މަސްޖިދުލް އަޤްޞާ
މަސްޖިދުލް އަޤްޞާ
އެއްރެއެއްގައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލިމް އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ނަމާދު ކުރައްވަން ހުންނެވިއެވެ. އެވަގުތު އެތަން ﷲ ރުއްސުންލެއްވި ޚުޛައިފާ ބުނު އަލްޔަމާން އަށް ފެނިވަޑައިގަތެވެ. އަދި އެކަލޭގެފާނު އަވަސް އަވަހަށް ވުޟޫކޮށްލައްވައިގެން، ވަޑައިގެން ލޮބުވެތި ރަސޫލާގެ ފަހަތްޕުޅުގައި ހުއްޓިވަޑައިގެން ނަމާދުގައި ބައިވެރިވެ ވަޑައިގެންފިއެވެ. އެހެންނަމަވެސް ޚުޛައިފަތުގެފާނު އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުގައި ބައިވެރިވެވަޑައިގެންނެވި ކަމެއް އެނގިވަޑައި ނުގެންނެވިއެވެ. އެކަލޭގެފާނު ހީފުޅުކުރެއްވީ ޚުޛައިފަތުގެފާނު ގިނިކަންޏާ ނަމާދު ކުރައްވަނީ ކަމަށެވެ.

ލޮބުވެތި ރަސޫލާ ސޫރަތުލް ފާތިޙާއަށް ފަހު ބަޤަރާސޫރަތް ކިޔަވާ ވިދާޅުވާން ފައްޓަވައިފިއެވެ. އަދި މުޅި ސޫރަތް ވިދާޅުވިއެވެ. އެއަށްފަހު ނިސާ ސޫރަތް ފަށްޓަވައިގެން އެސޫރަތްވެސް ކިޔަވާވިދާޅުވެ ނިއްމަވައިފިއެވެ. ދެން އާލް ޢިމްރާން ސޫރަތް ފަށްޓަވައި އެސޫރަތްވެސް ނިންމެވީއެވެ. އެކަލޭގެފާނު ކިޔަވާ ވިދާޅުވަނީ ތަޖްވީދުމަގުން އެހާމެ ލަސްލަހުންނެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް އާލް ޢިމްރާން ސޫރަތް ކިޔާވާ ވިދާޅުވުމަށް ފަހު، ދެން ރުކޫޢަށް ވަޑައިގަތެވެ. އަދި ރުކޫޢުވެސް ވަރަށް ދިގުކުރެއްވިއެވެ. ދެން ރުކޫޢުން ތެދުއެވަޑައިގެން އެހާމެ ގިނައިރު ވަންދެން އިޢުތިދާލަށް ހުންނެވިއެވެ. ދެން އެއަށްފަހު ސަޖިދައަށް ވަޑައިގެން ރުކޫޢުއާ އެއްވަރަށް ސަޖިދައިގައި އޮންނެވިއެވެ.

މަތީގައި ދެންނެވުގޮތަށް ލޮބުވެތި ރަސޫލާ, މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލިމް ހަތަރު ރަކްޢަތް ކުރެއްވިއެވެ. ދެން ސަލާމް ދެއްވިއެވެ. ޚުޛައިފަތުގެފާނުވެސް ސަލާމްދެއްވިއެވެ. ނަމާދުން ނިމިވަޑައިގެންނެވިއިރު ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލިމް އަށް ޚުޛައިފަތުގެފާނު އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރެެއްވިކަން އެނގިވަޑައިގެންނެވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. "ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ނަމާދު ކުރައްވާކަން ނޭންގެވީ ކީއްވެގެންތޯއެވެ؟ އެއިރުވެސް ޚުޛައިފަތުގެފާނުގެ ހަށިކޮޅުގައި ވޭންއަޅައެވެ. އެކަލޭގެފާނު ދެންނެވިއެވެ. ކަލޭގެފާނު ޙައްޤާއިގެން ފުނުއްވި ރަސްކަލާނގެ ގަންދެއްވައި ދަންނަވަމެވެ. ތިމަން ކަލޭގެފާނުގެ ބުރިކަށިފުޅުގައި އެތައް އިރުއްސުރެން ވޭން އެބައަޅައެވެ. އެހިނދު ލޮބުވެތި ރަސޫލާ ޙަދީޘްފުޅު ކުރެއްވިއެވެ.



"ކަލޭގެފާނު ތިމަންކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުގައި ބައިވެރިވެވަޑައިގެން ހުންނެވިކަން އެނގިވަޑައިގެންނެވިނަމަ ނަމާދު ލުއިކުރެއްވީމުހެވެ." (މުސްލިމް)

އިރުޝާދު:

1. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލިމް ރޭއަޅުކަން ކުރެއްވުމުގައި އެކަލޭގެފާނުގެ ފައިންޕުޅު ދުޅަވެ ފަޅަފަޅައިގެން ދާންދެން އުޅުއްވަތެވެ. ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނަކީ އިސްފަހުގެ ހުރިހާ ފާފައެއް ފުއްސަވައިފައިވާ ބޭކަލެކެވެ. ތިޔަގޮތަށް އުޅުއްވަނީ ކީއްވެގެންތޯއެވެ. ދެން ފަހެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ފަހެ ތިމަން ރަސޫލާ ޝުކުރުވެރި އަޅަކަށް ނުވާންވީ ހެއްޔެވެ؟" (ބުޚާރީ، މުސްލިމް)

2. ނަމާދު އެޅުމުގައި ހޭނުލެވުމާއި ހަނދާންނެތިވުމަކީ ދީނުގައި ޤަބޫލުކުރެވޭ ދެޢުޒުރެވެ. އެކަމުގައި ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އިރުއަރަންދެން ނަމާދަށް ހޭނުލައި އޮތުމަކީ ނުވަތަ ނަމާދަށް ހޭނުލެވި ނަމާދުއެޅުން އާދަކުރުމަކީ ޢުޒުރެއް ނޫނެވެ. މިހެން ދިމާވާން ޖެހެނީ ޝައިޠާނާ އޭނާގެ މައްޗަށް ވެރިވެގަންނާތީއެވެ. އެއްފަހަރެއްގައި މީހަކު ރޭގަނޑު ނިދާފައި އޮތްވާ ހެނދުނު ވީއިރުވެސް ހޭނުލެވުނު ވާހަކަ ރަސޫލާގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

"އޭނާގެ ކަންފަތަށް ޝައިޠާނާ ކުޑަޙާޖަތް ކުރީއެވެ." (ބުޚާރީ، މުސްލިމް)

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން