ކުރީގެ ޖީމެއިލް އެކައުންޓުތައް ނައްތާލަނީ!
ކުރީގެ ޖީމެއިލް އެކައުންޓުތައް ނައްތާލަނީ!
ގޫގުލް އެކައުންޓެއް ހެދުމަށްފަހު 2 އަހަރު ދަވަހު ބޭނުންނުކޮށް އިންއެކްޓިވް ކަމުގައިވާނަމަ ގޫގުލްއިން އެއެކައުންޓެއް ރިމޫވްކުރުމަށް ނިންމާފައިވާކަމަށް ގޫގުލްއިން ހާމަކޮށްފިއެވެ.

ގޫގުލްއިން މިގޮތަށް ބުނެފައިވަނީ އިންއެކްޓިވް އެކައުންޓުތަކާއި ބެހޭގޮތުން އެކުންފުނީގައި ގެންގުޅޭ ޕޮލިސީތައް ރިވިއުކުރުމަށްފަހު އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައެވެ.

ގޫގުލް އިން ބުނިގޮތުގައި މިގޮތަށް ނިންމާފައިވަނީ ސެކިއުރިޓީ ރިސްކު ކުޑަ ކުރުމަށެވެ. އަދި މިޕޮލިސީއަށް މިހާރު އަމަލު ކުރަން ފަށާފައިވާ ކަމަށާއި އެހެންނަމަވެސް ޑިސެންބަރުގެ ކުރިން އެކައުންޓުތައް ޑީލީޓުކުރުމަށް ނުފަށާނެކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ. އަދި އެކައުންޓުތައް އެއްކޮށް ޑިލީޓުކުރާނީ ފިޔަވަހިތަކަށް ބަހާލައިގެން ޑިލިޓޫކުރާނެ ކަމުގެ މެސެޖުތައް އެކައުންޓުތަކުގެ ވެރިފަރާތަށް ފޮނުވުމަށްފަހުގައި ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި ޑިލީޓު ކުރުމުގައި އެންމެ ފުރަތަމަ އިސްކަމެއްދޭނީ އެންމެ ކުރިން ހަދާފައި ހުރި އެކައުންޓުތައް ކަމަށާއި އަދި ޔޫޒާއިން އެއްވެސް ގޮތަކަށް ބޭނުންނުކުރާ އެކައުންޓްތައް ކަމަށެވެ. އެހެންނަމަވެސް، މިގޮތަށް ރިމޫވް ކުރާނީ ހަމައެކަނި ޕާސަނަލް އެކައުންޓްތައް ކަމަށްވެސް ގޫގުލް އިން ބުނެއެވެ. އެހެންކަމުން ސްކޫލްތަކާއި ވިޔަފާރި އަދި އެހެނިހެން އިދާރާތަކުގެ އެކައުންޓްތައް މިގޮތަށް ރިމޫވް ނުކުރާނެކަމުގެ ޔަގީންކަން އަރުވާފައިވެއެވެ.

ގޫގުލްއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި މިއީ އެތެރޭގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުންފުނިން ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި މިގޮތަށް ހޯދި ހޯދުންތަކުން ކުރީގެ އެކައުންޓުތަކުގައި އެއެކައުންޓުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ބޭނުންވާ އޮތެންޓިކޭޝަންއައި ޓޫ- ސްޓެޕް ވެރިފިކޭޝަން އަޕްޑޭޓްކޮށްފައި ނުވާތީ ޔޫޒާއިންގެ ޕާސްވޯޑު ރީސައިކަލްކޮށްގެން އެމީހުންގެ މައުލޫމާތުތައް ހެކަރުން ހޯދުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން މި ނިންމުމުގެ ސަބަބުން މިޔޫޒާތަކުގެ މައުލޫމާތުތައް ބޭނުންނުކުރާ އެކައުންޓްތަކުންވެސް އެހެން ބަޔަކަށް ލިބުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

މިނިންމުމަކީ މީގެ ކުރިންވެސް މިފަދަ ސެކިއުރިޓީ ބްރީޗްއަކަށް ޔޫޒާއިން ހުށަހެޅިދާނެ ފުރުޞަތުތައް ނައްތާލުމަށް ގޫގުލްއިން ކަނޑައަޅާފައިވާ ސެކިއުރިޓީ ޕޮލިސީއަށް އިތުރުކުރެވުނު ކަމެކެވެ. ކުރީގައި 2020 ގައިވެސް މިފަދަ ޕޮލިސީއެއް އެކުލަވާލާފައިވެއެވެ. އެހެންނަމަވެސް އެޕޮލިސީގައިވަނީ އެކައުންޓް އެއްކޮށް ޑިލީޓް ކުރުމުގެ ބަދަލުގައި ހަމައެކަނި ބޭނުން ނުކުރާ ސާވިސްތަކުގެ ކޮންޓެންޓު ފޮހެލުމެވެ.

އެހެންކަމުން އެކައުންޓް ޑިލިޓްވިޔަ ނުދޭން ބޭނުންނަމަ އެކައުންޓަށް ލޮގިންކޮށްލައި އީމެއިލްއެއް ކިޔާލައި ނުވަތަ އީމެއިލްއިން ކޮންމެވެސް ކަމެއް ކޮށްލުމެވެ. އޭރުން އިންއެކްޓިވް އެކައުންޓެއް ކަމުގައި ނުބަލާނެއެވެ. މަންމަ ބައްޕަގެ ކޮންމެވެސް ރެޖިސްޓްރޭޝަންއަކަށް 2 އަހަރު ކުރިން ގޫގުލް އެކައުންޓެއް ހެދިނަމަވެސް މިހެން ލޮގިންކޮށްލައި ހެދުމުން އެމީހުންގެ ބޭންކާއި ނުވަތަ އެހެން މުހިންމު ތަނަކާއި ގުޅުން ހުރި އެކައުންޓުތައް ނުގެއްލޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން