ނަމާދު ދޫކޮށްލެވޭނެ އެއްވެސް ޙާލަތެއް ނެތް
ނަމާދު ދޫކޮށްލެވޭނެ އެއްވެސް ޙާލަތެއް ނެތް
ނަމާދަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެންމެ އިސްރުކުނެވެ. މުސްލިމަކާ ދިމާވާ ކޮންމެ ޙާލަތަކާ ގުޅޭގޮތަށް ލުއިފަސޭހަ ކޮށްދެއްވާފައިވާ އަޅުކަމެކެވެ.

ނަމާދަކީ އެއީ އެއްވެސް މުސްލިމަކަށް އެ އަޅައިގެން ފަރުޖެހެން އޮތް އަޅުކަމެއް ނޫނެވެ. ކޮންމެ ޙާލެއްގައިވެސް ނަމާދު ކުރަން ޖެހޭނެއެވެ. ބައެއް ޙާލަތްތަކުގައި ކޮޅަށް ހުރެގެންނެވެ. އަނެއްބައި ޙާލަތްތަކުގައި އިށީނދެ އިނދެގެންނެވެ. އަނެެއްބައި ޙާލަތްތަކުގައި އޮށޯވެ އޮވެގެންނެވެ. ހަރާކާތުން ކުރެވެން ނެތްނަމަ ލޮލާއި ހިތުގެ އިޝާރާތުންވެސް ނަމާދު އަދާކުރަންޖެހެއެވެ.

ޤިޔާމަތްދުވަހު ހިސާބުބެއްލެވޭހިނދު، އެންމެ ފުރަތަމަވެސް އެއަޅުކަމާބެހޭގޮތުން ސުވާލުވެވޭ ނަމާދު ކޮންމެފަދަ ޙާލަތެއްގައިވެސް ކުރަންޖެހެއެވެ. އެހެންކަމުން ނަމާދަކީ އެއްވެސް ޙާލެއްގައި ނުކޮށް ދޫކޮށްކެވޭނެ އަޅުކަމެއް ނޫނެވެ. ހަނގުރާމައިގެ މައިދާނުގައިވިޔަސްވެހެވެ. އެއްގަމާއި ކަނޑުދަތުރުމަތީގައި ވިޔަސްވެހެވެ. އެއްބައި ޙާލަތްތަކުގައި ހަތަރުރަކްޢަތް، ދެރަކްޢަތަށް ބަދަލުކޮށްގެންނެވެ. އަދި އެއްރަކްޢަތުން ފުއްދާލަންޖެހޭ، ހަނހުރާމަ މަތީފަދަ ޙާލަތްތަށްވެސް އާދެއެވެ. ކޮންމެ ނަމާދަކަށްވެސް އެނަމާދުގެ ވަގުތު ތަނަވަސް ވެގެންވެއެވެ. ދިމާވާ ޙާލަތްތަކުގައި ދެނަމާދު އެއްކޮށް ޖަމްޢުކޮށްލެވެއެވެ. އިންތިޒާރު ކުރާކަށެއް ނުޖެއެވެ.

ނަމާދު ކުރުން އެއީ ފަރުޟު ވާޖިބެއްކަމުގައިވާއިރު، ނަމާދުކުރަން މިސްކިތަށް އައުމުގެ ބަދަލުގައި ގޭގައި ކޮށްލުން ރަނގަޅުވާ ޙާލަތްތައްވެސް އެބައާދެއެވެ. މިއިން އެއްވެސް ޙާލަތެއްގައި އަޅާފައި ދޫކޮށްލައިގެނެއް ނުވެއެވެ. ނަމާދުގެ މުޙިއްމު ކަމަށްޓަކައެވެ. މުސްލިމުންގެ އަޤީދާއާ ނަމާދާގުޅިފައި ވާލެއް ބޮޑުކަމުންނެވެ. ﷲ ގެ ޙަޟްރަތުގައި ދެވިފައިވާ ޤަދަރެއްގެ މަތިވެރިކަމުންނެވެ. މުސްލިމަކާ އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ބޮޑަށް ކުށްތަންކޮށްދޭ ޙާލަތްތަށް ވާތީއެވެ. މުސްލިމުންގެ މިޢުރާޖަށްވާތީއެވެ.

ލޮބުވެތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް އަވަހާރަވެ ސުވަރުގެ ވަޑައިގެންނެވި އާލާސްކަންފުޅުގައި އެކަލޭގެފާނުގެ އާލާސްކަންފުޅު ވަރަށް ބޮޑުވިއެވެ. ޙާލުކޮޅު ނުލާހިކު ނިކަމެތި ވިއެވެ. ބައެއްފަހަރު ހޭފުޅުނެތި ވަޑައިގަންނަވާ ގޮތްވެސް ވެއެވެ. އަނެއްބައި ފަހަރު ހޭފުޅު ލައްވައެވެ. ނަމަވެސް މިއުނދަގޫ ދަތިފުޅު ވަގުތުގައިވެސް ލޮބުވެތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ނަމާދު ދޫކޮށެއް ނުލައްވައެވެ. ފަރުވާތެރިވެވަޑައިގެން ނަމާދު ކުރެއްވިއެވެ. ކޮންމެ ނަމާދެއްވެސް އެ ނަމާދުގެ ވަގުތުގައެވެ.

ލޮބުވެތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ސުވަރުގެ ވަޑައިގަތް ވަގުތު ކުރެއްވި އެންމެފަހުގެ ވަޞިއްޔަތްޕުޅަކީ ވެސް ނަމާދުގެ ވަޞިއްޔަތްޕުޅެވެ. އެކަލޭގެފާނުގެ އެންމެފަހު ނޭވާފުޅުގައި އުއްމަތަށް ކުރެއްވި އިލްތިމާސްގައި މިފަދައިން ޙަދީޘް ކުރެއްވިއެވެ. "ނަމާދެވެ. ނަމާދެވެ."

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހު ޝަހީދުވެ ވަޑައިގަތީ އިމާމުވެ ފަތިސްނަމާދު ކުރައްވަން ހުންނަވަނިކޮށެވެ. އެކަލޭގެފާނު ހޭފުޅުނެތިގެން ވެއްޓިވަޑައިގަތެވެ. އަދި ހޭފުޅުއެރުމާއެކު ކުރެއްވި ސުވާލަކީ ޤައުމުގެ މީހުން ނަމާދު ކޮށްފިންތޯއެވެ؟ އެއަށްފަހު އެކަލޭގެފާނު ފަތިސްނަމާދު ޤަޟާކުރެއްވިއެވެ.

މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާނު ބުނު ޢައްފާނު ރަޟިޔަ ﷲ ޢަންހު ޝަހީދުވެ ވަޑައިގަތީ ޢަޞްރު ނަމާދު ކުރައްވައިގެން ޤުރްއާން ކިޔަވައި ވިދާޅުވާން އިންނަވަނިކޮށެވެ. އަދި މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ބުނު އަބީ ޠާލިބު ރަޟިޔަ ﷲ ޢަންހު ޝަހީދުވެވަޑައިގަތީ ފަތިސްނަމާދަށް ވަޑައިގަންނަވަނިކޮށް މަގުމަތީގައެވެ.

ޤިޔާމަތް ދުވަހުގައި މަޙްޝަރުގެ މައިދާނުގައި އެންމެހާ އަޅުތަކުން ޚާލިޤުވަންތަ މާތް ﷲ ގެ ޙަޟްރަތުގައި ކޮޅަށް ތިބޭނެއެވެ. ހިސާބު ބައްލަވަން ﷲ ތަޢާލާ އިރާދަ ކުރައްވާހިނދު އަޅުތަކުންގެ ލޯމައްޗަށް ﷲ އެއިލާހުގެ ޒާތުފުޅު ތަޖައްލީ ކުރައްވައި ފާޅުވެ ވޮޑިގަންނަވާނެއެވެ. އަދި ﷲ ގެ ޙަޟްރަތަށް ސަޖިދައަށް ތިރިވުމަށް އަޅުތަކުންނަށް އެންގެވޭނެއެވެ. ނަމަވެސް އެސަޖިދަކުރެވޭނީ ހަމައެކަނި ދުނިޔޭގައި ނަމާދުކޮށް އުޅުނު މީހަކަށެވެ. އެނޫން މީހަކަށް އެމަތިވެރި ސަޖިދަކުރުމުގެ ޝަރަފެއް ނުލިބޭނެއެވެ. އަދި ކީއްހެއްޔެވެ؟ އެއިން މީހެއްގެ ބުރަކަށި ގުދުވެސް ނުވެވޭނެއެވެ. ދުނިޔެމަތީގައި އެމީހުން ނަމާދުގެ ތެރޭގައި ގުދުވުމަށް އާދަކޮށްފައި ނެތުމުގެ ސަބަބުން އެދުވަހުން އެމީހުން އެކަމުން މަޙްރޫމު ވެވޭނެއެވެ. އެމީހުންގެ ބުރަކަށި ގުދުނުވާނެއެވެ. މުސްލިމު އެންމެހާ އަޅުތަކުންނާއެކު އެބައިމީހުންނަކަށް ސަޖިދައަކަށް ނުދެވޭނެއެވެ. މާތް ﷲ އެއިލާހުގެ ކަލާމްފުޅުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، ރަސޫލާގެ ސުންނަތާއި އެއްގޮތަށް ޢަމަލުކޮށް އުޅުމުގެ ހެޔޮ ތައުފީޤު މިންވަރުކޮށް ދެއްވާށިއެވެ. އަޅުގަނޑުމެންގެ ދަރީންގެ ހިތްތަކުގައި ނަމާދު ކުރުމަށް ލޯބިޖައްސަވައިފާދޭވެ. އާމިން.

رَبِّ اجْعَلْنِيْ مُقِيْمَ الصَّلَاةِ وَمِنْ ذُرِّيَّتِيْ ، رَبَّنَا وَتَقَبَّلْ دُعَآءِ. رَبَّنَا اغْفِرْ لِيْ وَلِوَالِدَيَّ وَلِلْمُؤْمِنِيْنَ يَوْمَ يَقُومُ الْحِسَابُ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން