ކޮބައިކަން އާއިލާގެ މީހުންނަށް އެންގުމަށް 2008 ވަނަ އަހަރުގައި އާއިލާގެ އެންމެން ގެނެސްގެން ޕިންކު އައިސިންގ ހުރި ކޭކެއްފަޅައި ސޯޝަލް މީޑީއާގައި ހިއްސާކުރިއެވެ. ދެން މިކަން ޓްރެންޑަކަށް ބަދަލުވެގެންގޮސް ބޮޑެތި އިވެންޓުތައް ބާއްވަން ފެށިއެވެ. އަދި މިއިވެންޓުތަކުގެ ސަބަބުން ވަރަށް ގިނަ ގެއްލުންތައް ވާންފެށިއެވެ. 2018 ވަނަ އަހަރުގައި އެމަޒޯންގެ 47000 އޭކަރުގެ ސަރަހައްދެއްގައި ރޯވުމަށް މެދުވެރިވީ މިގޮތަށް ބޭއްވުނު ޕާޓީއެއްގައި ގޮވާތަކެތި ބޭނުންކުރުމުންނެވެ. އަދި ހަމަ މިގޮތަށް ބޭއްވުނު އެހެން ޕާޓީއެއްގެ ތެރޭގައި ބޭނުންކުރި ގޮވާތަކެތީގެ ސަބަބުން ލިބެން އުޅުނު ކުއްޖާގެ މާމަ ނިޔާވެގެން ގޮސްފައިވެއެވެ. ޖެނާ ބުނާގޮތުގައި މިލިބުނު ގެއްލުންތަކުގެ ވާހަކަތައް އަޑު އިވުމުން އެއީ އޭނާ ފެށި ޕާޓީ ޓްރެންޑެއްގެ ސަބަބުން ވީކަމެއްކަމުން އެކަންކަމާ އަމިއްލައަށް ޒިންމާވާންޖެހޭ އިހުސާސްކުރެވޭކަމަށެވެ.

11. ސޭމް އަލްޓްމަން ޗެޓް ޖީބީޓީ

ޗެޓް ޖީބީޓީއަކީ މިދިއަ އަހަރު ލޯންޗުކުރެވުނު އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމެކެވެ. އަދި މިއީ ލިޔުންތަކާއި އީމެއިލް އަދި ހިސާބުތައް ވަރަށް އަވަހަށް ހަދައިދޭ މީހެއް ވާހަކަ ދައްކާފަދައިން އިންޓަރެކްޓު ކުރެވޭ ޕްލެޓްފޯމެކެވެ. އެހެންނަމަވެސް ޗެޓް ޖީބީޓީ އުފެއްދި ސޭމް އަލްޓްމަން އޭބީސީއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ޗެޓް ޖީބީޓީ ފަދަ އޭއައި ޕްލެޓްފޯމްތަކާއިމެދު ވަރަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. އަދި އޭނާ އުފެއްދި މިއޭއައި ޕްލެޓްފޯމްގެ ނަތީޖާއާއިމެދު އޭނާވެސް ކުޑަކޮށް ބިރުގަންނަ ކަމަށެވެ.

ގިނަ ރިޕޯޓުތަކުން ދައްކާގޮތުން ޗެޓް ޖީބީޓީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ގިނަ ވަޒީފާތަކެއް ގެއްލި އާއްމުންގެ ޕްރައިވެސީ ގެއްލިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން