ޞާދިރު ޢަލީދީދީ   22 މޭ 2023 - 11:49
ކީރިތި ރަސޫލާގެ ސުންނަތް ހަމައެކަނި ގުޅެނީ ދަތްއުނގުމާއި ފެންވެރުންފަދަ ކަންކަމަގައެއް ކާނޫނެވެ. އެއީ ޤައުމު ބިނާކުރުމާއި މުޖުތަމަޢު އިޞްލާޙު ކުރުމަށް އަޅުގަނޑުމެން އިންސާނުން ދިރިއުޅުން ހެޔޮގޮތުގައި ބައްޓަންކުރުމަށް އުޅެންވާ އެންމެ މާތް، އެންމެ ހެޔޮ،އެންމެ ޙިކްމަތްތެރި ގޮތެވެ.

ޢަރަބިބަހުގައި ސުންނަތުގެ މާނައަކީ ގޮތެވެ. އިސްލާމީ ތަޢުބީރަކުން ދަންނަވާނަމަ ސުންނަތުގެ މާނައަކީ އިންސާނުންނަށް މަޞްލަޙަތު ހުރިގޮތެވެ. މާތް ﷲ ރަސޫލުން މެދުވެރިކުރައްވައި އިންސާނުންނަށް އަންގަވާ އެކަލާނގެ ރުހިވޮޑިގެންވާ ގޮތެވެ.

ކީރިތި ޤުރުއާނުގައި ސުންނަތް މިލަފުޒު އިލާހީ ޝަރީޢަތުގެ ހުރިހާ ދާއިރާތަކަކަށް ބޭނުން ކުރައްވާފައިވެއެވެ. މުސްލިމުންގެ އިޖުތިމާޢީ ޙަޔާތުގެ ކަންތައްތައް ހުންނާންވީ ގޮތުގެ މައްޗަށް އިރުޝާދު ދެއްވަމުން އައްނިސާއު ސޫރަތުގެ ސައްބީސްވަނަ އާޔަތުގައި އިސްވެދެންނެވި މާނައިގައި ސުންނަތް މިލަފުޒު ބޭނުން ކުރައްވާފައިވެއެވެ.

"ﷲ އިރާދަކުރައްވަނީ ތިޔަބައިމީހުންނަށް މަޞްލަޙަތު ހުރިހޮތް ބަޔާން ކޮށްދެއްވުމަށެވެ. އަދި ތިޔަބައިމީހުންގެ ކުރީން އުޅުނު ރަނގަޅު މީހުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެެއްކެވުމަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވުމަށެވެ. ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ."

الله سبحانه وتعالى މިދުނިޔެ ހެއްދެވިއިރުވެސް އެކަލާނގެވަނީ މިދުނިޔޭގެ ކަންތައްތަކުގައި އެކަލާނގެ ރުހިވޮޑިގެންވާ ގޮތަކަށްވާނީ ކޮންގޮތެއްކަން ކަނޑައަޅުއްވައި ނިންމަވައިފައެވެ. އިންސާނުން ފިޔަވައި އެހެން ހުރިހާ އެއްޗެއްސެއްވަނީ މިގޮތުން އެކަލާނގެ ކަނޑައަޅުއްވާފައިވާ ޤާނޫނަކަށް ތަބާކުރައްވާފައެވެ. އެނޫން ފަރާތަކަށް ގުޑިވެސް ނުލެވޭފަދަ ވަރުގަދަ ގޮތެއްގައެވެ. ނަމަވެސް މާތް ﷲ އިންސާނާ އެޤާނޫނުން އިސްތިސްނާ ކުރެއްވިއެވެ. ވިސްނައި ފިކުރުކުރުމާއި އޭނާ އެދޭގޮތަކަށް ޢަމަލުކުރުމުގެ މިނިވަންކަން އިންސާނާއަށް ދެއްވުމަށްފަހު މާތް ﷲ އެންގެވިއެވެ. ތިޔަބައިމީހުންކުރެ ތިމަންރަސްކަލާނގެ ރުހިވޮޑިގެންވާ މަގުގައި ހިތުން ރުހުމުން ހިނގައިފިމީހަކަށް ތިމަންރަސްކަލާނގެ ޙަޟުރަތުގައިވަނީ ސުވަރުގޭގެ ބަގީޗާތަކެވެ. ތިޔަބައިމީހުންކުރެ އެމަގުން އެއްކިބާވެއްޖެ މީހަކަށްހުރީ ނަރަކައިގެ އަނދައަނދައިހުރި އަލިފާނެވެ.

މާތް ﷲ ރުހިވޮޑިގެންވާގޮތް އިންސާނުންނަށް ބަޔާންކޮށްދެއްވުމަށްޓަކައި އެކަލާނގެ ރަސޫލުން ފޮނުއްވެވިއެވެ. އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ދިރިއުޅޭނެގޮތް އެބޭކަލުންގެ ބަސްފުޅުތަކުން ވިދާޅުވެދެއްވައި ޢަމަލުފުޅުތަކުން ދައްކަވައިދެއްވިއެވެ. ރަސޫލާގެ ސޫންނަތެވެ ކިޔެނީ މިދެންނެވި ކަންތައްތަކަށެވެ.

ރަސޫލާގެ ސުންނަތާ ގުޅިފައިވަނީ ހަމައެކަނި ދަތްއުނގުމާއި ފެންވެރުންފަދަ ކަންކަމަކާނޫނެވެ. އަދި ކީއްތޯއެވެ؟ ޤައުމު ބިނާކުރުމާއި މުޖުތަމަޢު އިޞްލާޙު ކުރުންފަދަ ކަންތައްތައްވެސް ރަސޫލާގެ ސުންނަތާ ގުޅިފައިވެއެވެ. މާތް ﷲ ގެ ޙަޟުރަތުން އެކަލާނގެ ރުހިވޮޑިގެންވާ އަޅުންގެތެރޭގައި ހިމެނުއްވުން އެދޭ މީހާ އޭނާގެ ހުރިހާ މުޢާމަލާތަކެއްގައި ރަސޫލާގެ ސުންނަތާ ތަބާވާން ޖެހޭނެއެވެ. ތިމާގެ ޙަޔާތުގެ އެއްވެސް ކަމަކާމެދު އެދާއިރާއާ ގުޅުމެއް ނެތްކަމެއްކަމުގައި ދެކިގެން ވާކަށެއް ނޯންނާނެއެވެ.

ރަސޫލާގެ އިންފިރާދީ ސުންނަތްތަކުގެ ތެރެއިން އެންމެ މުޙިއްމު އެއް ސުންނަތަކީ ﷲ ގެ މަގަށް ގޮވައިލެއްވުމެވެ. ރަސޫލު ﷲ ޞަލައް ﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅު ދިރާސާކުރުމުން އެނގޭގޮތުގައި އެކަލޭގެފާނު ހެނދުނާއި ހަވީރު އެންމެ ބޮޑަށް އެކަމަކާމެދު ފިކުރުފުޅު ހިންގަވާ ކަމަކީ މާތް ﷲ އަޅުތަކުން އެކަލާނގެ ދީނުގެ ދާއިރާއަށް ގެންނެވުމެވެ. އެކަލޭގެފާނު އެކަމާފިކުރުފުޅު ކުރައްވާލެއް ބޮޑުކަމުން ޚުދު މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

" އެބައިމީހުން މުއުމިނުންކަމުގައި ނުވުމުން އެކަމުގެ (ހިތާމައިގައި) ކަލޭގެފާނުގެ ނަފްސު ހަލާކު ކޮށްލައްވަނީތޯއެވެ؟ (އެބަހީ: އެހެން ނަހައްދާވަށެވެ!)" (އައްޝުޢަރާއު)

ރަސޫލު ﷲ ޞަލައް ﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް ކުރައްވާފައިވާ ގޮތުގައި އެކަލޭގެފާނުގެ ސުންނަތަށް ލޯބިނުކުރާ މީހަކީ އެކަލޭގެފާނުގެ މީހެއްނޫނެވެ. އަޅުގަނޑުމެންގެ ކާވެންޏާއި ވަރިފަދަ މުޢާމަލާތުތަކާ މިދެންނެވި ނަބަވީ އިރުޝާދާ ގުޅުން ހުންނަފަދައިން ﷲ ގެ މަގަށް ގޮވައިލުމާވެސް އެއިރުޝާދާ ގުޅުން އެބަހުއްޓެވެ. ރަސޫލު ﷲ ޞަލައް ﷲ ޢަލައިހިވަސައްލަމަގެ ރީތި އުސްވަތު ޚިޔާރުކުރާ މީހަކީ އެހެނިހެން ކަންކަމެކޭ އެއްފަދައިން ދީނަށް ގޮވައިލުމުގައިވެސް އެކަލޭގެފާނުގެ ގޮތްކޮޅަށް ތަބާވާ މީހެކެވެ.

ރަސޫލާގެ އިޖުމާޢީ ސުންނަތްތަކުގެ ތެރެއިން އެއް ސުންނަތަކީ ތަދުރީޖު ނުވަތަ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވަމުން ކުރިއަށް ވަޑައިގަތުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ޙަޤީޤަތް ޤަބޫލުކުރެއްވުމާއެކު ކުރިއަށް ވަޑައިގަތުމެވެ. އާދެ، ނަޒަރިއްޔާތީ މިންގަނޑުތައް ތަންފީޒު ކުރެއްވުމުގައިވެސް މަސްރަޙު އޮންނަގޮތާއި ޙަޤީޤަތުގައި ކަންތައްތައް ހުންނަގޮތަށް ރިޢާޔަތް ކުރެެއްވުމެވެ. އިޖުތިމާޢީ އިޞްލާޙުގެ ހުރިހާ ކަމެއްގައިވެސް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ އަބަދުވެސް ޢަމަލު ކުރައްވައިފައިވަނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް ވަޑައިގަތުމުގެ ޙިކުމަތްތެރި އުޞޫލަށެވެ. މިޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ އިތުރު ސާހިބާގެ ގޮތްކޮޅަކީ އިންޤިލާބީ ގޮތްކޮޅެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އިރްތިޤާއީ ގޮތްކޮޅެކެވެ.

ام المؤمنين السيدة عائشة رضي الله عنها މިވާހަކަ ބަޔާން ކުރައްވާކަމުގައި އެއް ރިވާޔަތެއްގައިވަނީ ތިރީގައި މިދަންނަވާ ޢިބާރާތުންނެވެ.

ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ބާވައިލެއްވީ މުފައްޞަލު ސޫރަތްތަކެވެ. އެސޫރަތްތަކުގައިވަނީ ސުވަރުގެއާއި ނަރަކައިގެ ވާހަކަތަކެވެ. މީސްތަކުންގެ ހިތްތައް އިސްލާމްދީނަށްޓަކައި ތައްޔާރުވެއްޖެ ހިނދު ޙަރާމް ޙަލާލުގެ އާޔަތްތައް ބާވައިލެއްވިއެވެ. ރާ ނުބޯށެވެ. އެންގެވުމުގެ އާޔަތްތައް އެންމެ ފުރަތަމަ ބާވައިލެއްވިނަމަ މީސްތަކުން ބުނީހެވެ. އަހަރެމެން ދުވަހަކުވެސް ރާބުއިން ހުއްޓައެއް ނުލާނޫއެވެ. އަދި ޒިނޭނުކުރާށެވެ އެންގެވުމުގެ އާޔަތް އެންމެފުރަތަމަ ބާވައިލެއްވިނަމަ މީސްތަކުން ބުނީހެވެ. އަހަރެމެން އެއްގޮތަކަށްވެސް ޒިނޭކުރުން ހުއްޓައެއް ނުލާނޫއެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން