ކުރީގެ ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ ފަރާތްތަކުން އުފެއްދެވުމަށް މަސައްކަތް ކުރަށްވާ ޕާޓީން ދަނީ އެހެން ޕާޓީތަކުގެ ކަންތައްތައް ނަކަލުކުރަމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު، މިހާރު އުފެއްދުމަށް މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ "މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް" ގެ ކުލައާއި، ނަން ނަކަލު ކޮށްފައިވާކަމަށް އެޕާޓީގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް "ދަ ޑިމޮކްރެޓްސް"ގެ އިސް ބޭފުޅުން މިހާތަނަށް އެކަމުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ.

މިމައްސަލާގައި ރީކޯ މޫސަ ވިދާޅުވީ، ރައީސް ނަޝީދުގެ ޕާޓީ އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން މިދިޔަ 17 އަހަރު އެމްޑީޕީގައިތިބެ އެޕާޓީއަށް ލިބުނުހާ އެއްޗެއް އަތަށް ނަގާފައިވާ ކަމަށެވެ. އަދި އެމީހުން ޕާޓީން ނިކުމެގެން ދިޔައީ ޕާޓީގައި ތިބި މެންބަރުންކޮޅުވެސް ގޮވައިގެންކަމަށް ރީކޯ މޫސަ ތުހުމަތުކުރެއްވިއެވެ.

މޫސަ ވިދާޅުވީ، އެވަރުންވެސް އެބޭފުޅުންނަށް ނުފުދުނު ކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ، އެހެން ޕާޓީއެއްގެ ލޯގޯ އާއި ކުލަވެސް ނަކަލު ކުރުމަށްކަމަށް މޫސަ ވިދާޅުވިއެވެ.

"މެމްބަރުންކޮޅު ގޮވައގެންދަމުން ދެންއޮތް ޕާޓީގެ ކުލަ، މަގުމަތިން ދެންދިމާވި ޕާޓީގެ ދިދަ؟ މީ ހާދަ މޮޅަށް ޕާޓީ އުފައްދާގޮތެކޭ." މޫސަ ވިދާޅުވިއެވެ.



ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ހުއްދަދީފައެވެ. އެޕާޓީގެ ލޯގޯ އާއި ކުލަ މިހާތަނަށް ރަސްމީކޮށް ފާސްކޮށްފައިނުވި ނަމަވެސް އެޕާޓީ އުފެއްދުމުގެ ޙަރަކާތްތަކުގައި ބޭނުންކުރަމުންދަނީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ޕާޓީގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކުރާ "ސްކައި ބްލޫ" އާ ދާދި އެއްގޮތް ކުލައެކެވެ.

އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ މެމްބަރުން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން ގެންދެވީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު