ގަމީހުގެ ޖީބުގައި އޮތް ފޯނެއް ގޮވައި އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެއެވެ.

އިންޑިޔާގެ ކެރެލާގެ ސްޓޭޓެއްކަމަށްވާ ތްރިސޫރުގައި ހިނގި މިހާދިސާ ދިމާވެފައިވަނީ 76 އަހަރުގެ މީހެކަށެވެ. ބުރާސްފަތި ދުވަހު ހެނދުނު އޭނާ ލައިގެން ހުރި ގަމީހުގެ ޖީބުގައި ފޯނު އޮއްވައި ކުއްލިޔަކަށް ފޯނުގައި އަލިފާން ހިފި މިހާދިސާ ހިނގާފައިވަނީ މަރޮޓީޗަލް ކިޔާ ސަރަހައްދެއްގައި ހުރި ސައިބޯތަނެއްގައި ސައިބޯން ހުއްޓައެވެ.

މިހާދިސާ ހިނގި ވަގުތުގެ ފުޓޭޖު މިހާރު ދަނީ ދައުރުވަމުންނެވެ. މިފުޓޖުގައި މީހަކު ސައިބޯން އިށީނދެގެން އިންނަ ތަން ފެނެއެވެ. ދެން ބާރު އަޑެއް ކިޔައި ޖީބުގައި އޮތް އޭނާގެ ފޯނުގައި އަލިފާން ރޯވާތަން ފެނެއެވެ. އަދި ވަގުތުން އެމީހާ ފުންމައިގެން ތެދުވެ ޖީބުން ފޯނު ނެގޭތޯ މަސައްކަތްކުރާތަންވެސް ފެނިގެން ދެއެވެ. އަދި ފޯނު ބިންމައްޗަށް ވެއްޓުމުން އަވަސްއަވަހަށް އޭނާ ދުރަށްދާތަންވެސް ފެނެއެވެ.



މިހާދިސާގައި އޭނާއަށް މާބޮޑު ގެއްލުމެއް ނުވާކަމަށް ރިޕޯޓުތަކުން ހާމަވެއެވެ. އަދި މިކަން ހިނގާދިޔަގޮތް ދިރާސާކުރުމަށް ހަވާލުވި ޕޮލިސް އޮފިސްރު ވިދާޅުވިގޮތުގައި، މުސްކުޅި މީހާއަށް ގުޅައި މައުލޫމާތު އޮޅުން ފިލުވުމުން އެއީ މީގެ އެއްއަހަރު ކުރިން އޭނާ ވަރަށް ހެޔޮ އަގެއްގައި ގަނެފައިވާ ފޯނެއްކަމަށާއި އެއީ އިންޑިއާގައި ވިއްކާ ފީޗާ ފޯނެއްކަމުގައި ބުނެދީފައިވެއެވެ. އަދި އެފޯނު އޭނާ ގަނެފައިވަނީ 1000 ރުޕީސްއަށް ކަމަށާއި މިހާދިސާގެ ކުރިން އެފޯނުގައި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށްވެސް އޭނާ މައުލޫމާތު ދީފައިވެއެވެ.

މިދިޔަ ހަފްތާގައިވެސް އިންޑިއާގެ އެހެން ސިޓީއެއްގައި މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އެއީ ކޮޖިކޯޑުގައި މީހެއްގެ ފޯނު ޖީބުގައި އޮއްވައި ހަމަމިގޮތަށް އަލިފާން ހިފި ހާދިސާއެކެވެ. އަދި އެޕްރިލް 24 ގައި ކުޑަ އަންހެން ކުއްޖެއް ހިފައިގެން ހުރި ފޯނެއްގައި އަލިފާން ހިފައި މަރުވި ހާދިސާއެއްވެސް ތްރިސޫރުގައި ހިނގާފައިވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން