ސިނގިރޭޓް ބުއިމުން އަމިއްލަ ނަފްސަށް ގެއްލުންލިބޭ
ސިނގިރޭޓް ބުއިމުން އަމިއްލަ ނަފްސަށް ގެއްލުންލިބޭ
بسم الله ، الحمد لله و الصلاة و السلام على من لا نبي بعده ، و بعد....

ހަމަކަށަވަރުން، މި ދީނުގައި ޙަރާމާއި ޙަލާލުވަނީ ކަނޑައެޅި ބަޔާންވެގެންނެވެ. ނަމަވެސް، އެދެމެދު ޝުބުހަ ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެއީ ޙަރާމް ކަމެއްތޯ ނުވަތަ ޙަލާލުކަމެއްތޯ ކަނޑައަޅަން އުދަނގޫ ކަންތައްތަކެވެ. ޞަރީޙަ ދަލީލެއް ފެންނަން ނުހުންނަ ކަންތައްތަކެވެ. އެކަހަލަ މައްސަލަތަކަށް ވާހަކަދައްކާ އުޅޭނީ އިޖްތިހާދީ ފެންވަރުގެ ދަންނަބޭކަލުންނެވެ.

ނަމަވެސް، މި ލިޔުމުގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ ބައެއް ޙަރާމް ކަންތައްތަކަށެވެ. އެކަންތައްތަކަކީ އިރު ފެންނަ ފަދައިން ސާފު ކަންތައްތަކެއްވެސް މެއެވެ. އެހެނީ، ޤުރުއާނާއި ޞައްޙަ ޙަދީޡްތަކުން ގިނަ ދަލީލުތަކެއް ވާރިދުވެފައިވާ ކަންތައްތަކަކަށް ވުމުންނެވެ. ބޭނުމަކީ އެންމެ ކަމަކަށް ވާޞިލްވުމެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ބޮޑު ވަބާއަކަށްވެފައިވާ މިވާ ސިގިރޭޓްގެ ނުބައިކަމާއި ޙަރާމްކަން ހާމަކޮށްދިނުމެވެ. އެކަމުން ދުރުވުމަށް ލޮބުވެތި އަޙުންނާއި އުޚުތުންނަށް ގޮވާލުމަށެވެ.

އާދެ، ސިނގިރޭޓްގައި ހިމެނޭ ޙަރާމް ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ފާހަގަކޮށްލާނަމެވެ.

1- އަމިއްލަ ނަފްސަށް ގެއްލުންދިނުން ނުވަތަ އަނިޔާވެރިވުން؛

މިއީ އެއްވެސް ވަހުމެއްނެތި އެންމެންނަށްވެސް އެނގޭކަމެކެވެ. ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެހެނީ މާތް ﷲ ކީރިތި ޤުރުއާނުގައި (ބަޤަރާ ސޫރަތުގެ 195) ވާޙީކުރައްވާފައިވެއެވެ. " و لا تلقوا بأيديكم الى التهلكة " މާނައީ: ( ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ). ދެން މާތް ނަބިއްޔާ صلى الله عليه و سلم މިކަމަށް ޢިޝާރާތްކުރައްވާ ޙަދީޡްކުރައްވާފައިވެއެވެ. " لا ضرر و لا ضرار " މާނައި: ( ގެއްލުން ދިނުމެއްވެސް ނެތެވެ. އަދި ގެއްލުން ލިބިގަތުމެއްވެސް ނެތެވެ).  މިކަމާ ބެހޭ ދަލީލުތައް ވަރަށްވެސް ގިނައެވެ. ޤުރުއަނާއި ސުންނަތުންނެވެ. ނަމަވެސް އިސްވެ ބަޔާންވެދިޔަ ދެ ދަލީލު މިތަނުގައި ފުދެއެވެ.

މިއަދު ސައިންޓިފިކަލީ ގޮތުން ސިނގިރެޓްއާއި ބެހޭގޮތުން ވަރަށް ގިނަ ހޯދުންތަކެއް ހޯދިފައިވެއެވެ. އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ. ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ވާރުތަކޮށްދޭ ކަމެކެވެ. އެހެންކަމުން އޭގެ ނުރައްކަލުގެ ވާހަކައަކީ އަބަދުމެ ދެކެވޭ ވާހަކަތަކެކެވެ. ނަމަވެސް، އެހުރިހާ ވާހަކަތަކަކީ މިތާ ޒިކުރުކުރެވޭ ވަރަށް ވުރެ މާ ދިގު އަދި ގިނަ ވާހަކަތަކެކެވެ. އެގޮތުން ކުރުކޮށްލީއެވެ.

2 - ތިމަންނަގެ މުސްލިމް އަޙާއަށް ގެއްލުން ދިނުން ނުވަތަ އަނިޔާވެރިވުން:

މިއީވެސް ވަރަށް ސާފު މަޢުޞޫއެކެވެ. ގިނަބަޔަކަށް އެކަމުގެ ނުބައިކަމާއި ޙަރާމްކަން އެނގޭކަމެކެވެ. ނަމަވެސް ހަނދާން އާކޮށްދިނުމުގެ ގޮތުން، ދެ ދަލީލުވަރު ގެނެސްދޭނަމެވެ. މާތްﷲ ޤުދުސީ ޙަދީޡްފުޅެއްގަ ވަޙީކުރައްވާފައިވެއެވެ. " اني حرمت الظلم على نفسي وجعلته بينكم محرمة فلا تظالموا " މާނައީ: ( ހަމަކަށަވަރުން ތިމަންﷲ ވަނީ، ތިމަން ﷲ ގެ އަމިއްލަ ނަފްސުގެ މައްޗަށް އަނިޔާވެރިކަން ޙަރާމްކުރައްވާފައެވެ. އެދި އެކަން އެއީ ތިޔަބައިމީހުންގެ މެދުގައިވެސް ޙަރާމްކަމެއްގެ ގޮތުގައި ލެއްވީމެވެ. އެހެންކަމުން، އެކަކު އަނެކަކަށް ތިޔަބައިމީހުން އަނިޔާވެރި ނުވާށެވެ).  ދެން ބުޚާރީގައި ވާރިދުވެގެން އަންނަ މާތް ނަބިއްޔާ صلى الله عليه و سلم- ގެ ޙަދީޡެއްވަނީ މިފަދައިންނެވެ. " المسلم من سلم المسلمين من لسانه و يده " މާނައީ: ( މުސްލިމަކީ ތިމަންނާގެ އަތުންނާއި ދުލުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މިހާއެވެ). ދަލީލުތައް ވަރަށްވެސް ގިނަގުނައެވެ. ނަމަވެސް މިވަރުން ފުއްދާލާނަމެވެ.

ދެން ސިނގިރޭޓަށް ބައްލަވާށެވެ. ޞިއްޙީ ދިރާސާތަކުން ދައްކާގޮތުން ސިގިރޭޓް ނުބޯ މީހުންނަށް (ނުވަތަ ޕެސިވް ސްމޯކަރސް އަށް) ނަމަވެސް ބޯމީހާގެ ދުމުގެ އަސަރުކުރާ މީހުންނަށް މިކަމުގެ ނުރައްކާތެރިކަން ބޯމީހާއަށްވުރެން ބޮޑުކަމަށްވަނީ ހާމަވެ ކަށަވަރުވެފައެވެ. އެހެންކަމުން، މިއީ ތިމާގެ މުސްލިމް އަޙާއަށް ވެވޭ ކިހާ ބޮޑު އަނިޔާއެއްތޯއެވެ؟. މިއީ ވަރަށްވެސް ބޮޑު ނުބައި ފާފައެއްކަން ކަށަވަރެވެ. އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ވަރުގެ ކަމެއްނޫނެވެ.

3- އިސްރާފުކުރުން:

މިއީވެސް އިރުފެންނަ ފަދައިން ސާފު މައްސަލައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " و لا تسرفوا ان الله لا يحب المسرفين " الأعراف : 31  މާނައީ: ( އަދި ތިޔަބައިމީހުން އިސްރާފުނުކުރާށެވެ. ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ މާތް ﷲ ލޯބި ނުކުރައްވައެވެ).

ދެން ސިނގިރޭޓްގެެ އިސްރާފަކީ، އެބޭނުންކުރާ މީހުންވެސް އެއަށް އިޢްތިރާފުވާ ކަމެކެވެ. ދުވާލެއްގެ މައްޗަށް އެތަކެއް ސިނގިރޭޓެއް މިބައިމީހުންގެ އަތުން އަނދާ ހުލިވެގެންދެއެވެ. އެއީ ދުވާލެއްގެ މައްޗަށް ބޭކާރުވެގެންދާ ކިހާ ފައިސާއެއްތޯއެވެ؟. ދެން އޭގެ ހިސާބު މަހަކަށް ކޮށްލައްވާށެވެ. ދެން އަހަރަކަށް ކޮށްލައްވާށެވެ. ކިހާވަރެއް ހިސާބުން ދައްކާތޯއެވެ؟. އޭގެ ބަދަލުގައި އެފައިސާއިން ކިހާ ގިނަ ރަގަޅުކަންތަކެއް ކުރެވުނީތޯއެވެ؟. މިއަށް އިސްރާފުނޫން ކިޔާނެ އެހެން ނަމެއް ނެތެވެ.

4- ޚަބާއިޡުތައް ( ރަނގަޅު ނޫން ތަކެތި) ކެއުން؛

ހަމަކަށަވަރުން ރަނގަޅު ތަކެތި ކެއުމަށް މާތްﷲ ވަނީ އެއިލާހުގެ ނަބީންނަށް އަމުރުކުރައްވާފައެވެ. އަދި ހުރިހާ ނުރަނގަޅު ކެއުމާއި ބުއިންތަކުން ދުރުވުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ. ޙަރާމް ކުރައްވާފައެވެ. މާތް ﷲ (އަލް އަޢްރާފު ސޫރަތުގެ 157 އާޔަތުގައި) ވަޙީކުރައްވާފައިވެއެވެ. " ويحل لهم الطيبات ويحرم عليهم الخبائث " މާނައީ: ( އެބައިމީހުންނަށް ހުރިހާ ރަނގަޅު އެއްޗެހި ޙަލާލުކުރެވުނެވެ. އަދި ހުރިހާ ޚަބާއިޡުތަކެއް ޙަރާމްކުރެވުނެވެ).

ދެން ސިނގިރޭޓް، އެއީ ރަގަނޅު އެއްޗެކޭ ބުނާނެ މީހަކު ހުންނާނެއޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ހުރިނަމަ، ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. ތިބާގެ ކުޑަ ދަރިފުޅަކު ސިނގިރޭޓް ބޯތަން ފެނުނީމަ، އެކަން މަނާ ނުކުރާނަންތޯއެވެ؟. އެހެނީ، ރަގަނޅު އެއްޗެއްނަމަ، މަނާކުރުމުގެ އެއްވެސް މާނައެއްނެތެވެ.

އިސްވެ ބަޔާންވެގެން އެ ދިޔައީ ކަނޑައެޅިގެން ކުރުން ޙަރާމް ކަންތައްތަކެއް ކަމާމެދު ދެބަސްވާނެ މުސްލިމެއް ނުހުންނާނެވެ. އެންމެންވެސް އިއްތިފާޤުވާ މައްސަލަތަކެކެވެ. ޢިލްމުވެރީން އެކަންތައްތަކުގެ ޙަރާމް ކަމާމެދު އިޖްމާޢުވެފައިވާ ކަންތައްތަކެކެވެ. މި ހުރިހާ ކަންތައްތަކެއް އެއްކަމެއް ކުރުމުން ޙާޞިލްވާނަމަ، ނުވަތަ އެއްކަމެއްގައި ފުނިޖެހުމުން، އެކަމުގެ ޙަރާމް ކަން ކިހާ ބޮޑުވާނެތޯއެވެ؟.

اللهم جنبنا من هذه المصيبة العظيمة و صلى اللهم و سلم على نبينا محمد و الحمد لله رب العالمين ، آمين...

**********

މިލިޔުމަކީ އައްޝައިޚް ޝަފީޢު އަބްދު ﷲ 2010 ވަނަ އަހަރު އިސްލާމް.ކޮމް ލިޔެ ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން