ޞާދިރު ޢަލީދީދީ   18 މޭ 2023 - 12:38
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)

.

ޞަޙާބީންގެ ބޭކަލަކާ عمرގެފާނާ ބައްދަލުވެ ވަޑައިގަތުމުން އެބޭކަލުން ވިދާޅުވިއެވެ. "ކަލޭގެފާނު ޚަބަރެއް އެއްސެވީމުތޯއެވެ؟" އެވަގުތު ޢުމަރުގެފާނުގެ ދޫފުޅުން ކުއްލިއަކަށް ނިކުތް ބަސްފުޅަކީ "ޣައްސާނީން އައީތަ؟" މިބަސްފުޅެވެ. މިވާހަކައިން އެދުވަސްވަރު ޣައްސާނީންގެ ނުރައްކާ މަދީނާއަށް ކުރިމަތިވެފައިއޮތް މިންވަރު ފުރިހަމައަށް ވަޒަންކުރެވެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް އެމައްސަލަ ވަރަށް ބޮޑަށް އިޙުސާސްވެ ވަޑައިގަންނަވައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި އެކަލޭގެފާނު އެންމެ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ޣައްސާނީން ނުވަތަ ރޫމީންނާ ދެކޮަޅަށް ލަޝްކަރެއް ތައްޔާރު ކުރެއްވުން ހިމެނެއެވެ. ابو بكر ގެފާނާއި عمر ގެފާނުފަދަ ޞަޙާބީންގެ ބޮޑެތިބޮޑެތި ބޭކަލުންވެސް އެލަޝްކަރުގައި ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް އިތުރު ސާހިބާ އިންތިހާ ދަރަޖައިގެ ބުއްދިވެރިކަމާއެކު އެލަޝްކަރުގެ އަމީރަކަށް ހަމަޖެއްސެވީ أسامة بن زيد އެވެ. އާދެ، أسامة އަކީ ހަމައެކަނި ހިތްވަރުފުޅުގަދަ ޒުވާން ބޭކަލަކީއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނުގެ ހިތްޕުޅުގައި ރޫމީންގެ ކިބައިން ބަދަލު ހިއްޕެވުމުގެ ވަރުގަދަ ރޫޙެއްވެސް އުފެދިފައި އޮތެވެ. އެހެނީ މުއުތާގެ ހަނގުރާމައިގައި ރޫމީންވަނީ أسامة ގެ ބައްޕާފުޅު زيد بن حارثة رضي الله عنه ޝަހީދުކޮށްފައެވެ. ނަމަވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަޔާތްޕުޅަކު އެލަޝްކަރަށް މަދީނާއިން ފުރޭގޮތެއް ނުވިއެވެ. އެހެނީ އެކަލޭގެފާނަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތީ ހަމަ އެ ދަނޑިވަޅުގައެވެ.

މާތްރަސޫލާ ސުވަރުގެ ވަޑައިގަތުމުން ابو بكر الصديق رضي الله عنه މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާގެ ޙައިޘިއްޔަތުން އެލަޝްކަރު ޝާމްކަރަޔަށް ފޮނުއްވިއެވެ. މިދެންނެވި ލަޝްކަރު ފުރުއްވައިލެއްވުމަކީ އިސްލާމީ ތާރީޚުގެ ވަރަށް ޙައިރާން ކުރުވަނިވި ޙާދިޘާއެކެވެ. އިސްލާމްދީނުގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައުގަތުމާއެކު ޢަރަބިކަރައިގެ ހުރިހާ ދިމަދިމާއަކުން މުރުތައްދުވާ މީހުންގެ ޚަބަރުތައް އަންނާންފެށިއެވެ. أمير المؤمنين އަށް އެކިފަރާތްތަކުން މަޝްވަރާ އަރުވަމުން ގެންދިޔައެވެ. އިސްލާމްދީނުގެ މަރުކަޒު މިވަނީ ނުރައްކަލަކަށް ހުށަހެޅިފައެވެ. އެކިފަރާތްތަކުން ބމަދީނާއާ ޙަމަލަދިނުމަށް ތައްޔާރުވަމަން އެބަދެއެވެ. އެހެންކަމުން ލަޝްކަރު ފުރުއްވައިނުލައްވައި އިހަށް ލަސްކޮށްލައްވާށެވެ. ނަމަވެސް ابو بكر الصديق ގެ އަންނަނިވި ޖަވާބު ހިމެނުނީ މީހުންގެ ދޫތައް ބަންދުކޮށްލެއްވުނު ޖަވާބަކަށެވެ. އާދެ، ابو بكر ގެފާނު ވިދާޅުވިއެވެ. "މިލަޝްކަރު ފުރުވައިލުމަށްފަހު އަޅުގަނޑު މަދީނާގައި އެކަނިވެ މިނިކާ ޖަނަވާރުތައް އައިސް އަޅުގަނޑު ފަޅައިލައިގެން ކައިލި ކަމުގައިވިޔަސް ޚުދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފުރުއްވައިލައްވައިފައިވާ ލަޝްކަރެއް އަޅުގަނޑަކަށެއް ނުހުއްޓުވޭނެއެވެ. ابو بكر الصديق رضي الله عنه ގެ މިއީމާންތެރި ފިޔަވަޅު ފޮނި ނަތީޖާ ފެނިވަޑައިގެންނެވިއެވެ. أسامة ގެ ލަޝްކަރު ހަމައެކަނި ރޫމީންނާ ކާމިޔާބު ޙަމަލައެއްދީ ނަޞްރު ހޯދީކީނޫނެވެ. އަދި ކީއްތޯއެވެ؟ އެލަޝްކަރު ރޯމަން އެމްޕަޔަރާ ހަނގުރާމަކޮށްގެން ހޯދި ފަތަޙަ ހިމެނުނީ މުރުތައްދުވީ މީހުންގެ ހިތްވަރު އެލި ނިސްބަތުން ފަސޭހަކަމާއެކު އެބައިމީހުން ބަލިކޮށްލެވުމުގެވެސް ސަބަބެއް ކަމުގައެވެ.

މިޙާދިޘާގައި ވަރަށް ބޮޑު އެހެން ޙިކްމަތެއްވެސް އެކުލެވިފައި ވެއެވެ. ޢަރަބި ޤަބީލާތަކަކީ ފެށުނީއްސުރެ އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރަމުންއައި ބަޔެކެވެ. އެބައިމީހުންގެ ބާރު ހާމަކުރާނެ އެހެން މައިދާނެއް ނުފެނިއްޖެނަމަ، އަލުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރާން ފަށައިފާނެކަމުގެ ޝައްކުއޮތެވެ. އެހެންކަމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި ޢަރަބީންގެ ބާރު ރޯމަން އެމްޕަޔަރާ ދިމާޔަށް އަނބުރުއްވައި ލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޢަރަބީންގެ ހަނގުރާމަވެރި ފިޠުރަތަށް، ރަނގަޅު އާ މައިދާނެއް ލިބުނެވެ. ތިމަތިމާމެންނާ އެއްވަޒަނެއްގެ އަހުލުވެރީން ޤަތުލުކުރުމާއި ފޭރުންނޫން އެހެންކަމެއް ނުދަންނަ ޢަރަބީން ޤަރުނަކަށްވުރެވެސް ކުރުމުއްދަތެއްގެ ތެރޭގައި އެޒަމާނުގެ ހޯދިފައިވާ ދުނިޔޭގެ ބޮޑުބައި ފަތަޙަކުރިއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޖޯންބެގަޓް ގަލްބު ޕާޝާ، އޭނާގެ ފޮތެއް ކަމުގައިވާ "ދަލައިފް އެންޑް ޓައިމްސް އޮފް މުޙައްމަދު" ގައި ލިޔެފައި ވެއެވެ.

" ޢަރަބީންނަކީ އޭގެ ފެށުމެއް ނޭނގޭހާވެސް ކުރީގެ ދުވަސްވަރަކުން ފެށިގެން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކޮށް ތަޅައިފޮޅުމުގައި ދިރިއުޅުން ހޭދަކުރަން އާދަވެފައިތިބި ބަޔެކެވެ. އެހަނގުރާމަތަކާއި ލޭއޮހޮރުވުންތަކަކީ ވަކި ޚާއްސަ ސަބަބަކާހުރެ ހިނގާކަމެއްވެސް ނޫނެވެ. އެއީ އެބައިމީހުންގެ ޙަޔާތުގެ ބައެއްކަމުގައި ވެފައިއޮތް ކަމެކެވެ. ކަން މިހެންވެފައިވަނިކޮށް އެބައިމީހުން މުސްލިމުންގެ ޙައިޘިއްޔަތުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރުން މަނާ ކުރެވުނެވެ. ޢަސްކަރީ ވިސްނުމެއް ގެންގުޅޭ ޤަބީލާތަކެއް އަބަދަށްޓަކައި އަމާންކަމުގައި ދިރިއުޅޭން މަޖުބޫރު ކުރެވޭނީ ކިހިނަކުންހެއްޔެވެ؟ އިސްލާމްދީނުގެ ނަބިއްޔާވަނީ މުއުތާގައި ބަލިވި ލަޝްކަރު ފޮނުއްވުމުގެ ޒަރީޢާއިން މިސުވާލުގެ ޖަވާބު ހޯއްދަވައި ދެއްވަފިއެވެ.

މީލާދީން 634 ގައި ޢަރަބި ތިންލަޝްކަރު ފަލަސްޠީނަށާއި ޝާމްކަރަޔަށް ޙަމަލަދިނެވެ. ހަމަ އެދުވަސްވަރު، ޙީރަތުގެ ލަޚްމީ ސަރުކާރު ވައްޓައިލުމާގުޅިގެން އީރާނާ ދުޝްމަނު ވެފައިތިބި ޢަރަބިކަރައިގެ އިރުމަތީ ސަރަޙައްދުގެ ބައެއް ޤަބީލާތަކުގެ މީހުން، ފުރާތާ ދިމާޔަށް ކުރިއަށްގޮސް ޙީރަތު ފަތަޙަކުރިއެވެ. 636 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ރޫމީންގެ އެންމެ ބޮޑުބާރު ކަމުގައިވާ ބައިޒަންޓައިން ޔަރުމޫކުގެ މައިދާނުގައި ފުރިހަމަޔަށް ބަލިކޮށްލެވުނެވެ. ޝާމްކަރައިގެ ހުރިހާ ސަރަޙައްދުތަކެއް ޠަބަރިއްޔާއާ ހަމަޔައަށް ޢަރަބީންގެ ބާރުގެދަށަށް ގެނެވުނެވެ. 637 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ޙީރަތާ ކައިރިގައިވާ ޤާދިސިއްޔާގެ މައިދާނުގައި އީރާނުގެ ލަޝްކަރު މުޅިން ހަލާކުކޮށްލެވުނެވެ. އެއަށްފަހު މިހާރުގެ ބަޣުދާދާ ދާދި ކައިރީ ދިޖުލަތު ކޯރުގެ ދެކުނުގައި އޮތް އީރާނުގެ ވެރިރަށް މައިދާނުވެސް ހިމެނޭގޮތަށް ކުރީގެ ޢިރާޤުކަރަ އެކަށް ޢަރަބީންގެ ބާރުގެދަށަށް ހިނގައްޖެއެވެ. މީލާދީން 640 ވަނަ އަހަރު މިޞްރަށް ޙަމަލަ ދެވުނެވެ. ބައިޒަންޓައިން ދައުލަތަށް މުސްލިމުންގެ ފަރާތުން އަނެއްކާވެސް އިތުރު ނާކާމިޔާބަކާ ކުރިމަތިލާން ޖެހުނެވެ. އަދި 642 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މުޅި މިޞްރު ޢަރަބީންގެ ބާރުގެ ދަށަށް ގެނެވުނެވެ. އަދި ހަމަ އެހަހަރު، އީރާނުގެ ސިފައިންގެ ބާކީތިބިމީސްކޮޅު ނަހާވިންދުގެ މައިދާނުގައި ހަލާކުކޮށްލެވި އީރާނީ ރަސްކަން މުޅިން ނައްތައިލެވުނެވެ."

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާއި، އެކަލޭގެފާނަށްފަހު އަލްޚުލަފާއުއް ރާޝިދޫންގެ އެންމެ ފުރަތަމަ ޚަލީފާ ابو بكر الصديق رضي الله عنه ނުހަނު ނާޒުކު ޙާލަތެއް ކުރިމަތިވެފައި އޮތުމާއެކުވެސް أسامة رضي الله عنه ގެ ލަޝްކަރު ރޫމީންނާ ދިމާޔަށް ފޮނުއްވިއެވެ. މިއީ މުސްލިމުންގެ އަންނާންއޮތް ނަސްލުތަކަށް ދެއްވި ވަރަށްބޮޑުފިލާވަޅެކެވެ. މުސްލިމުން އެބައިމީހުންގެ ބާރުގެ އަޖުމަބަލާންވީ މައިދާނަކީ ޚާރިޖީ މައިދާނެވެ. ދާޚިލީ މައިދާނެއްނޫނެވެ. ނަމަވެސް ޢަޖާއިބުވާން ޖެހެނީ ފަހުގެ މުސްލިމުން މިފިލާވަޅު ހަނދާންނައްތާލައިފައިވާތީއެވެ. ޚާއްޞަކޮށް މިފަހަކަށްއައިސް މުސްލިމު ޤައުމުތައްވަނީ ލިބަރަލް ޚިޔާލުގެ ޤައުމުތަކަށާއި ކޮންޒަވެޓިވް ޚިޔާލުގެ ޤައުމުތަކަށާ ދެޤުރޫޕަކަށް ބެހިފައެވެ. އެއްބަޔަކު އަނެއްބަޔެއްގެ ހަތުރުންކަމުގައި ވެފައެވެ. އެބައިމީހުންގެ ހަތިޔާރުއެޅި ލަޝްކަރުތައްވަނީ އަމިއްލަ ޤައުމުތައް ފަތަޙަކުރުމުގައި މަޝްޣޫލުވެފައެވެ. އިސްލާމީ ޖަމާޢަތްތައްވަނީ ޚުދު އެބައިމީހުންގެ ޤައުމުތަކުގެ ސަރުކާރުތަކާ ކޯޅޭންފަށައިފައެވެ. ބޭރުގެ ދުޝްމިނުންނާ ކުރިމަތިލުމަށް އެންމެންވެސް ތިބީ ނުކުޅެދިފައެވެ. ތިމާގެ އަޚާއާ ހަނގުރާމަ ކުރުމުގައި ކޮންމެ މީހަކީވެސް ހެއްވެކެވެ. މިފަދަގޮތަކަށް ކަންތައް ހުރިއިރު އިސްލާމްދީނުގެ ދާއިރާ ތަނަވަސްވެ ފުޅާވުން ހުއްޓުނު ކަމުގައިވިޔަސް އެއީ ޢަޖާއިބުވާންވީ ކަމެއްނޫނެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން