ޗާގޮސް މައްސަލާގައި ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައިވާ ގަރާރަަށް މިއަދު ގޮތެއް ނިންމާނެކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ކަނޑުގެ ޤާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ‎ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޮސްގެ އިންކަނޑައެޅުމުގެ މައްސަލާގައި ޓްރައިބިއުނަލުން ނިންމާފައިވަނީ ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބެލުމަށެވެ. އަދި އެއީ ރާއްޖެއަށްލިބުނު ކާމިޔާބެއްކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

އެކަމުގައި ޖޭޕީގެ ސްޓޭންޑް ކަނޑައެޅުމަށް މިއަދު މެންދުރުފަހު 2:00 ގައި އޮންނަ ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް މިހާރުވަނީ ޤަރާރެއް ތާވަލު ކޮށްފައެވެ. މިބައްދަލުވުން އޮންނާނީ ޖޭޕީގެ މައިޖަގަހަ މ. ކުނޫޒުގައެވެ.

ޖުމްހޫރީ ޕާޓީން ބުނީ، މި ބައްދަލުވުން ވީޓީވީން ލައިވް ކުރާނެ ކަމަށެވެ.

"އެޖެންޑާގައި އޮތް އެންމެ މުހިންމު ކަމަކީ ޗާގޮސް މައްސަލާގައި ހުށަހަޅާފައިވާ ގަރާރަށް ބަހުސްކޮށް ގޮތެއް ނިންމުން،" ޖޭޕީން ބުނެފައިވެއެވެ.

ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިޞާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމާފައިވަނީ ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބެލުމަށެވެ. އެއާއެކު ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.

ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެ އެވެ.



ކިޔުންތެރިންގެ ހިޔާލު