ޞާދިރު ޢަލީދީދީ   14 މޭ 2023 - 9:42
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)



- 12 -

އިތުރު ރަސޫލާއާއި އެކަލޭގެފާނުގެ އަހުލުބައިތުން ހިޖުރައަށްފަހު އުޅުއްވި ގޮތްކޮޅުގެ ވާހަކަ ام المؤمنين السيدة عائشة رضي الله عنها އެކަމަނާގެ ޙަޔާތްޕުޅުގެ ތަންކޮޅެއްފަހުގެ ދައުރެއްގައި ވިދާޅުވެދެއްވާފައިވެއެވެ. އިމާމު އަޙުމަދާއި ޠަބަރާނިއާ ދެބޭކަލުން އެވާހަކަފުޅު ތަފާތު ލަފުޒުތަކުން ރިވާކުރައްވާފައިވެއެވެ.

އުއްމުލް މުއުމިނީންގެ ވާހަކަފުޅުގައި އެކަމަނާ އެއްރެޔަކު ރޭގަނޑު އަނދިރިކަމުން އަތްޕުޅު ކާއްތަވައިގެން މަސައްކަތްޕުޅު ކުރެއްވި ޙާދިޘާއެއްގެ ވާހަކަފުޅަށްފަހު ވިދާޅުވިކަމުގައި ރާވީ ވިދާޅުވިއެވެ. އަޅުގަނޑު السيدة عائشة رضي الله عنها ގެ އަރިހުން ބައްތިއާ ބެހޭގޮތުން ސުވާލު ކުރުމުން އެކަމަނާ ޖަވާބު ދެއްވިއެވެ. އަހަރެމެންގެ އަތުގައި ބައްތިދިއްލާނެ ތެޔޮހުރިނަމަ ބައްތިދިއްލުން އެއްކިބާގައި އޮތްވައި އަހަރެމެންނަށް ބަނޑުހައިހޫނު ކަމުގެ ސަބަބުން އެތެޔޮ ބޮވިއްޖައީހެވެ.

އިތުރު ސާހިބާގެ ހިޖުރައަށްފަހު މަދީނަތުއްރަސޫލު ނުވަތަ މަދީނާ ޠައްޔިބާގެ ނަމުން މަޝްހޫރުވި ރަށުގައި އޭރު ފައްކާ އެންމެ ގެއެއްވެސް ނެތެވެ. އޭރުގެ އަލްމަސްޖިދުއްނަބަވީ އަކީވެސް މަށީންނާއި ކަދުރު ރުކުގެ ފަނުން ހަތަރުބިއް ބައްދާފައިހުރި ވަރަށް ދޭސީ ޢިމާރާތެކެވެ. ރޭގަނޑަށް މިސްކިތްކޮޅު އަލިކުރުމުގެ އިންތިޒާމެއްވެސް ނެތެވެ. އަލްމަސްޖިދުއް ނަބަވީގައި ރޭގަނޑު ވޮށްކޮޅު ދިއްލާން ފެށީވެސް ހިޖުރައިން ނުވަވަނަ އަހަރުގައެވެ. މަދީނަތުލް މުނައްވަރާގެ އަލްމަސްޖިދުއް ނަބަވީގައި އެންމެ ފުރަތަމަ ބައްތި ދިއްލެއްވީ تميم الداري رضي عنه އެވެ. تميم الداري އިސްލާމްވެ ވަޑައިގަތީ ހިޖުރައިން ނުވަވަނަ އަހަރުގައެވެ. އޭރު މައްކާވަނީ ފަތަޙަ ވެފައެވެ. މުޅި ޢަރަބިކަރަވަނީ އިސްލާމްދީނަށް ވަދެފައެވެ.

އެދުވަސްވަރު މުސްލިމުންގެ އަތުގައި ރޭގަނޑު އެބައިމީހުންގެ ގެދޮރުގައި ދިއްލާނެ ބައްތިއެއް ނެތި، އަދި އެބައިމީހުންގެ މިސްކިތްތަކުގައި ރޭގަނޑުގެ އަނދިރިކަން ފެތުރިފައި އޮތްއިރު އިސްލާމްދީނަށާއި މުސްލިމުންނަށް ދުނިޔޭގެ ޢިއްޒަތާއި ބާރު ލިބިފައިއޮތެވެ. މިއަދު މުސްލިމުންގެ ގޮދޮރުވަނީ އަލިކޮށްފައެވެ. އަދި މިސްކިތްތަށްވަނީ ރީތި ޒަމާނީ ސަމޭދާންތަކާއި ބިއްލޫރި ގަސްތަކުގެ އަލިން، ވިދައި ބަބުޅައިފައެވެ. ނަމަވެސް މުސްލިމުންނަށް ކަމޭހިތުމުގެ ނަޒަރަކުން ބެލެވޭ އެއްވެސް ތަނެެެއް ނެތެވެ.

އޭގެ ސަބަބަކީތޯއެވެ؟ އާދެ، އިއްޒަތާއި ބާރު ޙާޞިލްކުރުމުގައި އަޞްލު އަހަންމިއްޔަތު އޮތީ އިންސާނާގެއެވެ. މިއަދު މުސްލިމުންގެ އަތުގައި ހުރިހާ އެއްޗެއްސެއް އެބަހުއްޓެވެ. ނަމަވެސް ޙަޤީޤީ މާނައިގައި "އިންސާނުން" ނެވެ ކިޔޭފަދަ ބަޔަކު މުސްލިމުންގެ ތެރެޔަކު ނެތެވެ. އިސްލާމީ ދުނިޔެ ހިމެނިފައިވަނީ މަރުވެފައިވާ ރޫޙުތަކުގެ ސަރާސަރު ދަނާވައްޗަކަށެވެ. އެތާނގައި އަލީގެ ފިޔަޖެހުމާއި، ފާރުތަކުގެ އުސްކަމާއި ވަރުގަދަކަން އެބަހުއްޓެވެ. ނަމަވެސް ކުރީގެ މުސްލިމުންކަހަލަ އިންސާނުންނެއް ނެތެވެ. މާތް ﷲ އަށްޓަކައި އެބައެއްގެ ހިތްތައް ތެޅޭތެޅުމުގެ ސަބަބުން ޙަޤީޤަތުގެ ކުރިމަތީގައި ބޯލަނބާ މީހުންނެވެ. އާޚިރަތަށްޓަކައި ތިމާގެ ދުނިޔެ ޤުރުބާންކުރާން ކެރޭ މީހުންނެވެ. މަތިވެރި އުސޫލުތަކަކާ ތިމާގެ އެދުންތައް ތަބާކުރެވޭ މީހުންނެވެ.

އިސްލާމްދީނަށް ނަޞްރު ހޯދުމަށްޓަކައި ބޭނުންވަނީ އެބަޔަކަށް އަރަހުށި މާތް ﷲ ގެ މަތިވެރިވަންތަކަން އިޙުސާސް ކުރެވޭލެއް ބޮޑުކަމުން ހިތްތިރިވެފައިވާ މީހުންނެވެ. އާޚިރަތްދުވަސްދެކެ ގަންނަބިރު އެބަޔެއްގެ ކިބައިން ބޮޑާކަން ނިގުޅައިގެންފައިވާ މީހުންނެވެ. ނަމަވެސް މުސްލިމުންގެ ފުރިފައިވާ ހައިބަތުހުރި ފޭލިގެޔަކު މިއަދަކު އެކަހަލަބަޔަކު ނެތެވެ.



ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން